މާރާމާރީ ހިންގުން

އައްޑޫން ހަމަލާދިން މީހާގެ ޒަހަމްތައް ފުން

އައްޑޫގައި ދެ ގުރޫޕެއްގެ މެދު ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި މީހާއަށް ފުން ޒަހަމްތަކެއް ލިބި އައިސީޔޫގައި ފަރުވާދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު މިހާރު ސީރިއަސް ނޫން ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރު ޝާފީ މުހައްމަދު މިއަދު ވިދާޅުވީ ރޭގެ މާރާމާރީގައި ޒަހަމް ކޮށްލުމުން އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަ ނީ 22 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ. އަދި ވިދާޅުވީ މާރާމާރީގައި އޭނާގެ ހަށިގަނޑަށް ފުން ގިނަ ޒަހަމަތަކެއް ލިބިފައިވާ ކަމަށާއި އަތުގެ އިނގިލިތައްވެސް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ރޭ ދަންވަރު 12:30 ހާއިރު މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މި އީ ދެ ގުރޫޕެއް ދެމެދުގައިން ހިނގި މާރާމާރީއެއް ކަމަށެވެ. މި މާރާމާރީ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ޒަހަމްވި މީހާއަށް ލިބިފައިވާ އަނިޔާތައް ފެންނަ ބައެއް ފޮޓޯތައް ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ އަތްތިލައަށް ވަރަށް ބޮޑަށް ޒަހަމްވެފައި ވެއެވެ.