ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

ކުޅުދުއްފުއްޓަށް އަރާ ފޭބުން މަނާކޮށްފި

ހދ. ކުޅުދުއްފުއްޓަށް އަރާ ފޭބުން މަނާކޮށްފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުޅުދުއްފުށީ ކައުންސިލަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ އެ އެޖެންސީން ވަކި ގޮތެއް އަންގަން ދެން އެ ރަށަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓަށް އަރާ ފޭބުން މަނާކޮށްފައިވާއިރު އެ ރަށުން ގިނަ އަދަދެއްގެ ފުލުހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ކުރީ ދުވަހުވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެއެވެ. މިއަދު ޕޮޒިޓިވްވީ ހަތަރު މީހެކެވެ. އޭގެ ތެރޭގައި ދުވަސްވީ މީހުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

މިއަދަކީ ރާއްޖެއިން އެންމެ މަދުން މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވްވީ 24 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ އެއްވެސް ރަށަކުން މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 223 ދުވަސް ހޭދަ ކޮށްފައިވާއިރު މިހާތަނަށް 11,178 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 10،097 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނެވެ.

ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،138 މީހުންނެވެ. އޭގެ ތެރެއިން 43 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ތިން މީހަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ މީހެކެވެ. ކޮވިޑްގައި ރާއްޖެއިން 36 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ މިއަދު އެވެ. މިއަދު ހެނދުނު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިއަ 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.