ވެލެންސިއާ

އާ ސީޒަނަށް ވެލެންސިއާއިންވެސް ޓޭރޭނިން ފަށައިފި

ޑިސެމްބަރު މަހު ފަށަން ތާވަލު ކޮށްފައިވާ، ފުޓްބޯޅައިގެ އާ ސީޒަނަށް ތައްޔާރުވާން ކުލަބު ވެލެންސިއާ އިންވެސް ޕްރެކްޓިސް ފަށައިފި އެވެ.

މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ވެލެންސިއާއިން އިއްޔަ ޕްރެކްޓިސް ފެށީ، ތަޖުރިބާކާރު ކޯޗް މުހައްމަދު އާތީފް (އާތީ) ގެ ބެލުމުގެ ދަށުންނެވެ. ގާތްގަނޑަކަށް 13 ވަރަކަށް ކުޅުންތެރިންނާއެކު ޕްރެކްޓިސް ފެށިއރު، މިދިޔަ ސީޒަންގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ވަނީ ޕްރެކްޓިހުގައި ބައިވެރި ވެފަ އެވެ.

ވެލެންސިއާގެ އޮފިޝަލަކު ބުނީ، މާލެ ނާދެވި ރަށްރަށުގައިވެސް ބައެއް ކުޅުންތެރިން އެބަތިބި ކަމަށެވެ. އެ ކުޅުންތެރިންން ޓީމާ ގުޅުމުން ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށްވެސް އޮފިޝަލް ބުންޏެވެ. އާތީގެ ބެލުމުގެ ދަށުން ޕްރެކްޓިސް ކުރިއަށް ގެންދިޔަ ނަމަވެސް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އެ ޓީމަށް ކާމިޔާބު ކޮށްދިން ކޯޗް އިސްމާއީލް އާސިފް (ކުޑަ ހީނާ) ވެސް ވަނީ އާތީގެ އެސިސްޓެންޓެއްގެ ގޮތުގައި ޕްރެކްޓިހަށް ނުކުމެފަ އެވެ.

އާ ސީޒަނަށް ތައްޔާރުވާން ވެލެންސިއާއިން ވަނީ، އެ ކުލަބަށް 41 އަހަރު ފުރުމާ ދިމާކޮށް މިދިޔަ ހުކުރު ދުވަހު ގިނަ ކުޅުންތެރިންތަކެއް ލައްވައި ސޮއި ކުރުވާފަ އެވެ. އެގޮތުން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ލީގަށް އަންނަ ވެލެންނސިއާގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން އިސްމާއީލް ޒާން އާމިރުވެސް ވަނީ ވެލެންސިއާ އަށް ސޮއި ކޮށްފަ އެވެ. ޒާން އެންމެ ފަހުން ކުޅުނީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގަ އެވެ.

ވެލެންސިއާ އަކީ ސީޒަނަށް ޕްރެކްޓިސް ފެށި ދެ ވަނަ ޓީމެވެ. މާޒިޔާއިން ވަނީ އެއް ހަފާުތާ ކުރިން އެ ޓީމުގެ ޕެރެކްޓިސް ފަށާފަ އެވެ. ކޮވިޑް-19 ގެ ހާލަތު ކަމަށް ވުމުން، ކުލަބުތަކުގެ ޕްރެކްޓިސް ފެށީ އެޗްޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވެފައި ވަނީ، ގައުމީ ފެންވަރުގެ ޕްރެކްޓިސް ވަކި ގައިޑްލައިނަކުން ގެންދާނެކަން ހާމަ ކޮށް އެފްއޭއެމުން ތައްޔާރު ކުރި ގައިޑްލައިންއާ ބެހޭގޮތުން އެޗްޕީއޭ އާ މަޝްވަރާ ކުރުމުން އެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދޭން އެޗްޕީއެޗްޕީއޭއިން ނިންމީ ކަމަށެވެ. އެޗްޕީއޭގެ އޮފިޝަލް ވިދާޅުވެފައި ވަނީ ގައުމީ ފެންވަރުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެ އެތޯރިޓީން ދީފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އާންމުކޮށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން އަދިވެސް މަނާކޮށްފައި ވާނެކަން ފާހަގަ ކުރެއްވި އެވެ.

އެޗްޕީއޭ އާއި އެފްއޭއެމުން ކުރި މަޝަވްރާތަކުގައި، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމަށް ނިންމީ މިމަހު ކުރީ ކޮޅު އެވެ. އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ހުއްދަ ހޯދުމަށް އެޗްޕީއޭގެ އިތުރުން ފުލުހުންނާއި ޔޫތު ސްޕޯޓްސް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. ކުލަބުތަކަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން އެފްއޭއެމުން ވަނީ މިއަހަރު މިހާތަނަށް ދެ މަރުހަލާއެއްގައި މުއައްސަސާތަކާއެކު މަޝްވާރާ ކޮށްފަ އެވެ.

އެންމެ ފުރަތަމަ މަރުހަލާއަކީ، އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަ ކުރާ ދެ ޓީމަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމަށެވެ. އޭރުވެސް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. ކުރިން ހަމަޖެހިފައިއޮތީ، މި މަހު އޭއެފްސީ ކަޕް ފެށުމަށެވެ. އެހެންނަމަވެސް އޭއެފްސީ ކަޕް ކުޅޭ ގައުމުތަކުގެ ކޮވިޑް-19 ގެ ހާލަތު ގޯސްކޮށް އޮތުމުން އޭއެފްސީން މިދިޔަ މަހު ވަނީ އެ މުބާރާތް ކެންސަލް ކޮށްފަ އެވެ.