ހަބަރު

ޕެލެޓުތައް ނަގަން ނުކުޅެދިފައިވާކަމަށް އެއްބަސްވެއްޖެ

Oct 15, 2020
3

އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މާލޭ މަގުތަކުގެ ޕޭމަންޓު ކަައިރީ ހުންނަ ޕެލެޓުތައް ނެގުމަށް ނުކުޅެދިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން އެއްބަސްވެއްޖެ އެވެ.

އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް ހެދުމުގެ އިތުރުން އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް މިދިއަ އޯގަސްޓް މަހު މަޖިލީހަށް ބަލައިގެންފައި ވާއިރު، އެ ބިލު ދިރާސާ ކުރަމުންދާ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލު ވަނީ މިއަދު ހާޒިރު ކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ކައުންސެލަރު އަހުމަދު ޒަމީރު ވިދާޅުވީ ޕޭމަންޓު ކައިރީގައި ބަހައްޓާފައި ހުންނަ ޕެލެޓާއި ދަނގަޑު ފަދަ ތަކެތި ނަގައި، ހުސްކުރެވޭނެ ވަސީލަތްތަކެއް ނެތް ކަމަށެވެ.

"އަޅުގަނޑު ލަދެއް ނުގަނޭ މިހެން ބުނާކަށް. އެކަމަށް ނުކުޅެދިފައޭ އަޅުގަނޑުމެން މި ތިބީ. އަޅުގަނޑުމެން އަތުގައެއް ނެތް އެކަން ކުރެވޭނެ ވަރުގެ ކެޕޭސިޓީއެއް... ވެހިކަލެއް ނެތް. މި ކަހަލަ ކަންތައްތަކާހެދި އަޅުގަނޑުމެންނަށް އެކަން ނުކުރެވިފައި މިހުރީ،" ޒަމީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑް-19 އިގެ ހާލަތު މެދުވެރިވުމުގެ ކުރިން، އެ މަސައްކަތް ސިޓީ ކައުންސިލުން ކޮންމެވެސް މިންވަރަކަށް ކުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރާނެކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

ގަވައިދުގައި އޮންނަ ގޮތުން މަގުތަކުގައި ޕެލެޓު ބެހެއްޓުމަކީ މަނާ ކަމެކެވެ. ނަމަވެސް، ގިނަ ފިހާރަތަކާއި ބައެއް ގެތަކުގެ ދޮރުމަތީގައި ޕެލެޓު ބަހައްޓާފައި ހުންނައިރު، އެކަމާ ގުޅިގެން އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.