ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދިޔަ ބ. ހިބަޅިދޫން ހަތިޔާރު ތަކެއްފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު(ޕާޕާ)ގެ އިތުރުން ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
މިއަދު ޝަރީއަތަށް ހާޒިރުކުރެވިފައިވަނީ އަދީބާއި ޕާޕާ އެކަންޏެވެ. ދެން މި މައްސަލާގައި ދައުވާކުރާ އެފްއޭއެމްގެ ނޯމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އަދި މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީ ހާޒިރުކުރެވިފައެއް ނުވެ އެވެ. އެމީހުން ތިބީ ބޭރު ގައުމުތަކުގައި ފިލަ އެވެ. ދައުލަތުން ބުނީ، އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާ ބެހޭ މުއައްސަސާތަކާއެކު ކުރަމުން އަންނަ ކަމަށެވެ.
މައްސަލާގައި މި ފަސް މީހުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާ މިއަދު ވަނީ ދައުލަތުން އިއްވާފަ އެވެ. ދައުވާގައި ބުނެފައިވަނީ، އޭރުގެ ބަޑިގުދަނުގެ ވެރިޔާ ފަޔާޒު، 26 އޭޕްރީލް 2015 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޯޑްނަންސް ސާވިސް ޔުނިޓްގެ ހިންގުމާ ހަވާލުވެހުރިއިރު އެ ޔުނިޓްގެ ބެލުމުގެ ދަށުގައިވާ ބަޑި ގުދަނުގެ ލިޔުންތައް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ބަޑި ގުދަނުން ގެއްލިފައިވާ ބައެއް ހަތިޔާރު ހޯދުމުގެ މަސައްކަތް ކުރުމަށް ހުރަސް އަޅާފައިވާތީ އާއި ފަޔާޒު އެ މާގާމާ ހަވާލުވެހުރެ ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ބަޑި ގުދަނުން ހަތިޔާރު ނެރެފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ބައެއް ހަތިޔާރު 30 އޮކްޓޯބަރު 2015 ގައި ހިބަޅިދޫއިން ފެނިފައިވާތީ ފަޔާޒުގެ މައްޗަށް ދައުވާކުރާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
މި މީހުންގެ ތެެރެއިން އަހުމަދު އަދީބާއި މުހައްމަދު ހުސެއިންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ އެކި ދުވަސް މަތިން އަދީބު ދިރިއުޅުއްވަމުން ގެންދެވި ގ. ހުމަށި ގޭގެ ނުވަވަނަ ފަންގިފިލާގެ އެޕާޓްމެންޓާއި ރެހެންދި ފްލެޓްގެ 2 އެއްގެ އެޕާޓްމެންޓް 6ބީގައި ގޮވާ ތަކެއްޗާއި ހަނގުރާމަވެރި ހަތިޔާރު ގެންގުޅިފައިވާތީ ކަމަށް ދައުވާގައިވެ އެވެ.
ދައުވާ އިއްވުމުން ދައުވާ ސާފުވެއްޖެތޯ ސުވާލުކުރުމުން އަދީބާއި ފަޔާޒު ވެސް ވަނީ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެފަ އެވެ. ދައުވާ ސާފުނުވާ ކަމަށް ވިދާޅުވުމުން އަނެއްކާ ވެސް ދައުވާ އިއްވި އެވެ. ދެން ވެސް ވިދާޅުވީ، ދައުވާ ސާފުނުވާ ކަމަށެވެ. އަދި ކުރިއަށް ދާން ބޭނުންވަނީ ގާނޫނީ ވަކީލަކާއެކު ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވެ އެވެ.
އަދީބު ވިދާޅުވީ، މީގެކުރިން ވެސް އެ އަމަލުގެ ސަބަބުން އޭނާގެ މައްޗަށް ދައުވާކޮށް ހުކުމެއް ކޮށްފައިވާ ކަމަށެވެ. އަދި އެއް އަމަލެއްގައި ގިނަ ދައުވާތަކެއް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ވެސް ވިދާޅުވި އެވެ. މިގޮތަށް އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގާނޫނާ ހިލާފު ދައުވާއެއް ކަމަށް ވިދާޅުވެ ސުވާލު އުފެއްދެވުމުން ދައުލަތުން ބުނީ، މިއީ މުޅިން ވަކި މައްސަލައެއް ކަމަށެވެ. ކުރިން ދައުވާކޮށް ހުކުމްކުރީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކަމަށެވެ. މި މައްސަލާގައި ދައުވާކުރަނީ އާންމުންގެ ތެރޭގައި ހަތިޔާރު ގެންގުޅުނު މައްސަލާގައި ކަމަށެވެ. ދައުލަތުން މިހެން ބުނެފައިވާއިރު ލޯންޗުކޮޅު މައްސަލާގެ ދައުވާގައި ވެސް އަދީބު ހަތިޔާރު ގެންގުޅުނު ވާހަކަ ބުނެފައި އޮތެވެ.
ދައުވާއާ މެދު ފަޔާޒު ގިނަ ސުވާލުތަކެއް އުފެއްދެވި އެވެ. އޭނާ ވިދާޅުވީ، ދައުވާގައި ބުނެފައިވާ ތާރީހަކީ ވެސް ގޯސް ތާރީހެއް ކަމަށެވެ. އަދި މިފަދަ ބޮޑު މައްސަލައެއް ޝަރީއަތާ ހަމައަށް ދިޔައިރު އޭނާގެ ބަޔާނެއް ވެސް ނަގާފައިނުވާ ކަމަށެވެ. ފަޔާޒު ވިދާޅުވީ، ތަހުގީގުނުކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތް ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނުން ލިބިފައިވާ ފޮނި މީރުކަން ނަގާލުން ކަމަށް ވިދާޅުވި އެވެ.
އަދީބާއި ފަޔާޒަށް ވަނީ ވަކީލުން ހަމަޖައްސައި، ޖަވާބުދާރީވުމަށް 17 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ވަކީލުން ހަމަޖައްސަން 17 ދުވަސް ޝަރީއަތުން ދިން ނަމަވެސް ވަކީލުން ހަމަޖެއްސުމަށް އަދީބު އެދުނީ 30 ދުވަހެވެ. ފަޔާޒު އެދުނީ 20 ދުވަހެވެ. މި މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހު ތިންވަނަ ދުވަހު އެވެ. އަދި އަންނަ މަހުގެ 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު ވެސް މި މައްސަލާގެ އަޑުއެހުމެއް އޮންނާނެ އެވެ.
މި މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ހަތިޔާރު ހިބަޅިދޫއަށް ގެންގޮސްފައިވާތީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.