ރިޕޯޓް

ނުފޫޒު ފޯރުވާ ކަމުގެ އިއުތިރާފެއް!

ޝަރުއީ ނިޒާމަށް ސަރުކާރުތަކުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތަކީ އަބަދުވެސް އޮންނަ ތުހުމަތެކެވެ. ވެރިކަމުގައި ތިބޭ އިރު ކޮންމެ ބަޔަކުވެސް ކޯޓްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ސަރުކާރަށް ފަހިވާ ގޮތަށް ހުކުމްތައް ނެރެން މަސައްކަތް ކުރެ އެވެ. އެކަމަށްޓަކައި އެކި ވެރިން ފަނޑިޔާރުންނަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވަ އެވެ. އަދި ކޮންްމެ ބަޔަކުވެސް އިދިކޮޅުގައި ތިބޭއިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާ ދެކޮޅަށް ވާހަކަ ދައްކަ އެވެ. އެކަންކަމާއި ދެކޮޅަށް އަޑު އުފުލަ އެވެ. މުޒާހަރާކޮށް އެއްވުންތައް ބާއްވަ އެވެ. ފަނޑިޔާރުގެއާ ފަނޑިޔާރުން ސިޔާސީ ނުފޫޒުން މުޅީން އެއްކިބާވާން ޖެހޭނެ ކަމަށް ބުނެ އެވެ.

ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރުންނަކީ މުސްތަގިއްލުކޮށް މަސައްކަތް ކުރަން ޖެހޭނެ ބައެއް ކަމަށް ސާފު ބަހުން ލިޔެފައިވެއެވެ. އެއްވެސް ބައެއްގެ ނުފޫޒުގައި ޖެހިގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ. ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރުމަށްޓަކައި ބޮޑު މުސާރައާ އިނާޔަތް ކަނޑައަޅާފައި ވެއެވެ. ސެކިއުރިޓީ ދެއެވެ. ނަމަވެސް އެކަން ހިނގަނީ އެހެންތޯ ވަރަށް ގިނަ ފަހަރަށް ސުވާލު އުފެދެ އެވެ. ބައެއް ފަހަރު ފަނޑިޔާރުން އިއްވަވާ ހުކުމްތަކުންނެވެ. އަނެއް ބައި ފަހަރަށް ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ ނުފޫޒުން ފަނޑިޔާރުންނަށް މިނިވަން ނުވެވިގެނެވެ.

ވެރިންގެ އަދި ސިޔާސީ ބޭފުޅުންގެ ނުފޫޒުު ކޯޓްތަކުގައި އޮންނަނީ ފޯރުވާ ނުފޫޒުގައި ފަނޑިޔާރުން ޖެހިވަޑައިގަންނަވާތީ އެވެ. އެއީ ޔަގީން ކަމެކެވެ.

ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވާ ވާހަކައާއި ފަނޑިޔާރުންގެ މައްޗަށް ވެރިންގެ ނުފޫޒު އޮންނަ ވާހަކައަކީ ތުހުމަތެކެވެ. އެކަމަށް ސަރުކާރަކުން ސަރުކާރުގެ ވެރިއަކު އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ. އަބަދުވެސް ވިދާޅުވާ ގޮތުގައި މިނިވަން ކަމާއެކު ފަނޑިޔާރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ޔަގީންކަން ދެއްވަން ފާޅުގައި ފަނޑިޔާރު ގެއާއި ގުޅޭގޮތުން ވެރިން ވާހަކަ ދައްކަވައެއް ނުހައްދަވަ އެވެ. ކުރައްވާ ކަމެއް މުޅީންހެން ކުރައްވަނީ "ސިއްރު" ކޯލްތަކުން ނުވަތަ އެފަދަ ބައްދަލުވުންތަކުންނެވެ. ނުވަތަ ފޮނުވައިލާ "ސިއްރު" މެސެޖަކުން ނޫނީ "ސިއްރު އެޖެންޓެއް" މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ އިދިކޮޅު މެންބަރުން ވަނީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ވެރިން އަދި މަޖިލީހުގެ ރައީސް ނުފޫޒު ފޯރުވާ ކަމަށް ތުހުމަަތު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ހާއްސަކޮށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގުނު ޝަރީއަތަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރިއެވެ. އެ ނުފޫޒު ފޯރުވީ ޖޭއެސްސީގައި ތިއްބެވި ސިޔާސީ ވެރިން ކަމަށް ވިދާޅުވި އެވެ. ޖޭއެސްސީގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެންމެ ބޮޑު ޕާޓީ އަދި ސަރުކާރު މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންނަވަ އެވެ. އަދި މަޖިލީސް މެންބަރުން ތަމްސީލް ކުރައްވަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އިންނަވައެވެ. އެކަމަނާއަކީ އެމްޑީޕީގެ ގާނޫނީ ވަކީލެކެވެ. ރައީސް ނަޝީދުގެ ވަކީލުވެސްމެެއެވެ. އަދި ޔާމީންގެ ސަރުކާރުގައި ހިންގުނު ވަރަށް ގިނަ ޝަރީއަތްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ދެން ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތެވެ. އެމަނިކުފާނު ވެސް އެފަދައެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅުން ކުރެއްވި ތުހުމަަތުތަކަށް ރައީސް ނަޝީދު ޖަވާބު ދެއްވި އެވެ. ނަމަވެސް އެ ޖަވާބުން އެތަށް ސުވާލެއް އުފެދުނެވެ. އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީގައި އެމަނިކުފާނު އިންނެވުމަކީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެއީ އޮޅުމަކުން ވިދާޅުވާ އެއްޗެއް ނޫންކަން ޔަގީން ކޮށްދެއްވަމުން އެއީ އެމަނިކުފާނު ވަރަށް ތެދަށް ދަންނަވާ ވާހަކައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއް ކަމަކީ އަޅުގަނޑު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މި ދަންނަވަނީ. ދިވެހިރާއްޖޭގައި އިންސާފުވެރިކަމާއެކީގައި ޝަރީއަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާވާނެ،" ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއް ކަމަކީ އަޅުގަނޑު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މި ދަންނަވަނީ. ދިވެހިރާއްޖޭގައި އިންސާފުވެރިކަމާއެކީގައި ޝަރީއަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާވާނެ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ނަޝީދުގެ މި ވާހަކަފުޅާމެދު ވަރަށް ގިނަ ބަޔަކު ކަންބޮޑުވެވަޑައިގަތެވެ. ސިޔާސީ ބޭފުޅުން އެ މައްސަލާގައި ވާހަކަ ދެއްކެވިއެވެ. އިދިކޮޅުންވެސް ކަންބޮޑުވިއެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންވެސް ކަންބޮޑުވުން ފާޅުކުރިއެވެ. ހުރިހާ ބޭފުޅުންހެން ވިދާޅުވީ އެއް ވާހަކައެވެ. އެއީ ޝަރުއީ ނިޒާމަށް ނަޝީދު ނުފޫޒު ފޯރުވާ ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގަތުމެއް ކަމަށެވެ. ޖޭއެސްސީގައި ތިބެން ޖެހޭނީ ރައީސް ޔާމީން ބޭފުޅުންވާ ބޭފުޅުންނެއް ނޫނެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވާ ބޭފުޅުންނެއްވެސް ނޫނެވެ. ނަޝީދު އެ ހެއްދެވީ ތެދުފުޅެއް ނަމަވެސް އަދި އެއީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ނަމަވެސް އެ ވާހަކަފުޅު ގޯހެވެ. ބޮޑުތަނުން ގޯހެވެ.

ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނާއިބް ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ނަޝީދުގެ އެ ވާހަކަފުޅާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ. ޖަމީލްވެސް ވިދާޅުވީ ނަޝީދުގެ ވާހަކަފުޅަކީ ވެވުނު އިއުތިރާފެއް ކަމަށެވެ. އެއީ ޖުޑިޝަރީއަށް އެމަނިކުފާނުގެ ނުފޫޒު އޮތް ކަމުގެ އިއުތިރާފެކެވެ.

"އިއުތިރާފެއް އެ ވެވަޑައިގެންނެވީ ޖޭއެސްސީގައި ހުންވައިގެން އެމަނިކުފާނު ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވެވި ކަމަށް. ނަޝީދު އެ އިއުތިރާފުވެވަޑައިގެންނެވީ ކޮންމެވެސް ސިފައެއްގައި ނުފޫޒު ފޯރުވި ކަމަށް. އަޅުގަނޑުގެ ނަޒަރުގައި މިއީ ބަލާ އިތުރަށް ތަހުގީގު ކުރަންވެސް ޖެހޭ ކަމެއް. ސީދާ އެމަނިކުފާނު ޖުޑިޝަރީއަށް އަތް ބާނާ ކަމުގެ އިއުތިރާފެއް އެ ވެވަޑައިގެންނެވީ،" ކުރިން އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ނަޝީދު ނުފޫޒު ފޯރުވި ގޮތްވެސް އޮތީ ދިމާއަށް ފެންނާށެވެ. ޖަމީލް ފާހަގަ ކުރެއްވި ގޮތުގައި ޖޭއެސްސީއަށް ރައީސް ޔާމީންގެ މައްސަލާގައި ހުރި ވަރަށް ގިނަ ކަންބޮޑުވުންތައް ހުށައެޅުއްވިއެވެ. އެއިން އެއްވެސް ކަމެއް ހިނގައިގަންނަން ގޮތް ނުވިއެވެ. އަދި އެއިން އެއްވެސް ޝަކުވާއަކަށް ޖަވާބުދާރީއެއް ނުވިއެވެ. ޖަވާބެއްވެސް ނުދެއްވިއެވެ. ޔާމީންގެ މައްސަލަ ފުރަތަމަ ކުރިއަށް ގެންދެވީ ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމެވެ. ނަމަވެސް ހުުކުމް އިއްވުމަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ހައިލަމްގެ މައްސަލައެއް ބަލަން ފަށާ ސަސްޕެންޑް ކުރީއެވެ. އަދި ފަހުން ފަނޑިޔާރު އަލީ ރަޝީދާ ހަވާލުކޮށް މައްސަލަ ނިންމާ ހުކުމްކުރީއެވެ. އޭރުވެސް ފަނޑިޔާރު އަލީ ރަޝީދާމެދު ހުރި ކަންބޮޑުވުންތައް ވަކީލުން ފާހަގަ ކުރެއްވިއެވެ. ޖޭއެސްސީއަށް މައްސަލަވެސް ހުށައެޅިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރު މިހާރު ކޮބާ ހެއްޔެވެ. ފަނޑިޔާރު އަލީ ރަޝީދަކީ މިހާރު ސުޕްރީމް ކޯޓްގެ ފަނޑިޔާރެކެވެ. ދަށު ކޯޓުން އެންމެ މަތީ ކޯޓަށް ވަޑައިގަތުމަށް ހޭދަކުރައްވަން ޖެހިވަޑައިގެންނެވީ މަދު މަސްތަކެވެ. މިއީ ޖަމީލް ވިދާޅުވާ ގޮތުގައި ނުފޫޒު ފޯރުވި ގޮތް ފެންނަން އޮތް ގޮތެވެ.

"ރައީސް ނަޝީދަކީ ފަނޑިޔާރުގެ ބަލައިގެން ބޭފުޅެއް ނޫން. ކުރެއްވިހާވެސް ކަމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން. ސުޕްރީމް ކޯޓްގެ ތަޅު އެޅުވި، ފަނޑިޔާރަކު ވަގަށް ނެގި. އެހެންވީމަ ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވުމުގެ ހިސްޓްރީ އޮތް ބޭފުޅެއް އެއީ،" ޖަމީލް ވިދާޅުވިއެވެ.

އިއުތިރާފެއް އެ ވެވަޑައިގެންނެވީ ޖޭއެސްސީގައި ހުންވައިގެން އެމަނިކުފާނު ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވެވި ކަމަށް. ނަޝީދު އެ އިއުތިރާފުވެވަޑައިގެންނެވީ ކޮންމެވެސް ސިފައެއްގައި ނުފޫޒު ފޯރުވި ކަމަށް. އަޅުގަނޑުގެ ނަޒަރުގައި މިއީ ބަލާ އިތުރަށް ތަހުގީގު ކުރަންވެސް ޖެހޭ ކަމެއް. ސީދާ އެމަނިކުފާނު ޖުޑިޝަރީއަށް އަތް ބާނާ ކަމުގެ އިއުތިރާފެއް އެ ވެވަޑައިގެންނެވީ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

ރައީސް ޔާމީންްގެ މައްސަލަ ފުރަަތަމަ ބެއްލެވި އަދި ހުކުމާ ހަމައަށް ގެންދެވި ކުރީގެ ފަނޑިޔާރު އަހުމަދު ހައިލަމްވެސް ވަނީ ރައީސް ނަޝީދުގެ އެ ވާހަކަފުޅާމެދު ސުވާލު އުފައްދަވާފައެވެ. ހައިލަމްވެސް ވަނީ އެއީ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާ ކަމަށް ނަޝީދު ވެވަޑައިގެންނެވި އިއުތިރާފެއްތޯ ސުވާލު ކުރައްވާފައެވެ. ހައިލަމް ވިދާޅުވި ގޮތުގައި ނަޝީދުގެ އެ ވާހަކަތަކަކީ އެހެން ކަމަކަށްވެސް ކޮށްޓެވި މަގެކެވެ.

އެއީ ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ނުފުއްދެވުމަށް ދެއްކެވި ބަހަނާއެކެވެ. ވެރިކަމުގެ އައުމާ ހަމައަށް ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން އެންމެ ހަރުއަޑުން ދެއްކެވި ވާހަކައަކީ ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލު ކުރަން ޖެހޭ ވާހަކައެވެ. ކިތަންމެ ހަނި ފުރުސަތެއް ލިބުނު ނަމަވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވެ ތަކުރާރުކޮށް އެ ވައުދުވެވަޑައިގެންނެވިއެވެ.

ނަމަވެސް ވެރިކަމުގެ ތަހުތު ލިބިވަޑައިގަތުމުން އެ ވާހަކަ ދެއްކެވުމުން މުޅީން ހުއްޓާލިއެވެ. ހުއްޓާލީ އެކަންޏެއް ނޫނެވެ. ސިޔާސީ ވެރީން ޖޭއެސްސީއަށް އައްޔަންވެސްވީއެވެ. ރައީސް ނަޝީދެވެ. ހިސާން ހުސައިން އަދި މަސްތޫރު ހުސައިންނެވެ. ޖޭއެސްސީގެ ފުލް ކޮންޓްރޯލް ނެންގެވީ އޭރު އިދިކޮޅުގައި ތިއްބެވި ސިޔާސީ ވެރިންނެވެ. އޭރުގެ ސަރުކާރާ ދެކޮޅަށް އެންމެ ހަރުއަޑުން ވާހަކަ ދެއްކެވި ބޭފުުޅުންނެވެ. ޖޭއެސްސީ އޮތްގޮތް ރަނގަޅު ނޫން ކަމަށް ވިދާޅުވެ އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންނެވެ. ޖޭއެސްސީގައި ސިޔާސީ ވެރިން ތިއްބަވައިގެން ނުވާނެ ކަމަށް ވަކާލާތު ކުރެއްވިވެސް ބޭފުޅުންނެވެ.

ޖަމީލްވެސް އެކަން ފާހަގަ ކުރެއްވިއެވެ. މި ސަރުކާރަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި މުއާހަދާތަކާއި އަދި ބައިނަލްއަގްވާމީ އެކިއެކި ޖަމާއަތްތަކުން ގަބޫލުކުރާ އަދި ކަނޑައަޅާ، އެކަށައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ނިޒާމުތައް ހިންގުމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރެކެވެ. ނަމަވެސް މިހާރު އޮތްގޮތަށް ޖޭއެސްސީ އޮތުން އެއީ ކޮން އުސޫލެއްގައިވާ ބަޔާންކޮށް ކަނޑައަޅާފައިވާ ގޮތެއްތޯ ޖަމީލް ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ބޮޑު ޕާޓީގެ އެންމެ އިސް މީހާ އަދި އޭނާގެ ގާނޫނީ ވަކީލުން ޝަރުއީ ނިޒާމުގެ އެންމެ އިސް މުއައްސަަސާގައި ތިބުމަކީ ބައިނަލްއަގްވާމީ އުސޫލުތަކާއިވެސް ހިލާފު ކަމެކެވެ. އަދި ކޮމަންވެލްތުގެ މިންތަކާއިވެސް ހިލާފު ކަމެކެވެ. ނަމަވެސް މިހާރު އެ އުސޫލުތަކަށް އަދި މިންތަކަށް ތަބާވާން ދެކޮޅު ހަދަނީ މަސްލަހަތުތަކެއް އޮތީމައެވެ. ހިމާޔަތްކުރަން ޖެހޭ މަސްލަހަތުތަކެއް އޮތުމުންނެވެ. އެހެން ނޫންމަ ޖޭއެސްސީ ބަދަލު ކުރުމުގެ ވައުދާއެކު ވެރިކަމަށް އައިސް އެކަން ކުރުމަށް ފަސް ނުޖެހޭނެއެވެ.

"އެމަނިކުފާނު [ރައީސް ނަޝީދު] ވިދާޅު ނުވިނަމަވެސް ދިވެހި ރައްޔިތުންނަށް ސާފު ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރު. ހުދު ރައީސް ނަޝީދު އެ މަސައްކަތުގައި އިސްވެ ހުރިކަން. އަދި ޖޭއެސްސީ މުޅީން ސިޔާސީކޮށް މީން ދުވަހަކު އެ މުއައްސަސާ ހަރާބު ނުކުރާ މިންވަރަށް ހަބާރުކޮށްފައިވާކަން. އެތަށް ފަނޑިޔާރުންނެއްގެ އެކި މައްސަލަތައް އުފައްދައިގެންވެސް ބަލާ ފަނޑިޔާރުންނަށް ބިރު ދައްކާފައިވާކަން. އެއީ މި ދަންނަވާ ނުފޫޒު. މިއަދު ޖޭއެސްސީ ބަދަލުކުރަން ފަސް ޖެހެނީ މި މަސްލަހަތު އޮތީމަ،"

ރައީސް ނަޝީދު އިއްޔެ ދެއްކެވި ވާހަކަ ޖަމީލް އެހެން ބައެއް ވާހަކަތަކާއިވެސް ގުޅުވައެވެ. އެއް ވާހަކައަކީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބަކީ ކުރީ ސަރުކާރުގައި އެމަނިކުފާނު އެޅުވި "ފަންޏެއް" ކަމަށް ވިދާޅުވި ވާހަކައެވެ. ދެން ދާދި ފަހުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ބޮޑު ހިޔާނާތާ ގުޅުންހުރި 70،000 މެސެޖް އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އިދިކޮޅު ލީޑަރުގެ މައްޗަށް ދައުވާ ކުރީ އެކަންކަން ބޭނުން ކޮށްގެންނެވެ. ހާއްސަކޮށް އަދީބު ބޭނުންކޮށްގެންނެވެ.

"މި ހުރިހާ ކަމެއް ކުރެއްވުމަށްފަހު މި ވިދާޅުވަނީ ރައީސް ޔާމީން ބޭނުންފުޅުވެޔޭ ތިމަންނަ ޖޭއެސްސީގައި އިންނަވަން. ކޮން ކަހަލަ ވާހަކައެއްތޯ. އެމަނިކުފާނު ހީފުޅުކުރައްވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަަމަށްތޯ. އެއް ހަަމައަކުން ނަޝީދު މި ދައްކަަވަނީ ބުއްދި ހަމަޖެހޭ ވާހަކަތަކެއްވެސް ނޫން. އެހެންވީމަ މި ފުރުސަތުގައިވެސް އަޅުގަނޑު ގޮވާލަން ޖޭއެސްސީން ނަޝީދު އިސްތިއުފާ ދެއްވުމަށް،"

ބައެއް އެހެން ގާނޫނީ ވަކީލުންވެސް ފާހަގަ ކުރައްވާ ގޮތުގައި ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު އެބައޮތެވެ. އެކަމަށް ހެކިދޭ ކަންކަން އެބަހުއްޓެވެ. ހާއްސަކޮށް ޖޭއެސްސީގެ ނުފޫޒެކެވެ.

މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ޝަރީއަތް ކޯޓްގައި ހިންގަން ފެށުމާއެކު ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލުގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނެވެ. އެ އަމުރު ނެރުނީ ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް ފަހުން ހައިކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅި ނަމަވެސް އަދިވެސް މައްސަލަ ނުނިމެއެވެ. މިހާރު އެ ކޯޓްގައި މައްސަލަ އޮންނަތާ އަހަރު ދުވަސްވަނީއެވެ.

"އެއްކޮޅަކަށް އެކަންޏެއް ނޫން ވާހަކަ ދައްކަވީ. ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްސަލަ ނުނިމި އަހަރު ދުވަސްވީ އަޅުގަނޑުގެ ނަޒަރުގައި ނުފޫޒު އޮތުމުން. އެކަމަށް ޖޭއެސްސީގެ ނުފޫޒު އޮތް ކަމަށް އަޅުގަނޑު ދެކެނީ. އޭރު ދަށު ކޯޓުން [ކްރިމިނަލް ކޯޓް] ޔާމީން ބަންދުގައި ބަހައްޓަން ނިންމީ ފުލުުހުން ހުށައެޅި އިންޓެލިޖެންސް ރިޕޯޓްތަކުގައި ހުރި ސީރިއަސް މައްސަލަތަކެއްގެ ސަބަބުން. ނަމަވެސް ހައިކޯޓަށް އެކަން ނުފެނުނު. ސުޕްރީމް ކޯޓުން މައްސަލަ ހިނގާ ގޮތެއް ނުވި. މިއީ ނުފޫޒެއް ނެތް ނަމަ ވާނެ ގޮތެއް ނޫން،" އެ ވަކީލު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އޭރު ކްރިމިނަލް ކޯޓުން ނިންމީ އެމްއެމްއޭގެ ގަވަރުނަރު މެދުވެރިކޮށް ނުފޫޒު ފޯރުވާން ރައީސް ޔާމީން މަސައްކަތްތަކެއް ކުރާ ކަމުގެ މައުލޫމާތު ހިމެނޭ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ. އަދި ބަޔާނެއް ބަދަލުކުރަން ހަތް ލައްކަ ޑޮލަރު ހުށައެޅި މައްސަލައަކާއި ގުޅިގެން ފުލުހުން ހުށައެޅި ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ. މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި ހައިކޯޓުގެ ނިންމުމާއެކު ފަހުން އެ ބަޔާންވެސް ވަނީ ބަދަލުވެސް ކުރުވާފައެވެ.

ޖަމީލް ވަނީ ރައީސް ޔާމީނާ ގުޅޭގޮތުން ނަޝީދު ކުރެއްވި ތުހުމަތުތަކަށްވެސް ރައްދު ދެއްވާފައެވެ. ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އިންސާފު ނުލިބުނީ ރައީސް ނަޝީދުގެ ސަބަބުންނެވެ. އެމަނިކުފާނު ޖޭއެސްސީގައި އިންނަވާ ފަނޑިޔާރުގެއަށް ފޯރުވި ނުފޫޒުންނެވެ. އެއީ ރައީސް ޔާމީންގެ ވިސްނުންފުޅު ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. ދަށު ކޯޓްގައި މައްސަލަ ހިނގިއިރު އެ މައްސަލަގެ ޝަރީއަތަށް ސަރުކާރުގެ ނުފޫޒު ހާއްސަކޮށް ރައީސް ނަޝީދުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވި ކަމަށް ޔާމީން ގަބޫލު ކުރައްވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި ދަށު ކޯޓްގައިވެސް އަދި މިހާރުވެސް އެމަނިކުފާނަށް އިންސާފު ލިބުމަށް އޮތް ހުރަހަކީ ނަޝީދު. ޖޭއެސްސީގައި އިންނަވައިގެން އެ ގެންދަވަނީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން. ނަޝީދު އެ ވަނީ އެކަމަށް އިއުތިރާފުވެވަޑައިގެންފައި. އަޅުގަނޑު ގޮވާލަން އެ މައްސަލަ ބަލަން،"