އެކްޓަރު ފަރާޒް ޚާންގެ ހާލު ބޮޑުވެގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ވެންޓިލޭޓަރު ގުޅައިގެން މިހާރު ފަރުވާ ދެމުންދާއިރު އޭނާގެ ފަރުވާ އަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން އާއިލާއިން ވަނީ ފިލްމު އިންޑަސްޓްރީގެ މީހުންގެ އެހީތެރިކަމަށް އެދިފަ އެވެ.
އާއިލާގެ އެދުމަށް އެންމެ ފުރަތަމަ އިޖާބަ ދީފައި ވަނީ ފިލްމީ ތަރި ސަލްމާން ޚާނެވެ. ފަރާޒްގެ އެކުވެރި ބަތަލާއެއް ކަމަށްވާ ކަޝްމީރާ ޝާހްގެ އިންސްޓަގްރާމް އެކައުންޓުގައި ޝެއާކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ފަރާޒްގެ ހުރިހާ ހޮސްޕިޓަލު ބިލްތަކަކަށް ސަލްމާން ފައިސާ ދައްކައިދީފައިވާ ކަމަށެވެ.
"ތީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު އިންސާނެއް. ފަރާޒްގެ ހޮސްޕިޓަލު ބިލްތައް ދައްކައިދިނީތީ ޝުކުރިއްޔާ. ފަރާޒްގެ ހާލު މިވަގުތު ވަރަށް ސީރިއަސް. މިފަދަ ވަގުތެއްގައި ސަލްމާން ވަނީ އެހެން މީހުންނަށް ވެސް ދީލަތިކަން ފޯރުކޮށްދޭ ފަދައިން ފަރާޒް އަށް ވެސް އޭނާގެ ދީލަތިކަން ފޯރުކޮށްދީފަ. އަހަންނަކީ އަބަދުވެސް އޭނާގެ އިންސާނިއްޔަތުކަމުގެ އަގު ވަޒަންކުރާ އެކަމަށް ވަރަށް ތަރުހީބު ދޭ މީހެއް. ބަޔަކު މިކަމާ ހިތްހަމަ ނުޖެހުނަސް މައްސަލައެއް ނެތް. ބޭނުމިއްޔާ އަންފޮލޯ ކޮށްލާ،" ކަޝްމީޜާ އިންސްޓަގްރާމްގައި ލިޔެފައި ވެއެވެ.
ފަރާޒް ވަނީ 1998 ވަނަ އަހަރު ރިލީޒްކުރި "މެހެނދީ" ގައި ރާނީ މުކަރުޖީ އާއެކު ލީޑް ރޯލުކުޅެފަ އެވެ. އަދި 1996 ގައި ވިކްރަމް ބަޓް ޑައިރެކްޓްކުރި ތުރިލާ "ފަރޭބް"ގެ ބަތަލަކީ ވެސް އޭނާ އެވެ.
ފަރާޒް ބަލިވެ އުޅޭތާ އަހަރެއް ވެއްޖެ އެވެ. ފުރަތަމަ އޭނާއަށް ދިމާވީ މޭގެ އިންފެކްޝަނެކެވެ. ފަހުން އެ އިންފެކްޝަންގެ އަސަރު ސިކުނޑިއަށް ކޮށް ހާލު ބޮޑުވީ އެވެ.