ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދަށް ތާވަލު ކޮށްފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދަރަންޏާ ގުޅޭ ގޮތުން އެންމެ ފަހުން މުޅި މަޖިލީހުގެ ކޮމިޓީން ބައްދަލުވެ، ކުރެވުނު މަޝްވަރާތަކުގެ މައްޗަށް މަޖިލީހުގެ އިދާރާއިން ޑްރާފްޓް ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށެވެ.
"އެ ރިޕޯޓް ތިޔަ ބޭފުޅުންނާ ހިއްސާ ކުރުމުގެ ކުރިން އެ ރިޕޯޓު އެކުލަވާލެވިފައިވާ ގޮތާގުޅޭ ގޮތުން އަދި އެއްފަހަރު ތިޔަ ބޭފުޅުންނާ މަޝްވަރާ ކުރުމަށް ފަހު ދެން އެ ރިޕޯޓު ތިޔަ ބޭފުޅުންނަށް ސާކިއުލޭޓް ކުރުން،" ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 11:00 އަށް ތާވަލު ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮމިޓީގެ ބައްދަލުވުމަށް މިއަދުގެ ހަވީރުގެ ވަގުތެއްގައި އެ ރިޕޯޓު މެންބަރުންނާ ހިއްސާ ކުރެވި، އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އެއަށްފަހު، އެ ރިޕޯޓު ކޮމިޓީން ފާސް ކޮށްފިނަމަ، އަނބުރާ ތަޅުމަށް އައިސް ވޯޓަށް އަހާނެ ކަމަށެވެ.
މިދިއަ އޯގަސްޓް މަހު ބޭއްވި ބައްދަލުވުމުގައި ދަރަނީގެ ހިސާބުތައް ސާފު ކުރަން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމުގައިވާ އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރު ވެސް ހާޒިރު ކޮށްފައި ވެއެވެ.
އެ ދުވަހުގެ ކޮމިޓީ ބައްދަލުވުން ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ބައްދަލުވުމަށް ހާޒިރުވި މާލީ އިދާރާތަކުގެ މިހާރުގެ ވެރިންނާއި ކުރީގެ ވެރިން ދެއްކެވި ވާހަކަތަކުން ސާފު ވެގެން ދިޔަ ކަމަކީ ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.
އޭގެ ފަހުން ދައުލަތުން ގެނެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކާ ގުޅޭ ގޮތުން، އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމު ކޮށްފައިވާ ރިޕޯޓުގައި، 2018 ވަނަ އަހަރުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އެގޮތަށް ނަގާފައިވާ ލޯނުތަކުގެ އަދަދާއި ފައިނޭންސް ދިން ފަރާތްތަކުގެ އަދަދާ ތަފާތުތަކެއް އުޅޭ ކަމަށް ފާހަގަކޮށްފައި ވެއެވެ.
މިގޮތުން، ޑިސެމްބަރު 31، 2018 ގެ ނިޔަލަށް ދަރަނީގެ ގޮތުގައި ބަޔާން ކޮށްފައިވާ 164,564,083 މިލިއަން ރުފިޔާއަކީ ސައްހަ އަދަދެއް ކަމަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ.
އެ ރިޕޯޓާ ގުޅިގެން މިދިއަ ހޯމަ ދުވަހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ދަރަނީގެ ހިސާބުތަކުގައި ފަރަގެއްވާނަމަ، އެކަން ސަރުކާރާ ގުޅިގެން ހޯދައި ދެނެގަތުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.
"މަޖިލީހުގެ ވަރަށް ބޮޑު ޒިންމާއަކަށް ވާނެ، މައްސޫލިއްޔަތަކަށް ވާނެ، ސަރުކާރާއި އެކުގައި މި މަސައްކަތް ކުރުން. ފަރަގެއް ވާނަމަ އެ ފަރަގަކީ ކޮބާތޯ ސަރުކާރަށް ވެސް، މަޖިލީހަށް ވެސް އެނގިގެން އެކަމެއް ފޫބެއްދުން އެއީ. އެ ފަރަގެއް އޮތް ތަނަކީ ކޮބައިތޯ ދެނެގަނެ، އެއް ގޮތަކަށް މިކަން ކަނޑައެޅިގެން އައުން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ދަރަނި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އިންތިހާއަށް އިތުރުވެފައިވާކަން އޮޑިޓު ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވާއިރު، ކުރިއަށް އޮތް ތިން އަހަރު ދަރަނި ދެއްކުމުގައި ދައުލަތުން ހޭދަ ކުރަން ޖެހޭނެ ސީދާ އަދަދުތައް މަޖިލީހުގެ ރިޕޯޓު އާއްމުކުރާއިރު، ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ އެވެ.
ނަމަވެސް، ފިނޭންސް މިނިސްޓްރީ ނޫން އިދާރާއަކުން އާއްމުކުރާ ހިސާބުތަކެއްގައި ހުންނަ ނުރަނގަޅު މައުލޫމާތެއްގެ ގެއްލުން ދައުލަތަށް ކުރާނެ ކަމަށް އަމީރު ވަނީ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފަ އެވެ.
"ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ހަގީގަތާ ހިލާފު ރަނގަޅު ނޫން މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް ޝާއިއުކުރެވި އަޅުގަނޑުމެންނަށް ބޭރު ކުރެވޭނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ އިންވެސްޓާ ކޮންފިޑެންސް ދަށަށް ދާނެ. އިންވެސްޓާ ކޮންފިޑެންސް ދަށަށް ގޮސްފިނަމަ އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިން ދަށްވެގެން ދާނެ،" އަމީރު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެ އެވެ.
އަދި ހަގީގަތާ ހިލާފު މައުލޫމާތުތަކުގެ ސަބަބުން ދަރަނި ރެކޯޑު ކުރުމާއި ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓްރީ އިސްވެ ކުރަމުންދާ މަސައްކަތާމެދު އިންވެސްޓަރުން ކުރާ އިތުބާރު ގެއްލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އަމީރު ފާހަގަކުރެއްވި އެވެ.