ކޮވިޑް-19 އާއެކު ޗައިނާއިން އެޅި ފިޔަވަޅުތަކަށް ފަހު ޗައިނާގެ ފަތުރުވެރިން ފުރަތަމަ ފޮނު ވާނީ ސްރީލަންކާއަށް ކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އިސް އޮފިޝަލުންނާ ހަވާލާދީ ސީޖީޓީއެން އިން ބުނި ގޮތުގައި އެ ޕާޓީގެ ޕޮލިޓި ބިއުރޯގެ މެމްބަރު ޔަންގް ޖައިޗީ އާއި ސްރީލަންކާގެ ރައީސް ގޮތަބަޔާ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވަނީ ފަތުރުވެރިކަމާ ގުޅޭ މަޝްވަރާތަކެއް ބާއްވާފަ އެވެ.
\
އެ މަޝްވަރާތަކާއެކު ލަންގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފައި ވަނީ ކޮވިޑަށް ފަހު ލަންކާއަށް ދާ ޗައިނާގެ ފަތުރުވެރިން އިތުރު ކުރަން ލަންކާ ސަރުކާރުން އެދިފައިވާ ކަމަށާއި ދެ ގައުމުގެ ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ޓްރެވަލް ބަބުލް ގާއިމްކުރުމާއި ގުޅޭ މަޝްވަރާތައް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ކޮވިޑަށް ފަހު ޗައިނާއިން ފަތުރުވެރިން ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމުން ފުރަތަމަ ގްރޫޕް ދަތުރު ކުރާނީ ލަންކާ އަށް ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮވިޑްގެ ކުރިން ވެސް ޗައިނާގެ ފަތުރިވެރިން ލަންކާއަށް ގިނަ އަދަދަކަށް ޒިޔާރަތް ކުރަމުން ދިޔައެވެ.