ހަބަރު

ދެވަނަ ފިޔަވަހީގައި ހުޅުމާލެ ހިއްކަން ފަށައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ ބިންހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ، ސުހެއިލް އަހުމަދު ވިދާޅުވި ގޮތުގައި ބެލްޖިއަމްގެ ކުންފުންޏެއް ކަމަށްވާ، ޑްރެޖިން އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތް ފެށީ ރޭގެ ވަގުތެއްގަ އެވެ. ހުޅުމާލޭ ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށާއި އެއްފަޅެއްގައި އޮންނަ ކްލަބްފަރު ވެސް ހިމެނޭ ގޮތަށް 240 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް ހިއްކި ސަރަހައްދު ހިމާޔަތް ކުރުމާއި ބޭރު ތޮށި ލުމުގެ މަސައްކަތާއި އެކު މުޅި މަޝްރޫއު ނިންމާލެވޭނެ ތާރީހެއް އަދި ބުނަން އަވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުން ނިންމަވާފައި އޮތީ 24 ގަޑިއިރު ހުއްޓާނުލައި އެ މަސައްކަތް ކުރަން. އެކަމަކު މީގައި އަންނާނެ ބައިވަރު ފެކްޓާތައް. އެބޭފުޅުން އަދި އެ ފަށައިގަތީ މަސައްކަތް. މުޅިން ނިންމާލެވޭނެ ދުވަހެއް އެނގޭނީ މަސައްކަތުގެ ސްޕީޑަށް ބަލާފައި،" ސުހެއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިންހިއްކަން ފެށި ނަމަވެސް ހުޅުމާލޭގެ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިނުވާނެ ކަމަށެވެ. ނަމަވެސް ހުޅުމާލެ ބޭރުން ދަތުރު ކުރާ ބައެއް އޮޑިފަހަރުތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝުހެއިލް ވިދާޅުވި އެވެ. އެސަރަަހައްދުން ދަތުރު ކުރާ އުޅަނދުތަކުން އެކަމަށް ސަމާލުކަން ދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ބޭންކް އޮފް ސިލޯނުން ދިން 30 މިލިއަން ޑޮލަރުގެ ލޯނާއި އެކު އެ މަޝްރޫއަށް ގާތްގަނޑަކަށް 50 މިިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އެ މަޝްރޫއު ނިމުމުން، އެ ރަށުގެ ބޮޑުމިނުގައި 410 ހެކްޓަރު ހުންނާނެ އެވެ. އެ ރަށުގައި މިހާރު ހުންނަނީ 188 ހެކްޓަރެވެ.

ހުޅުމާލެ އެންމެ ފުރަތަމަ ހިއްކީ 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެންނެވެ. ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލެ ތަރައްގީ ކުރަނީ 100،000 މީހުންގެ އާބާދީއެއް އެ ރަށުގައި ވަޒަންވެރި ކުރެވޭ ވަރަށެވެ.

ހުޅުމާލޭގައި ފްލެޓް އެޅުމުގެ އިތުރަށް ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއަކާއި ތީމް ޕާކާއި އިންޑަސްޓްރިއަލް ޕާކް އަދި ޓޫރިޒަމް ޑިސްޓްރިކްޓެއް ގާއިމް ކުރުމަށް ވަނީ ރާވައިފަ އެވެ.