ތިމާވެށި

މާލޭ އެންމެ ބޮޑު އެންމެ ދުވަސްވީ ރީތިގަސް!

ޗާނދަނީ މަގު ބަންދުކޮށްފައި އޮތް ވަގުތެއްގައި އެ މަގުގައި ހުރިތަނަކަށް ދާން ގޮސް ސައިކަލު ޕާކު ކުރަން ޖެހުނީ ލިލީ މަގުން ދާރުލް އާސާރު ކުރިމަތީގައި ހަދާފައި ހުރި ކުޑަ ކުޑަ މައިޒާން ކުރިމަތީގަ އެވެ. ސައިކަލް ޕާކްކޮށްލައި ދަރިފުޅު އަތުގައި ހިފާލައިގެން ހިނގައިގަތުމުން ދަރިފުޅު އަތުން އިޝާރަތްކޮށްލީ ކުރިމަތީގައި ހުރި ބޮޑު ބިޔަ ރީތިގަހަށެވެ. ބުނެލީ "ހާދަ ބޮޑު ގަހަކޭ ދޯ މަންމާ" އޭ އެވެ. ކުޑަކޮށް ހުއްޓިލައި އެ ގަހަށް ބަލާާލައިފީމެވެ. އެ ހަމަ ތެދެކެވެ. އެއީ ހާދަ ބޮޑު ބިޔަ ގަހެކެވެ. އަދި އެއީ މި މާލޭގައި ހުރި އެންމެ ދުވަސްވީ ރީތިގަހަށް ވެދާނެއޭ ހިތަށް އެރިއެެވެ.

ގަހުގެ ބުޑުވެސް ވަރުގަދަ ކަމާއެކު ބަލާބެލުމަށް ވަރަށް ދުވަސްވެފައިވާކަން އެނގެ އެެވެ. ގަސް ބޮޑުވެ އޭގެ ގޮފި ގަނޑުތައް ވެސް މައްޗަށް އަރައި ހަމަޖެހިލާފައި ވަނީ ފަންސާހަކަށް ފޫޓު މަތީގަ އެވެ. އެ ގަހުގެ ހިޔަލުގައި އޭރުވެސް ދެތިން މީހަކު މަޑުކޮށްލައިގެން ތިއްބެވެ. މިތާނގައި އެ ގަސް ނެތް ހަނދާނެއް ހުރި މީހަކު މިހާރު މި މާލޭގައި ހުންނާނެ ހެނެއްވެސް ހިއެއް ނުވެއެވެ.

ދަރިފުޅު ކޮށްލި އިޝާރާތަކަށް އެ ގަހާއި މެދު ޝައުގުވެރިކަމެއް އުފެދުނު ވަރުން އިތުރަށް ހޯދާލައި ބަލައިލަން ބޭނުން ވެގެން ތާރީހު އިލްމުވެރިޔާ ބާބާގެ ދޮންމަނިކު ލިޔުއްވެވި "ދިވެހި އާދަކާދަ" އެ ފޮތުގައި ލިޔުއްވާފައި އޮން ދުވަސްވީ ގަހެއްގެ މައުލޫމާތު ކޮޅު ބަލައިލަން ބޭނުންވި އެވެ. ކަންދިމާ ކުރި ގޮތުން ނުވަދިހައިގެ އަހަރުތަކުގައި ޗާޕްކޮށްފައިވާ އެ ފޮތުގައިވާ ގަހާއި މި ގަހަކީ އެއް ގަހެކެވެ. އޭ ފޮތް ބުނާ ގޮތުން އޭރުވެސް އެ ރީތިގަސް އެތާ ހުންނަތާ ފަސްދޮޅަސް އެތައް ހަރެއް ވެދާނެ އެވެ.

އޭގެ ފަހުން ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަދި ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހާ އެ ރީތިގަހުގެ ވާހަކަ ހިއްސާ ކޮށްލުމުން ޗާންދަނީ މަގާާއި ލިލީމަގާއި ގުޅޭ ސަރަހައްދުގައި ހުރި ބިޔަ ބޮޑު އެ ރީތިގަސް ހިކި އަނަރޫފަކޮށް ހުއްޓާ 1920 ގައި ނަގާފައިވާ ފޮޓޯއެއް އަތަށް ލައި ދިނެވެ.

ނާޖިހު ވިދާޅުވި ގޮތުގައި ދުވަސްވީ އެހެން ރީތިގަހެއް ވެސް މިހާރުގެ ކަޅުވަކަރު މިސްކިއް ހުރި ހިސާބުގައި ހުންނާނެ އެވެ. އެގަހަށް ވެސް ވަރަށް ގިނަ ދުވަސްވެފައި ވާނެ އެވެ.

މި ބިޔަ ބޮޑު ރީިތިގަހުގެ ވާހަކަ ދައްކާއިރު ހިތަށް އައި އެއްކަމީ މިހާ ގިނަ ދުވަސް ވަންދެން ހުރި މި ގަހުން ހާދަ ބަޔަކަށް އޭގެ ހިޔާ ލިބިފައި ވާނެ އެވެ. މާލޭގައި ޒަމާނުއްސުރެ ކިޔައިވައިދޭ ދެ މަދަރުސާ ހިމެނޭ މި މަގުގައި ބޮޑުގަހެއްގެ ހިޔާވަހިކަން ހާދަ ކުދިންނަކާއި ބެލެނިވެރިންނެއް ވެސް ހޯދާފައި ވާނެ އެވެ.

މިހާރުވެސް އެގަސް އެހެރީ އެގޮތުގަ އެވެ. މާލެގައި ގިނަ ގަސް ގަސް ކަނޑާ އެތަންތާނގައި އެކި ވަރުގެ އިމާރާތް އަޅާފައިވާއިރު ގަހެއްގައި އަޅައިގެންފައި ވެސް ސާފުވައި ކޮޅެއް ލިބޭނެ ގޮތެއް ނެތެވެ. އެހެންވެ މި ބޮޑުގަސް މިއީ ޗާނދަނީ މަގުގައި ވެސް އެންމެންގެ "ނޭވާހޮޅި" އެވެ. މި ރީތިގަހުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ނޭވާލާން ބޭނުންވާ ހާދަ ގިނަ އޮކްސިޖަނެއް އުފައްދާނެ އެވެ. އަދި އުފައްދާފައި ވާނެ އެވެ.

މާލޭގެ މެދު ކަމުގައިވާ ސަލްޓަން ޕާކަކީ ދުވަސްވީ ބޮޑު ގަސްތައް ހިމެނޭ އެއް ސަރަހައްދެވެ. މި ގަސް މިހާރު ހުރިކުޑަ މައިޒާނަކީ އަދިވެސް އޭގެ ދަށުގައި އޭގެ ހިޔަލުގައި އެތަށް ބަޔަކު ހިތްހަމަޖެހުން ހޯދާތަނެކެެވެ. ތާރީހާއި ތަރިކަ ކިޔައިދޭ އެތައް އެއްޗައްކާއެކު ހުޅުވާފައިވާ ދާރުލްއާސާރު ކުރިމަތިގާއި މިހިރީ ފަހަރުގައި މާލޭގައި ހުރި އެންމެ ދުވަސްވީ ބޮޑު އެއް ރީތިގަހެވެ.

މިގަސް ހެދިފައި މިހިރީ އެންމެ މުނާސަބުތަނުގަ އެވެ. މިއީ މާލޭގެ ތާރީހުގެ މުހިންމު ގޮފިގަނޑަކަށް ވެސް ވާނެ އެވެ. ދާރުލްއާސާރަށް ވަންނަ މީހުނަށް މި ގަހުގެ ހަޔާތް ނޭނގުނަސް ލޮލުގައި އަޅައިނުގަނެއް ނުދާނެ އެވެ.

މީގެ ކުރިން ސަލްޓަން ޕާކުގައި ހުރި ނިކަގަހަކަށް ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން ހާއްސަ ޝައުގެއް ހުރި ދުވަސްވަރެއްވެސް ދިޔައެވެ. ރާޢްޖޭގެ އެކި ސަރަހައްދުގައި ހުރި މިކަހަލަ ދުވަސްވީ ގަަސްތަކާއި ބެހޭ މައުލޫމާތު ފަސޭހައިން ލިބެން ނެތް އިރު މިފަދަ ކަމެއް ކުރާނެ ބަޔަކު ތިބި ނަމަ ރަނގަޅު ނޫން ހެއްޔެވެ؟