ދުނިޔެ

ތުރުކީއާ ލަންކާއާ އޮންނަނީ ވަރަށް ގާތް ގުޅުމެއް: ތުރުކީ

ތުރުކީއާ ސްރީ ލަންކާއާ ދެމެދު ސިޔާސީ ގޮތުން ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި ދެ ގައުމަކީ ވަރަށް ގާތް އެކުވެރި ދެ ގައުމު ކަމަށް ލަންކާއަށް ކަނޑައަޅުއްވާފައި ކުރިން ހުންނެވި ތުރުކީ އެމްބެސަޑަރު، ތުންކާ އޮސްހާދާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ބައިނަލްއަގްވާމީ މަޝްރަހުގައި އަދި ވަކިވެގަތުމަށް މަސައްކަތްކުރާ އާބާދީތަކާ ކުރިމަތިލުމުގައި ވެސް ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށެވެ.

އެމްބެސެޑަރު ތުންކާ މިހެން ވިދާޅުވީ ވީޑިއޯ މެދިވެރިކޮށް އިސްތަންބޫލްގައި ހުންނަ ސައުތު އޭޝިއާ ސްޓްރެޓެޖިކް ރިސާޗް ސެންންޓަރުގެ ވެރިޔާ ޝެމާލް ދެމީރްއަށް މައުލޫމާތު ދެއްވަމުންނެވެ.

ބައިނަލްއަގްވާމީ ޖަމާއަތްތަކުގައި ލަންކާއިން ވޯޓް ދެނީ ވެސް ތުރުކީއާ މަސްވަރާ ކުރުމަށް ފަހު ތުރުކީއަށް ކަމުދާ ގޮތަށް ކަމަށް ވެސް އެމްބެސެޑަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތުރުކީއާ ލަންކާގެ ގުޅުން ތާރީހު ތެރެއަށް ވަދެގެން ދާއިރު ފެށިފައި އޮތީ 1864 އާ ހިސާބުން ކަމަށެވެ.

ތުރުކީގައި ލަންކާއިން އެމްބަސީއެއް ހުޅުވީ 2012 ގައި އަދި ލަންކާގައި ތުރުކީ އެމްބަސީއެއް ހުޅުވީ 2013 ގަ އެވެ. އެހެން ނަމަވެސް ދެ ގައުމަށް ދިމާވާ ދަތިތަކުގައި ވެރިން އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރައްވާކަން ފާހަގަ ކުރައްވައި އެމްބެސެޑަރު ވިދާޅުވީ ތުރުކީގެ ރަޢީސް ކަމަށް އުރުދުޣާން ވަޑައިގަތުމުގެ ކުރިން، ބޮޑުވަޒީރު ކަމުގައި ހުންނެވިއިރު ވެސް ލަންކާއަށް ވަޑައިގެންނެވި ކަަމަށެވެ.

ލަންކާއަށް މިހާރު އަންނަމުންދާ ބަދަލުތަކާ ގުޅުވައިގެން އެމްބެސެޑަރު ވިދާޅުވީ ލަންކާ އަކީ ވިޔަފާރި ބަނދަރެއް ކަމަށާއި ކޮލޮމްބޯ ޕޯޓަކީ ޗައިނާގެ މެރިޓައިމް ސިލްކް ރޯޑަށް މުހިންމު ތަނެއް ކަމަށެވެ އަދި އިންޑިއާ ކަނޑު ހުރަސްކޮށް ދުނިޔޭގެ ވިޔަފާރީގެ ބޮޑު ހިއްސާއެއް ދައުރުވަމުންދާ ކަމަށެވެ.