ހަބަރު

ގައުމީ ލަވަ ހުށައެޅުމުގެ މުބާރާތެއް ބާއްވަނީ

ގައުމީ ލަވަ ހުށައެޅުމުގެ މުބާރާތެއް ބާއްވަން ނިންމާ ފުރުސަތު ހުޅުވާލައިފި އެވެ. މި މުބާރާތަކީ ޖުމްހޫރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުބާރާތެކެވެ.

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ) އިން އިންތިޒާމު ކުރާ މި މުބާރާތަކީ އާޓްސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުބާރާތެކެވެ.

"ގައުމުގެ ދުލުން" މި ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމީ ލަވަ ހުށައެޅުމުގެ މުބާރާތާއި ގުޅޭގޮތުން އެމްއެމްއޭސީން ބުނީ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށެވެ. މުބާރާތުގެ މަގްސަދަކީ ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކޮށް ގައުމީ ޝުއޫރު ލަވައެއްގެ ސިފާގައި ހުށައެޅުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ.

މުބާރާތް ކުރިއަށް ގެންދާތީ އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމްއެމްއޭސީގެ ފޭސްބުކް ފޭޖްގައިވާ ފޯމް ފުރުުމަށްފަހު ހުށައެޅުމަށް ވަނީ އެދިފަ އެވެ.