އުމްރާ ދަތުރު

ދުވާލަކު 15،000 މީހުންނަށް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ފަށައިފި

ކޮވިޑްގެ ބަލާއާފާތާއެކު ރައްކާތެރި ކަމަށްޓަކައި ލޮކްޑައުން ގެންނަން ޖެހުމުގެ ސަބަބުން ސަބަބުން އުމްރާ ކުރުމުގެ ފުރުސަތު ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް އުމްރާވުމަށް ފުރުސަތު ދެނީ ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި އަދަދަކަށެވެ.

އެގޮތުން އުމްރާއަށް ފުރަތަމަ ފޭސްގައި ފުރުސަތު ހުޅުވާލީ ދުވާލަކު 6000 މީހުނަށް ވުރެ ގިނަ ނުވާނެ ގޮތަށެވެ. އަދި އުމްރާގައި ހިމެނޭ ކަންކަން ފުރިހަމަ ކުރަން ލިބޭނީ ތިން ގަޑިއިރެވެ. ކޮންމެ ދުވަހަކު ފުރުސަތު ލިބޭ 6،000 މީހުން 12 ގުރޫޕަކަށް ބަހާލާނެއެވެ. އެ ގްރޫޕްތަކުން އުމްރާގެ އަޅުކަން އަދާކުރާނީ ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ވަގުތުތަކެއްގައެވެ.

ނަމަވެސް ދެވަނަ ފޭސްގެ ދަށުން ދުވާލަކު 15،000 މީހުންނަށް އުމްރާވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ. އެއީ ހަރަމްފުޅުގެ 75 އިންސައްތައެވެ.

ތިންވަނަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 20،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މިއީ އާންމު ހާލަތުގައިވެސް ހުއްދަދޭ އަދަދެވެ. މީގެ އިތުރުން ނަމާދު ވަގުތުތަކުގައި 60،000 މީހުންނަށް ހަރަމްފުޅަށް ވަނުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

ނަމާދު ކުރުމަށް ފުރުސަތު ހުޅުވާލުން

ހަތް މަސް ދުވަހުގެ ދިގު މުއްދަތަކަށްފަހު ހަރަމްފުޅުގައި އާންމުކޮށް ނަމާދު ކުރެވޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން ފަރުލު ނަމާދުތަކަށް ފުރުސަތު ހުޅުވާލި ނަމަަވެސް އެއީ ކަނޑައެޅޭ ވަކި އަދަދަކަށް ފުރުސަތު ދޭ ގޮތަށް ހުޅުވާލި ހުޅުވާލުމެކެވެ.

އެ ނިންމުން ބަދަލުކޮށް ސައުދީ ސަރުކާރުން ވަނީ މިއަދުގެ ފަތިސް ނަމާދާއެކު ހަރަމްފުޅު ހުޅުވާލާފައެވެ. ނަމަވެސް ކައުބާ ވަށައިގެން ތޮވާފް ކުރުމަށް ހާއްސަކޮށްފައިވާ ބައި (މަތާފް) އަށް ފޭބޭނީ އުމްރާވެރިންނަށް އެކަނި ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.

އުމްރާގެ އަޅުކަމަށް ދުވާލަކު 15،000 މީހުންނަށް އަދި ނަމާދު ކުރުމަށް އާންމުކޮށް ހަރަމްފުޅު ހުޅުވާލި ނަަމަވެސް ހަރަމްފުޅުގައި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ގައިދުރުކަމަށް ހާއްސަ އިސްކަމެއް ދީފައިވާއިރު ހަރަމްފުޅުގެ ސާފުތާހިރު ކަމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މަސްތަކަކަށްފަހު ހަރަމްފުޅު ހުޅުވާލީ ސައުދީގައި ތިބި މީހުންނަށް އެކަންޏެވެ. ނަމަވެސް ފިޔަވަހި ތަަކަކަށް ބަހާލައިގެން އެ ފުރުސަތު އެހެން ގައުމުތަކުގެ މީހުންނަށްވެސް ދިނުމަށް ވަނީ ނިިންމާފައެވެ. ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށް ފަހު އަންނަ ޖެނުއަރީ މަހުން ފެށިގެން ރަސްމީކޮށް ހުޅުވާލަން ވަނީ ނިންމާފައެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އުމްރާގެ ފުރުސަތު ބަންދުކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ފެބްރުއަރީ ފަހު ހަފުތާގައި ސައުދީގެ ބޯޑަރު ވަނީ ބަންދު ކޮށްފަ އެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައިވަނީ ވެސް ސައުދީގައި ތިބި ބޭރު މީހުންގެ ތެރެއިން ކަނޑައެޅި ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ.