މާޅޮސްމަޑުލު ދެކުނު ބުރީގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދިޔަ ހިބަޅިދޫން ހަތިޔާރު ތަކެއްފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު(ޕާޕާ)ގެ އިތުރުން ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
ދެން މި މައްސަލާގައި ދައުވާ އުފުލާފައިވަނީ އެފްއޭއެމްގެ ނޮމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އަދި މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީގެ މައްޗަށެވެ.
މި މީހުންގެ ތެރެއިން ފަޔާޒު، 26 އޭޕްރީލް 2015 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޯޑްނަންސް ސާވިސް ޔުނިޓްގެ ހިންގުމާ ހަވާލުވެހުރިއިރު އެ ޔުނިޓްގެ ބެލުމުގެ ދަށުގައިވާ ބަޑި ގުދަނުގެ ލިޔުންތައް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އަދި ބަޑި ގުދަނުން ގެއްލިފައިވާ ބައެއް ހަތިޔާރު ހޯދުމުގެ މަސައްކަތް ކުރުމަށް ހުރަސް އަޅާފައިވާތީ އާއި ފަޔާޒު އެ މާގާމާ ހަވާލުވެހުރެ ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ބަޑި ގުދަނުން ހަތިޔާރު ނެރެފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން ބައެއް ހަތިޔާރު 30 އޮކްޓޯބަރު 2015 ގައި ހިބަޅިދޫއިން ފެނިފައިވާތީ ފަޔާޒުގެ މައްޗަށް ދައުވާކުރާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
މި މީހުންގެ ތެެރެއިން އަހުމަދު އަދީބާއި މުހައްމަދު ހުސެއިންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ އެކި ދުވަސް މަތިން އަދީބު ދިރިއުޅުއްވަމުން ގެންދެވި ގ. ހުމަށި ގޭގެ ނުވަވަނަ ފަންގިފިލާގެ އެޕާޓްމެންޓާއި ރެހެންދި ފްލެޓްގެ 2 އެއްގެ އެޕާޓްމެންޓް 6ބީގައި ގޮވާ ތަކެއްޗާއި ހަނގުރާމަވެރި ހަތިޔާރު ގެންގުޅިފައިވާތީ ކަމަށް ދައުވާގައިވެ އެވެ.
މި އެންމެން ބައިވެރިވެގެން ހަތިޔާރު ހިބަޅިދޫއަށް ގެންގޮސްފައިވާތީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ހާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުން އަދީބާއި ފަޔާޒާއި އަހުމަދު އިޝްފާހާއި މުހައްމަދު ހުސެއިން އަދި މުހައްމަދު އައްލާމް ލަތީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ ކަމަށް ދައުވާގައިވެ އެވެ.