ހަބަރު

މާރުކޭޓާއި ބިންތަކުގެ ކުލި ކައުންސިލަށް ދެއްކޭނެ ގޮތް ހަދަނީ

މާލޭ ސިޓީގެ ތިން ރަށުގެ މާރުކޭޓުތަކާއި، ހުސް ބިންތަކުގެ ކުލި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމުގެ ބަދަލުގައި އެ ފައިސާ މާލެ ސިޓީ ކައުންސިލަށް ދައްކަންޖެހޭ ގޮތް ހަދަން މަޝްވަރާ ކުރަމުން އަންނަ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިހެން ވިދާޅުވީ ޕީއެސްއެމްގެ ޓީވީ ޕްރޮގްރާމެއްގަ އެވެ. ޝިފާ ވިދާޅުވީ ކައުންސިލުގެ ބެލުމުގެ ދަށުން ކުއްޔަށް ދީފައިހުރި ބައެއް ތަންތަނުގެ ކުލި މިހާރު ވެސް އެ ކައުންސިލުން ބަލައިގަންނަމުންދާއިރު ބާކީ ހުރި ތަންތަނުގެ ކުލީގެ ގޮތުގައިވާ ފައިސާ މީރާއަށް ދެއްކުމުގެ ބަދަލުގައި އެ ކައުންސިލަށް ދެއްކޭނެ ގޮތް ހަދަން މީރާއާ މަޝްވަރާ ކުރާ ކަމަށެވެ.

އެގޮތުން މާލޭގެ މާރުކޭޓުތަކާއި އެ ކައުންސިލްގެ ބެލުމުގެ ދަށުން ކުއްޔަށް ދީފައިހުރި ހުސްބިންތަކުގެ ކުލި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ލިބޭނެ ގޮތެއް ހެދުމުގެ މަޝްވަރާ މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި މީރާއިން ދައްކަމުންދިޔަ 10 ބާވަތެއްގެ ކުލީގެ ފައިސާ މިހާރު ވެސް އެ ޕޯޓަލް މެދުވެރިކޮށް ކައުންސިލަށް ދެއްކޭނެ ގޮތް ހަދާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

މިހާރު މާލެސިޓީ ކައުންސިލަށް ދައްކަންޖެހޭ ގޮތަށް ހަދާފައިވަނީ ސިން މާލެ އަދި މާލެ ހިޔާ ފްލެޓްތަކުގެ ކުއްޔަށްވާ ފައިސާ އާއި ޕާކިންޒޯންތަކުގެ ކުއްޔަށްވާ ފައިސާ އާއި އިޖުތިމާއީ ކަންކަމަށް ދޫކޮށްފައިވާ ޕާކުތަކުގެ ކުއްޔަށްވާ ފައިސާ ހިމެނެ އެވެ.