ތިމާވެށި

ފިނޮޅަށް ދޫކޮށްލާނީ ފިޔަވަޅުގެ ނިޝާން އެކަނި!

ކުދި ޖަޒީރާތަކެއްގެ މި ގައުމުގައި މީހަކު އަތް ނުލައި ފައި ބީއްސާ ނުލާ އެތައް ފިނޮޅެއް އެބައޮތެވެ. ލޮކްޑައުންގެ ހާސްކަމާއި ދިރިއުޅުމުގެ އުދާސްތައް ފިލުވައިލަން މިދުވަސްވަރު އެންމެން ވެސް ހިތް ކިޔައިގެން މިއުޅެނީ ކޮންމެވެސް އެއް ފިނޮޅަކަށް ދާށެވެ. ރަށްރަށަށް ނުދެވުނަސް ފިނޮޅަށް ދެވެ އެވެ.

ސާފު ހުުދު ދޮނެވެލި ފިނޮޅެއްގައި ހަތަރު ފަރާތުން ރާޅުޖަހާއިރު އެ ހިތްގައިމުކަމުން ހިތް އުފާކޮށްލަން ދަނީ ވަރަށް ބޮޑަށް ތައްޔާރުވެލައިގެންނެވެ. ސޯޝަލް މީޑީއާއަށް ދަތުރުގެ އުފާވެރި ފޮޓޯތައްލުުމުގެ ބޭނުމުގައާ އެއްކޮށެވެ. އެ ދަތުރުގައި އެއްމެން އެއްކޮށް ކާން ބޭނުން ކުރާނެ ބަތްޕާރުސަލު ޕެކެޓާއި ބޯނެ އެކި ކަހަލަ ފުޅިތައް ދަބަހަށް ލައިގެންނެވެ. ކަރުތެރެތެއްމާލައި މެއަށް ފިނިކޮށްލަން ޖޫސްޕެޓީ ހަދައި އެވެސް ހިފައިގެނެވެ. ކާން ޑިސްޕޯޒަބަލް އުލާއި ސަމްސަލާ އެއާ ވާނެހާ އެއްޗެއްކާއި ދަރުތުގު ފޯރި ނަގާ މަޖާކޮށްލައި ކުލަޖަހަން ކޮތަޅު ކޮތަޅަށް ކުލަ އަޅައިގެނެވެ.

އަވީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ މޫދަށް އެރި ފަތާލާ ސަތޭކައެއްހާ ސެލްފީ ނަގާ ދުވަސް ނިމޭއިރު ހުންނަނީ މުޅި މީހާ އެއްކޮށް އަނދާފަ އެވެ. އަދި ވަރުބަލިވެފަ އެވެ. އަނބުރާ އަންނަން ބަލާއިރު ގެންދިޔަ އެއްޗަކަށް ވެސް މާ ބޮޑު ފަރުވާލެއް ނުބެހެއްޓެ އެވެ. ގެންދިޔަ ތަކެތިން އުފެދުނު ކުންޏަށް އަމުދުން ސާފުކުރުމެއް ނޯވެ އެވެ. މިއީ އާއްމުކޮށް ދަތުރުގޮސް ނިމޭއިރު ކަންވާ ގޮތެވެ.

ދަތުުރު ދިއުމާއި ފިނޮޅަށް ދިއުމުގައި ވިޔަސް ވިސްނަންވީ ކަމެއް އެބައޮތެވެ. ދުވަސް ނިންމާލައި އެ އުފާވެރި މާހައުލުން އަނބުރާ ދާއިރު އެއްވެސް ކުންޏެއް ފިނޮޅަށް ދޫކޮށްލާފައި ނުދިއުމަށެވެ. ހަމައެކަނި ދޫކޮށްލާފައި ދާންވީ އަމިއްލަ ފިޔަވަޅުގެ ނިޝާނެކެވެ.

އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީއިން މިއަހަރުގެ އޯގަސްޓް މަހުގައި އާއްމުކުރި ދިރާސާއަކުން ދައްކާގޮތުގައި މުޅި ދުނިޔޭގެ ނިސްބަތުން މައިކްރޯޕްލާސްޓިކް އެންމެ ގިނައީ ރާއްޖޭގެ ނައިފަރު ސަރަހައްދުން ނެގި ސާމްޕަލެއްގަ އެވެ. ކަނޑުތަކާއި ކަނޑުގެ ދިރުމަށް ގެއްލުންދޭ މައިކްރޯޕްލާސްޓިކް ނުވަތަ "ނާޑްލްސް" ދިވެހިރާއްޖޭގެ ކަނޑުތަކުގައި ކޮންސެންޓްރޭޝަން އިންތިހާއަށް ގޮސްފައި ވަނީ ކަނޑުގެ އޮޔާއި ހެދި އެހެން ގައުމުތަކުން ކުނި ލެއްގުމާއި ރާއްޖޭގެ އެކި އެކި ރީކްލެމޭޝަން ޕްރޮޖެކްޓްގެ ސަބަބުންނާއި ފެނާއި ނަރުދަމާ ނިޒާމްތައް ހަރުދަނާ ނުވުމާއި ކުނި މެނޭޖްކުރުމުގެ މައްސަލަ އާއި ހެދި އެވެ.

ފިނޮޅުތަކަށް ދިއުން މިދުވަސްކޮޅު ވަރަށް ބޮޑަށް އާއްމުވެފައިވާ އެއް ސަބަބަކީ ކޮވިޑް-19 އާއެކު ވީކެންޑަށް ކައިރި ރަށަކަށް ދެވެން ނެތުނީމަ އެވެ. ޓުއަރިސްޓުން އައުން މަދުވެ ގެސްޓްހައުސްތައް ބަންދުވެފައި ވާތީ ފަތުރުވެރިން އެކްސްކާޝަނަށް ގެންދާ ސަފާރީ ލޯންޗުތަކުގެ މީހުންނަށް ކިރިޔާވެސް އާމްދަނީ އެއް ލިބެން އޮތީ ދިވެހިންނަށް މި ޕެކޭޖްތައް ވިއްކާލައިގެނެވެ.

ސަމާލުކަމަށް ފިނޮޅުތަކަށް ގޮސް ޒިންމާދާރު ކަމެއް ނެތި މީހުން އުކާލާ ކުނީގެ މަައްސަލަ ނަގައިގެން މިހާރު މިއުޅެނީ ސާޒިޔާ (ސާޒު) ސާއިދެވެ. ސާޒިޔާއަކީ ޕްރޮފެޝަނަލް ޑައިވަރަކެވެ."ފަރުކޮއި" ޕްރޮގްރާމަށް އެހީތެރި ވެދިން ވޮލަންޓިއަރެކެވެ. އޭނާ ރާއްޖޭގެ ޕްލާސްޓިކް ޕޮލިއުޝަނާއި، ގޯސްޓްފިޝިން ގިއަރުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި މޫސުމަށް އަންނަ ބަދަލާމެދު ދިވެހިން ހޭލުންތެރި ކުރުވުމަށް "ސްޓޭންޑްއަޕް ފޯ އަވަ ސީސް" ނަމުގައި ބ. އަތޮޅުގައި ޕެޑަލްބޯޑްގައި 100 ކިލޯމީޓަރަށް ފަލިޖަހާފައިވެ އެވެ. ތިމާވެށީގެ ކަަންކަމަށް މީހުން ހޭލުންތެރިކޮށް އެޑްވޮކޭޓް ކުރެ އެވެ.

ސްޓޭންޑް އަޕް ފޯ އަވަ ސީސް ގެ އިތުރު ބައިވެރިއެއް ކަމުގައިވާ ދަފީނާ (ދަފީ) "ރާޅުއެދުރު" ގެ ފައުންޑާ މެންބަރަކީ ވެސް ސާޒިޔާ އާއި އެއްގޮތަށް ތިމާވެށީގެ ކަންކަމުގައި އެޑްވޮކޭޓްކުރާ އަންހެނެކެވެ. ދަފީގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާ ހިއްސާ ކުރި ފޮޓޯއެއްގައި ވަނީ ހުވަފެންފުށި އާއި ތިން ކިލޯމީޓަރު ދުރުގައި އޮތް ފިނޮޅަކަށް ދަތުރު ދިޔަ ބަޔަކު އުކާލާފައިވާ ބޮޑު ކުނި ފުންޏެކެވެ. ބޮއެފައި ހުރި ފުޅިއާއި ދަޅެވެ. ޕްލާސްޓިކް ތައްޓާއި އެކި އެކި ކުނި ބުންޏެެވެ.

ދަފީ އޭނާގެ ޕޯސްޓްގައި ބުނެފައިވާ ގޮތުގައި އެގޮތަށް ދަތުރުގޮސް ކުނި އުކާލަނީ ވެމްކޯ ނުވަތަ ކައިރި ރިސޯޓުން އެ ނަގާނެ ކަމަށް ބަލައިގެނެވެ. އެހެންވެ ކައިރީގައި އޮތް ރިސޯޓަށް ގުޅައި ބެލި އިރު ފިނޮޅުތަކަށް މީހުން އަޅާ ކުނި އެމީހުނެއް ވެސް ނުނަގަ އެވެ.

"މާލެއިން ބޭރުވަނީ ދަތުރަކު ގޮސްގެން، އެ ދަތުރު ދާންވީ އެއްމެންވެސް. މާލެ ކައިރި ރަށްތަކަށް ނުދެވޭތީ ފިނޮޅުތަކަށް އެންމެން މި ދަނީ. ދާ އިރު ކުނިތައް އުކާލާފައި އަންނަނީ ކައިރި ރިސޯޓުން ސާފުކުރާނެ ކަމަށް. އެއީ ރިޒޯޓްތަކުގެ ޒިންމާއެއް ނޫން. ދަތުރުގެންދާ އެކްސްކާޝަން އަށް ގެންދާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުވުން ރަނގަޅު. އެކަމު ކަންތައް މިވަނީ އެހެނެއް ނޫން ،އެބައެއް ގެންދާ އެއްޗަކަށް ޒިންމާވާންވީ އެބަޔަކު" ސާޒު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޕާލޭ އަދި ވެމްކޯއަށް ގުޅައިގެން އެގޮތަށް ފިނޮޅުތަކުގައި އުކާލާފައި ހުރި ކުނި ނަގަން އޭނާ މަސައްކަތް ކުރެ އެވެ. އެކަމަކު އެއީ މައްސަލައަށް ހައްލެއް ނޫނެވެ.

"އުކާލާފައި ދާ ކުނި ނަގަން އެހެން ބަޔަކު އަންނާނެ ކަމަށް ބަލައިގެން ނުވާނެ. އޭރަށް ނަގާ ބަޔަކު ނަގާހާ ވާނީ. އެއްމެންގެ އުފަލަކަށް ބޭނުންކުރާ ފިނޮޅުތައް ރީތިކޮށް އޮތުން މުހިއްމު. ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ބެލެހެއްޓުން މުހިއްމު. ހާއްސަކޮށް ފިނޮޅުތަކަށް ދޫކޮށްލާ މި ކުނި އޮޔާއެކު ކަނޑަށް ގިސް ކަނޑުގެ ދިރުމަށް ބޮޑު ގެއްލުމެއްވޭ"

ސާޒުގެ ވާހަކައަކީ ފިނޮޅުތަކަށް ހަމަ ދާންވީ އެވެ. ގޮސް މަޖާވެސް ކުރަންވީ އެވެ. އެކަމަކު ދާ އިރު އެމީހެއްގެ ފަރުދީ ޒިންމާ އެ މީހަކު އާދާކުރަންވީ އެވެ.