ތޮއްޑޫ

ތޮއްޑޫ ގެސްޓްހައުސްތަކުގެ ވެރިން ހިމޭން އިހުތިޖާޖެއްގައި

ތޮއްޑޫގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ލިބިފައިނުވާތީ އެ ރަށުގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ހިމޭން އިހުތިޖާޖެއް ފަށައިފި އެވެ. ތޮއްޑޫ ކައުންސިލް އިދާރާގައި ގެސްޓްހައުސްތަކުގެ ވެރިން ހިމޭން އިހުތިޖާޖެއް ކުރަމުންދާއިރު ގެސްޓް ހައުސްތައް ހުުޅުވާ ހިދުމަތް ދިނުމުގެ ހުއްދަ މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

37 ގެސްޓްހައުސްއެއް ހިންގަމުންދާ ތޮއްޑޫގެ ގެސްޓްހައުސްތަކުގެ ވެރިން ވަނީ ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަންކަން ފުރިހަމަކޮށް އެސްއޯޕީ ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅާފައެވެ. އަދި މީގެ އެތަށް ދުވަހެއް ކުރިން ގެސްޓްހައުސްތައް ހުޅުވުމާއި ގުޅޭގޮތުން ކައުންސިލް މެންބަރުންނާއެކު މަޝްވަރާކޮށް ތައްޔާރީތައް ފަށާފައެވެ. ނަމަވެސް ގެސްޓްހައުސް ހުޅުވާ ތާރީހު ޖެހުނުއިރު ކައުންސިލުން ވަނީ ތޮއްޑޫގައި ފުލުހުންގެ ހިދުމަތް ގާއިމް ނުކުރަނީވެސް ގެސްޓްހައުސްތައް އަލުން އޮޕަރޭޓް ކުރުމުގެ ހުއްދަ ނުދޭން ނިންމާފައެވެ.

ކޮވިޑްގެ މި ހާލަތުގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދޭނީ އެސްއޯޕީއާ އެއްގޮތަށް ގެސްޓްހައުސްތަކުން ތައްޔާރީތައްވެފައިވޭތޯ ޔަގީންކޮށް ކައުންސިލުން އެކަމުގެ ހުއްދައަށް ރަސްމީކޮށް އެދުމުންނެވެ.

"ކައުންސިލާ އަޅުގަނޑުމެން ބައްދަލްކުރީމަ ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިން ފުރިހަަމަ ކުރުމުން ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރާނެ ކަމުގެ ޔަގީންކަން އޮތީ ދީފަ. ނަމަވެސް މިހާރު ފުލުހުން ތިބެން ޖެހޭނެ ކަމަށް ޝަރުތުކޮށް ކައުންސިލުން ފޮނުވަން ޖެހޭ ލިޔުން ނުފޮނުވާ ކައުންސިލްގެ ރައީސް އެ ހިފަހައްޓަވަނީ. އެހެންވީމަ އަޅުގަނޑުމެން ހިމޭން އިހުތިޖާޖެއް މިފެށީ،" ތޮއްޑޫގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުންދާ ބޭފުޅަކު ވިދާޅުވިއެވެ.

އިހުތިޖާޖު ކުރަމުންދާ ގެސްޓްހައުސްތަކުގެ ވެރިންވެސް ބުނީ 2،200ގެ އާބާދީއެއް އޮތް ތޮއްޑޫގައި ފުލުހުންގެ ހިދުމަތް ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމެއް ކަމަށެވެ. އަދި މި ހާލަތުގައި ގެސްޓްހައުސް ވިޔަފާރި ފަށާއިރު ފުލުހުން ތިބުން ވަރަށް މުހިންމު ކަމަށެވެ. ފުލުހުންގެ ހިދުމަތް މިވަގުތު ފެށޭނީ އެ މީހުން ތިބޭނެ ތަނެއް ހަމަަޖެހުމުން ކަމަށްވާތީ ތިބެވޭނެ އިންތިޒާމް އަދި ކެއުމުގެ ކަންކަންވެސް ހަމަޖައްސާ އެކަން ވަނީ ފުލުުހުންގެ އިދާރާއަށް އަންގާފައެވެ.

"ފުލުހުން ތިބެންޖެހޭ. މިހާ ބޮޑު އާބާދީއެއް އޮތް ރަށެއްގައި އެންމެ ކުޑަމިނުން ފުލުސް ޑެސްކެއްވެސް ނެތުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް. ނަމަވެސް ހުރިހާ އިންތިޒާމްތަކެއް ހަމަޖެހޭނެ ކަމުގެ ޔަގީންކަންދީ ގެސްޓްހައުސްތައް ހުޅުވަން އޮތް ދުވަހު ވަކި ޝަރުތެއް މިގޮތަށް ކުރިމަތިކޮށް ގެސްޓްހައުސްތަކުގެ އޮޕަރޭޝަން ނުފެށި ލަސްވުން އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ،"

ގެސްޓްހައުސްތަކުގެ ވެރިން ބުނީ މި މަހުގެ 17 ވަނަ ދުވަހަށްވެސް އެކި ގެސްޓްހައުސްތަކަށް ފަތުރުވެރިން ބުކިންސް ހަދާފައިވާ ކަމަށެވެ. އަދި ތޮއްޑޫ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ލިބިފައި ނުވާތީ ޗުއްޓީ ދަތުރަށްވާނެ ގޮތް ނޭންގި ބުކިންސް ހަދާފައިވާ ފަތުރުވެރިން ކަންބޮޑުވުން ފާޅުކޮށް ލިޔުން ފޮނުވަމުންދާ ކަމަށެވެ.

"މިކަން ހައްލުކޮށްދެއްވާށޭ އަޅުގަނޑުމެން މި ދަންނަވަނީ. މިހެން މި ދިމާވީ އަޅުގަނޑުމެންގެ އިހުމާލަކުން ނޫން. އަޅުގަނޑުމެން ވާންޖެހޭ ތައްޔާރީތައް މިވަނީ ނިމިފައި. އެހެންވީމަ ތަން [ކައުންސިލް އިދާރާ] ދޫކޮށްލާނީ ވަކި ޖަވާބެއް ދިނީމަ އިނގޭތޯ،"

މި މައްސަލަ ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ސަރުކާރުން ވަނީ 2019 ނިމުމުގެ ކުރިން ތޮއްޑޫގައި ފުލުހުން ތިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވައުދުވެފައެވެ.