ހަބަރު

ރުހުން ދިން ހަތަރު ބޭފުޅުން އެންއައިސީއަށް އައްޔަންކޮށްފި

Oct 15, 2015

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުން މިއަދު މެންބަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވުމުން ރުހުން ލިބި މިއަދު މަގާމަށް ހަމަޖެއްސެވި ބޭފުޅުންނަކީ ގ. އަތަ ޔޫސުފް މާނިއު މުހައްމަދާއި ސ. މީދޫ ހަސަންކާރީގޭ، މުހައްމަދު ފަރުހާދާއި ބ. އޭދަފުށީ ގުލިސްތާނުގޭ ހައްސާނު ހަމީދާއި ހދ. ނެއްލައިދޫ ދިލްސާދު، ޚަދީޖާ ޢަބްދުﷲ އެވެ.

ހަތަރު ބޭފުޅަކު އެންއައިސީ އަށް އައްޔަން ކުރި ނަމަވެސް ގާނޫނު ބުނާ ގޮތުން އެ ކޮމިޝަނަށް ފަސް މެންބަރަކު އައްޔަން ކުރަންޖެހެ އެވެ. މަދުވާ ބޭފުޅާގެ ނަން މަޖިލީހަށް ފޮނުވުމަށް ނަމެއް ހުށަހެޅުމުގެ ކުރިން ރައީސް އޮފީހުން ވަނީ އިއުލާން ވެސްކޮށްފަ އެވެ.

އެންއައިސީއަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކަންކަމަށް ފާރަވެރިވާ މުއައްސަސާއެވެ.