ކޮލަމް

ދިވެހި ދިދައަށް އުސޫލެއް ނެތް ޒަމާނެއް!

Oct 18, 2020
5

އެޑިޓަރުގެ ނޯޓް: މިއީ އަވަސް އޮންލައިންގެ ކިޔުންތެރިޔެއް ކަމަށްވާ އަހުމަދު ޝިޔާމް ލިޔެ ޝާއިއުކޮށް ދިނުމަށް އެދި ފޮނުވާފައިވާ އޭނާގެ އަމިއްލަ ލިޔުމެކެވެ. މި ލިޔުން ނޫހުގައި ޝާއިއު ކޮށްފައި މި ވަނީ އާންމު ފަރާތްތަކުން އަވަސްއަށް ފޮނުވާ ހިޔާލާއި ލިޔުންތައް ޝާއިއު ކުރުމުގައި އަވަސް އޮންލައިނުން އިން ގަބޫލު ކުރާ ހަމަތަކަށް ފައްތާލުމަށް ފަހު އެވެ.
_____________________________________________________

ރާއްޖޭގެ އެންމެ ފަޚުރުވެރި ރަމްޒުކަމުގައިވާ ދިވެހި ގައުމީ ދިދައާ ބެހޭ އުސޫލު ހޯމް މިނިސްޓްރީން ގެޒެޓްގައި ޝާއިއުކުރި އިއުލާނަކުން ވަނީ އުވައިލާފަ އެވެ. މިއީ ދިވެހި ގައުމިއްޔަތަށް އަދި ދިވެހިންގެ ދިވެހިވަންތަ ކަމަށް ލިބުނު ބޮޑު ނިކަމެތިކަމެވެ. ދިވެހި ގައުމިއްޔަތަށް ދެވުނު ބޮޑު ގެއްލުމެކެވެ. ގައުމަށް ދިން އަދަބެކެވެ.

ދިވެހި ދިދައާ ބެހޭ ގޮތުން ފެންނާން އޮތް އެންމެ ދުވަސްވީ އެއް ލިއުމަކީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަން ކަން ލިބިގެން ވަޒީރުލް އައުޒަމްގެ އޮފީހުން ނެރުނު 65/10 ނަންބަރު އިއުލާނެވެ. އެއީ "ދިވެހި ދިދަ އިސްލާހާއި އެކު" މި ސުރުހީގެ ދަށުން ޝާއިއު ކުރި އިއުލާނެކެވެ. އެ އިއުލާން ގައި ދިދައިގެ މިންތައް ވަރަށް ތަފްސީލުކޮށް ބުނެދީފައި އެވެ. އަދި ފޮތީގެ ބާވަތް ވެސް ވެއެވެ. ކަލަ ކޯޑް ވެސް ބުނެދީފައި ވެއެވެ. އަދި ދިދައިގެ ކުލަތަކުން ރަމްޒު ކޮށްދޭ ދޭހަ ވެސް ބުނެދީފައި ވެއެވެ.

ގަވާއިދެއް ހަދާ ފުރަތަމަ ތަންފީޒު ކުރެވެން ފެށީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާޗް 19، 1989 ގައެވެ. އޭގެ ކުރިން ދިވެހި ދިދަ ބޭނުން ކުރުމާ ބެހޭ ގަވާއިދެއް ނުވަތަ އުސޫލެއް ހެދިފައި އޮތް ކަމެއް ފެންނާކަށް ނެތެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން، އެ ދުވަހު ސިފައިންގެ މައިމަރުކަޒުގައި ވެސް ދިވެހި ގައުމީ ދިދަ ނެގިފައެއް ނެތެވެ. ސަބަބަކީ އެ ދުވަސްވަރު ދިވެހި ގައުމީ ދިދަ ނަގަނީ ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ކަމަށް ވާތީ އެވެ.

އަލަށް އެކުލަވާލެވުނު ގަވާއިދުގައިވާ ގޮތުގެ މަތީން ޖުލައި 1، 1989 އިން ފެށިގެން ރައީސް އޮފީހާއި އެމްއެންޑީއެފްގެ ހެޑްކުއާޓަރު ހިމެނޭ ގޮތުން ފަސް ތަނެއްގައި 24 ގަޑިއިރު ދިވެހި ގައުމީ ދިދަ ނަގާފައި ހުންނަ ގޮތަށް ހަމަ ޖެއްސި އެވެ. ސަރުކާރުގެ އެހެން އިދާރާތަކުގައި ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ދިދަ ނަގާ ތިރި ކުރާ ގޮތަށެވެ.

ފަހުން އެ ގަވާއިދަށް ބަދަލު ގެނެސް އިސްލާހު ކުރި އެވެ. އެގޮތުން ކޮންމެ ރަށެއްގެ ރަށު އޮފީހާ އަތޮޅު އޮފީހުގައި 24 ގަޑިއިރު ދިދަ ނަގާފައި ހުންނަ ގޮތަށް ހަމަ ޖެއްސި އެވެ. އަދި ފަހުން ސިޓީ ކައުންސިލްގެ އިދާރާތަކާއި އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި، ރަށު ކައުންސިލްތަކުގެ އިދާރާތައް އެ ލިސްޓުގައި ހިމެނި އެވެ. އަދި މީގެ އިތުރުން ވެސް ސަރުކާރުން ކަނޑައަޅާ ތަންތަނުގައި 24 ގަޑިއިރު ދިދަ ނެގިދާނެކަން ބަޔާން ކޮށްފައި ވެއެވެ.

ދިވެހި ގައުމީ ދިދައާ ބެހޭ އުސޫލެއް ހަދައި އަމަލު ކުރަމުން ދަނިކޮށް ސިޔާސީ ޕާޓީތައް އުފެދި އެ ޕާޓީތަކުގެ ހަރަކާތްތަކުގައި އަދި އެކި ކަންކަމުގައި ދިވެހި ދިދައަށް ވުރެ އުހަށް އަދި ބޮޑުކޮށް ޕާޓީގެ ދިދަ އުފުލާން ފެށުމުގެ އޮއިވަރެއް ފެށުނެވެ. މިކަން ވަރަށް ފުޅާވެގެން ގޮސް ރަށް ރަށުގެ ރުއްތަކާއި ބޮޑެތި ގަސްގަހަށް ވެސް ޕާޓީ ދިދަ ނަގަން ފެށިއެވެ. ދިވެހި ދިދައަށް ވުރެ ޕާޓީ ދިދައިގެ ގަދަރާއި އިއްޒަތް ބައެއް މީހުންގެ ހިތުގައި ބޮޑުވެ ބިންވަޅު ނެގެން ފެށިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެކުލަވާލައި އަމަލު ކުރަމުން ދިޔަ ގަވާއިދަށް، ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ދިދައާއި ބެހޭ ގޮތުން ހެދިފައި އޮތް ގަވާއިދަށް ބަދަލު ގެންނެވީ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. ކުރިން އަމަލު ކުރަމުން ދިޔަ ގަވާއިދަށް ބަދަލު ގެނައީ މާޗް 8، 2017 އިގަ އެވެ. އެފަހަރު ގަވާއިދު އުސޫލަކަށް ބަދަލު ކުރެވުނެވެ. އިސްލާހު ކުރި އުސޫލުގެ އަށް ވަނަ ނަންބަރުގެ (ހ) ގައި ބުނަނީ މިހެންނެވެ: "ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ގައުމީ ދިދައަށް ވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެން ނުވާނެ އެވެ."

މިކަން މިގޮތަށް އިއުލާނު ކުރެވިގެން ދިޔަކަމީ ދިވެހި ދިދައިގެ ގަދަރާއި ހައިބަތަށް ލިބުނު ބޮޑު ކުރި އެރުމެކެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ފޯރީގައި ކެމްޕޭން ދުވަސްވަރު ޕާޓީތަކުގެ ދިދަ، ދިވެހި ގައުމީ ދިދައަށް ވުރެ އުސްކޮށް ނެގުމުން ފުލުހުން އެކަން ހުއްޓުވައި އަދި ދިދަތައް ބާލާފައި ވެއެވެ. މިކަން މިގޮތަށް އަތޮޅުތަކުގެ ތެރޭގަ އާއި މާލޭގައި ވެސް ހިނގާފައި ވެއެވެ. މިކަމާ ގުޅިގެން ބައެއް ފަހަރު ހަމަނުޖެހުން ވެސް ހިނގާފައި ވެއެވެ.

މި އުސޫލަށް ނިމުމެއް އައީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެ ވެރިކަމުގަ އެވެ. ފެބުރުއަރީ 17، 2019 އިގަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ވަޒީރުކަމުގައި އެ ވުޒާރާއިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރި އިއުލާނަކުންނެވެ. އެ ދުވަހު އެ އެސޫލު އުވާލާ ބާތިލު ކުރީ އެވެ. އެއަށް ފަހު މިއަދާ އަހަމަށް އާ އުސޫލެއް ހަދާފައެއް ވެސް ނުވެއެވެ.

ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ދިދައަށް ހާއްސަ ގަދަރަކާއި އިހުތިރާމެއް ލިބިދެ އެވެ. ޕާކިސްތާނުގެ ކޯޓަކުން ކުރި ހުކުމެއްގައި އޮންނަ ގޮތުގައި އެގައުމުގެ ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ އެއްވެސް ހަރަކާތެއްގައި އެ ގައުމުގެ ދިދަ ބޭނުން ނުކުރެވޭނެ އެވެ. ހަމަ އެގޮތާއި ތަފާތު ގޮތަކަށް އެމެރިކާގެ ރިޔާސީ ކެމްޕޭންގައި ކެންޑިޑޭޓުން މުޅިން ވެސް ބޭނުން ކުރާތަން ފެންނަނީ އެ ގައުމުގެ ގައުމީ ދިދައެވެ. ޕާޓީގެ ދިދަ ފެންނަނީ ވަރަށް މަދުންނެވެ.

ދިވެހި ގައުމުގެ ޝަރަފުކަމުގައިވާ ދިވެހި ގައުމުގެ ދިދަ ކޮންމެ މީހަކު ބޭނުން ގޮތަކަށް ބޭނުން ކޮށްގެން ނުވާނެ އެވެ. ދިދައަށް އިހުތިރާމް ކުޑަ ނުވާ ގޮތަށް ކަންކަން ތަރުތީބު ވާން ޖެހޭނެ އެވެ. ބައެއް ގައުމުތަކުގައި ދިދައިގެ ފޮތިން ތަކެތި ފަހައި ލަމުން ގެންދެ އެވެ. އަދި އެތަކެތި ވިއްކާން ވެސް ހުރެއެވެ.

ކުރިން އޮތް އުސޫލުގައިވާ ގޮތުން ސަރުކާރުގެ އިމާރާތް ތަކުގައި ދިވެހި ގައުމީ ދިދަ ނެގުމީ މަޖުބޫރު ކަމެކެވެ. ކޮންމެ ރަށެއްގައި ވެސް ހުންނަ ސަރުކާރުގެ އިމާރަތްތަކުގައި ދިވެހި ގައުމީ ދިދަ ނަގާފައި ހުންނާން ޖެހެއެވެ. ދިވެހި ގައުމީ ދިދައަށް އިރު އޮއްސުނު ޒަމާނެއް މާޒީގައި ދިޔަހެން ދެން ވެސް އެހެން ވުމުގެ ފުރުސަތު މިހާރު އެބައޮތެވެ. އަދި މިހާރު ސަރުކާރުގެ އިމާރާތެއްގައި ދިދަ ނުނެގުމަކުން ކުރެވޭނެ ކަމެއް ވެސް ނެތެވެ.

ގައުމީ ރޫހު އާލާ ކުރަމޭ ބުނެ ބަސްތަކެއް އިއްވިއަސް އެރޫހު ރައްޔިތުންގެ ހިތުގައި އާލާއެއް ނުވާނެ އެވެ. ދިވެހި ރައްޔިތުންނަށް ފޮނުވާލާ މެސެޖަކުން ހިތާބަކުން ގައުމީ ދުވަސް ފާހަގަކޮށްލުމަކުން ގައުމީ ދުވަސް ފާހަގަ ކުރެވުނީ ކަމަކަށް ވެސް ނުވާނެ އެވެ.

ގައުމީ ދިދައާއި ބެހޭ އުސޫލު އުވާލީ ހަމަ ތިބެލާފައި ހެއްޔެވެ؟ ނޫނެކެވެ. މިކަން ކުރީ ވަރަށް ރޭވުން ތެރިކަމާއި ހިކުމަތްތެރިކަމާއި އެކުގައެވެ. މިކަން ކުރި މީހުންގެ ހިތުގައި ގައުމީ ލޯބި އޮތީ ކިހާވަރަކަށްކަން ރައްޔިތުން ވަޒަން ކުރާނެ ދުވަސް ވެސް އަންނާނެއެވެ. ޕާޓީތަކުގެ ދިދަ، ދިވެހި ގައުމީ ދިދައަށް ވުރެ އުހަށް ނުނެގިގެން އެކަމުގެ އަދަބު ދިވެހި ގައުމީ ދިދައަށް ދީގެން ނުވާނެ އެވެ.