މިދިޔަ ސެޕްޓެންބަރު މަހު 238 މައްސަލައެއް ހުށައަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކާއި އަހުލާގީ މައްސަލަތަކާއި ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުންގެ މައްސަލަތަކާއި ކުށް ކުރާ ކުދިންގެ މައްސަލަތަކާއި އާއިލީ މައްސަލަތަކުގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ނުދިނުމުގެ މައްސަލަތަކުގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަތަކެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވެެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ބާވަތުގެ 44 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި އިހުމާލުވުމުގެ 29 މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ ފަސް މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ދެ މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައެއްވެސް ހުށައަޅާފައިވެއެވެ.
ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 10 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައިވާއިރު މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަތަރު މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ ތިން މައްސަލަ ހިމެނެއެވެ. ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 10 މައްސަލަ ހުށައަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ވެކްސިން ނުދިނުމުގެ ހަތް މައްސަލަ އާއި އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ ދެ މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ މައްސަލަ އެކެވެ.
އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ދެ މައްސަލަ ސެޕްޓެމްބަރު މަހު ވަނީ ހުށަހަޅައިފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ. އަދި އާއިލީ 24 މައްސަލަ އެއް ހުށައަޅާފައިވާއިރު އޭގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 15 މައްސަލަ އާއި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ ހަ މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ ތިން މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 46 މައްސަލަ މިދިޔަ މަހު ހުށައަޅާފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަަލަތަކެވެ. އެ ބާވަތުގެ 29 މައްސަލަ ހުށައެޅިއެވެ. އަދި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ އަށް މައްސަލަ އާއި ޖިންސީ ހާނިއްކަ ކުރުމުގެ ތިން މައްސަލަ އާއި އިހުމާލުވުމުގެ ތިން މައްސަލަ އާއި ބާރާއި ނުފޫޒުފޯރުވުމުގެ ދެ މައްސަލަ އަދި މާލީ/ އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއްވެސް ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 32 މައްސަލަ ހުށައަޅާފައިވާއިރު އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލަ އާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 11 މައްސަލައެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ އަށް މައްސަލަ ސެޕްޓެމްބަރު މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ.