ގެސްޓްހައުސް ޓޫރިޒަމް ނުވަތަ ރަށު ޓޫރިޒަމް މާދަމާ ފަށާއިރު 16 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ބޯޑަރު މާޗް 16 ގައި ބަންދު ކުރުމާއެކު އެންމެ ފުރަތަމަ ބަންދުކުރީ ގެސްޓްހައުސް ތަކެވެ. އޭގެ ފަހުން މި ވިޔަފާރި ހުޅުވަން ސަރުކާރުން ހުއްދަ ދޭން ނިންމާފައިވަނީ މާދަމައިން ފެށިގެންނެވެ. ނަމަވެސް ހުއްދަ ދޭނީ ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ މިންގަނޑުތަކަށް ފިޓުވާ ރަށްރަށަށެވެ. މި ހުއްދަ ދޭއިރު ގެސްޓްހައުސް ތަކުން ވެސް ފުރިހަމަ ކުރަން ޖެހޭ ކަންތައް ތަކެއް ހުރެ އެވެ.
މިރޭ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓޫރިޒަމް މިނިސްޓްރީ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ 22 ގެސްޓް ހައުސްއެއްގެ އެސްއޯޕީ އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. ގެސްޓް ހައުސްތަކުން އެސްއީއޯޕީ ހުށައެޅުމުން އެ ތަންތަން ހުޅުވުމުގެ ހުއްދަ ދެނީ އެ ރަށެއްގައި ގައިޑްލައިނާ އެއްގޮތަށް އަދި އެ ގެސްޓް ހައުސްއެއްގައި ގައިޑްލައިނާ އެއްގޮތަށް ކަންކަން ކުރެވިފައިވޭތޯ ޔަގީން ކުރުމަށް ގަހު ކަމަށް ރައްޒާން ވިދާޅުވިއެވެ. އެކަން ޔަގީން ކުރަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ.
މިހާތަނަށް 22 ގެސްޓްހައުސްއަކުން އެސްއޯޕީ ހުށައެޅި ނަަމަވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުޅުވުމުގެ ހުއްދަ ދީފައިވަނީ 16 ގެސްޓް ހައުސްއަކަށެވެ. އެހެންވީމަ މާދަމާ ހުޅުވާނީ މި 16 ގެސްޓްހައުސްއެވެ. ރައްޒާން ވިދާޅުވީ ދެން ހުށައަޅާފައި ހުރި ތަންތަންވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށެވެ.
މާދަމާ ހުޅުވުމުގެ ހުއްދަ ދީފައިވާ 16 ގެސްޓްހައުސްއަކީ ނުވަ ރަށެއްގައި ހުރި ގެސްޓްހައުސްތަކެކެވެ. އެއީ ކ އަތޮޅުން މާފުށި އަދި ހުރާއެޗެ. އއ އަތޮޅުން މަތިވެރި އަދި ވ އަތޮޅުން ތިނަދޫ އާއި ފުލިދޫ އެވެ. ދެން ހިމެނެނީ ތ އަތޮޅުން ގާދިއްފުށްޓެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން ނ އަތޮޅުން ފޮއްދޫ އާއި ށ. ނަރުދޫ އަދި ހދ. ހަނިމާދޫގެ ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
މި ނުވަ ރަށުގައި މާދަމާއިން ފެށިގެން މާސްކު އެޅުން މަޖުބޫރު މަޖުބޫރުވާނެ އެވެ. އަދި އެ ރަށްރަށުން ގެސްޓްހައުސް ހުޅުވާފައި ނުވާ ރަށްރަށަށް ދަތުރު ކުރެވޭނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް އޮވެގެންނެވެ.