ހަބަރު

ވެސްޓްޕާކް ހުސްކުރުމަށްފަހު މައި މަގާ ގުޅުވާލައިފި

މާލޭގެ މާފަންނު ވެސްޓްޕާކް ހުސް ކުރުމަށް ފަހު އެ ސަރަހައްދު ބޮޑުތަކުރުފާނު މަގާ ގުޅުވާލައި އާންމުދަތުރުފަތުރަށް ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ވެސްޓްޕާކް ހުސްކުރަން ހަވާލު ކޮށްފައި ވަނީ މިއަހަރުގެ ތެރޭގަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރަސްފަންނު ތަރައްގީ ކުރި އިރު ބޮޑު ތަކުރުފާނު މަގުން ބައެއް ރަސްފަންނުގައި ހިމެނި އެވެ. އަދި އެތާނގެ ބަޔަކަށް ވެލި އަޅާ ބަންދުކޮށް އާންމުންނާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ގާއިމްކޮށްފައި އޮތެވެ.

ނަމަވެސް މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ވެލި ޕާކް އަލުން މައި މަގާ ގުޅާލާ އާންމު އެއްގަމު ދަތުރުފަތުރުތަކަށް ހުޅުވާލާފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެއާއެކު ވެސްޓްޕާކް ހިމެނޭ ސަރަހައްދުވެސް ހުސްކުރުމަށްފަހު މައި މަގާ ގުޅުވާލަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މީގެ ކުރިން ވެސްޓްޕާކް ބަންދުކޮށްފައި ބާއްވާފައި އޮތް އިރު އެތަނަށް ކުނި އަޅާފައިވާތީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ.

ނަމަވެސް މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މިތަން އާންމުކޮށް ހުޅުވާލާފައިވާއިރު ވަށައިގެން ދުއްވޭ ގޮތަށް ވަނީ ބުރެއް ހަދާފަ އެވެ. މި ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވީނަމަވެސް ކަނބާ އައިސްރަނި ހިނގުމުގެ ބައެއް އަދިވެސް އޮތީ ބަންދު ކޮށްފަ އެވެ. އަދި އެމަގާއި ގުޅިގފައިވާ ގޯޅިތަށްވެސް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީން ދަނީ ކުރަމުންނެވެ.