ވިޔަފާރި

ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް މާފުށީގައި ހުޅުވައިފި

ގާތްގަނޑަކަށް 61 މިލިއަން ރުފިޔާ އިންވެސްޓް ކޮށްގެން މާފުށީގައ ހެދި "ކާނި ޕާމް ބީޗް" ގެސްޓްހައުސް މިއަދު ހުޅުވައިފި އެވެ.

ކާނި ކުންފުނީގެ ޕާމް ބީޗް ހުޅުވައި ދެއްވީ ކޮވިޑް-19 އަށްފަހު ގެސްޓްހައުސް ވިޔަފާރި އަލުން ހުޅުވާލަން މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މިއަދު ހުޅުވި ކާނި ޕާމް ބީޗަކީ ހަތަރު މިލިއަން ޑޮލަރު (ގާތްގަނޑަކަށް 61 މިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓެކެވެ. މިއީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު ގެސްޓްހައުސް އެވެ. އެތާނގައި 253 އެނދު ހުރެ އެވެ.

ބާރަ ބުރިއަށް ހަދާފައިވާ ކާނި ޕާމް ބީޗްގައި އިވެންޓުތައް ބާއްވަން ހާއްސަކޮށް 130 މީހުންގެ އިވެންޓު ހޯލެއް ވެސް ހުރެ އެވެ. މީގެ އިތުރުން މި ގެސްޓްހައުސްގެ މަތީގައި މާފުށި މަތިން ރަށް ފެންނަ ގޮތަށް އިންފިނީޓީ ޕޫލެއް ހަދާފައިވުމުގެ އިތުރުން ސްޕާ އާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައި ވެއެވެ. މި ގެސްޓްހައުސްއާއެކު ކާނި ކުންފުނީގެ ގެސްޓްހައުސް އެނދުގެ އަދަދު މިވަނީ 455 އަށް ވަނީ އަރާފަ އެވެ.

މާފުށީގައި މި ގެސްޓްހައުސް ހުޅުވުމާއެކު އެ ރަށުގައި ހުރި ގެސްޓްހައުސް އެނދުގެ ޖުމްލަ އަދަދު މިވަނީ 1،627 އަށް އަރާފަ އެވެ.