އޭލިއަން ހަލޯރާތެއްގެ މަސައްކަތެއް ކަމަށް ބެލެވޭ "އުފެދުންތަކެއް" ޖައްވުގައި އަތްފުނާއަޅާ ސައިންސްވެރިން ސިއްސުވާލައިފިއެވެ.
ޕެން ސްޓޭޓް ޔުނިވަސިޓީގެ އެސްޓްރޯނަމާއެއް ކަމަށްވާ ޖޭސަން ރައިޓް ބުނާ ގޮތުގައި މިއީ ޓެކްނޮލޮޖީގެ ގޮތުން އިންސާނުންނަށްވުރެ މާ ކުރީގައި އުޅޭ އޭލިއަން ހަލޯރާތެއްގެ މަސައްކަތަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ސައިންސްވެރިންނަށް ފެނިގެން މިއުޅޭ އެއްޗަކާ ބޭހޭގޮތުން ތަފްސީލީ ރިޕޯޓެއް ނެރުމަށް ރައިޓް ދަނީ ތައްޔާރުވަމުންނެވެ. އޭނާ ބުނީ މި ފެނުނު "މެގަ ސްޓްރަކްޗާ" އޭނާ މުޅިން އާޝޯހު ކޮށްލައިފި ކަމަށެވެ.
"މިގޮތަށް ޖައްވުން ފެންނަ އެއްޗަކާ އޭލިއަނުންނާ ގުޅުވުމަކީ އަހަރެމެން ކުރާނެ އެންމެ ފަހު ކަންތައް. އެކަމަކު މިހާރު ފެނިގެން މިއުޅޭ ތަކެއްޗަކީ އޭލިއަން ހަލޯރާތެއްގެ މަސައްކަތަކާ ވަރަށް ވައްތަރު".
މިބުނާ "އޭލިއަން ހަލޯރާތުގެ އުފެއްދުން" ދަތުރުކުރަމުން ދަނީ ދުނިޔެ ހިމެނޭ ގެލެކްސީ ކަމަށްވާ މިލްކީވޭއާއި ކައިރީގައިވާ ތަރިއެއް ވަށައިގެންނެވެ. މި ތަރި ފުރަތަމަ ފަހަރަށް ސައިންސްވެރިންގެ ސަމާލުކަމަށް އައީ 2009 ވަނަ އަހަރުއެވެ. އެތަރީގެ ދައުރުވުމަށް އޭރުއްސުރެ ސައިންސްވެރިން ބަލަމުން އައީ ދުނިޔޭގެ އިރާއި އެއްގޮތް ސިފަތަކެއް އެތަރިއަށް ލިބިފައި ވާތީއެވެ. އަދި އަހަރެމެންގެ އިރު ވަށައިގެން ޕްލެނެޓުތައް އެނބުރޭހެން އެ ތަރީގެ ވަށައިގެންވެސް ޕަލެނެޓްތަކެއް އެނބުރޭތީއެވެ.
މިބުނާ ތަރީގެ ވަށައިގެން އާދަޔާ ހިލާފު "އަލިގުޅައެއް" އެނބުރެމުންދާކަމަށް ނާސާގެ ކެޕްލާ ސްޕޭސް ޓެލެސްކޯޕަށް ފާހަގަ ކުރެވި މިހާރު މިވަނީ އޭލިއަން ދިރުންތަކުގެ ވާހަކައަށް ބޮޅެއް އިތުރުވެފައެވެ. މި އަލިގުޅަ އަކީ ޕްލެނެޓެއްގެ އަލި ނޫންކަމަށް ސައިންސްވެރިންނަށް ޔަގީން ކުރެވެއެވެ.
މި "އޭލިއަން ހަލޯރާތުގެ" ވާނުވާ ބެލުމަށް ބިޒީވެފައިވާ ސައިންޓިސްޓެއް ކަމަށްވާ ޓަބޭތާ ބޮޔަޖިއާން ބުނީ އެމީހުން ފުރަތަމަ ހީކުރީ މިއީ ޖައްވީ އުޅަނދަށް އެރި އޮޅުމެއް ކަމަށް ކަމަށެވެ. އެކަމަކު މިއީ އޮޅުމެއް ނޫންކަން ކަށަވަރުވާ ވަރަށް މިހާރު ބެލިއްޖެ ކަމަށާއި މިވަރުގެ ކަމެއް އަދި ދުވަހަކު ވެސް ޖައްވުގެ ތެރޭން ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
މި އަޖައިބު ހޯދި ކެޕްލާ ޓެލެސްކޯޕުގެ މައިގަނޑު މަސައްކަތަކީ ޖައްވުގެ ތެރޭން "ދިރުން" އަށަގަތުމުގެ ފުރުސަތު އޮތް ޕްލެނެޓެއް ހޯދުމެވެ.
މައުލޫމާތު: ނާސާ، އިންޑިޕެންޑެންޓް އަދި ދި އެޓްލާންޓިކް