މާޅޮސްމަޑުލު ދެކުނު ބުރީގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދިޔަ ހިބަޅިދޫން ހަތިޔާރު ތަކެއްފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު(ޕާޕާ)ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވައިފި އެވެ.
މި މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ހިބަޅިދޫގައި ހަނގުރާމަވެރި ހަތިޔާރު ހުރިކަމުގެ އިންޓެލިޖެންސް މައުލޫމާތާއެކު ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ހޯދައި މީޑިއާތައް މެދުވެރިކޮށް އެކަން ހާމަކޮށް އެތަކެތި ދައްކާލާފައިވަނީ 2015 އޮކްޓޫބަރު 31 ވަނަ ދުވަހުގެރޭ އިސްކަންދަރު ކޮށީގައި އޮތް ބައްދަލުވުމެއްގައެވެ.
ހިބަޅިދޫގައި ހަނގުރާމަވެރި ހަތިޔާރު ހުރިކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސަށް ލިބުމާއެކު އެރަށް ބަލައި ފާސްކޮށްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެން ކަަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވަނީ އެރޭގެ ނުސްވެރިންގެ ބައްދަލުވުމުގައި ވިދާޅު ވެފައެވެ.
ހިބަޅިދޫން ފެނުނު ހަތިޔާރު ނަގާފައިވަނީ އެރަށަށް ވަންނަ ނެރުން ވަންނަ ހިސާބުން ކަނޑުގެ 42 މީޓަރު އަޑިން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެފައި ވެއެވެ. އިހްސާން ވިދާޅުވީ ހަތިޔާރުތައް ފެނިފައިވަނީ ދަބަހެއްގެ ތެރޭގައި ހުއްޓައި ކަމަށެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވާ އަދީބާއި ޕާޕާގެ މައްޗަށް މިހާރު ވެސް ވަނީ އެހެން މައްސަލަތަކެއްގައި ބޮޑެތި ޖަލު ހުކުމްތަކެއް އައިސްފަ އެވެ.