ހަބަރު

ޑްރަގު ނަގާ މީހުނަށް ނަފުސާނީ ފަރުވާ ދޭން "ގަގަން"

މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުނަށް ނަފްސާނީ ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއް ނެޝަަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި ހުޅުވައިފި އެވެ.

"ގަގަން ކްލިނިކް" ގެ ނަމުގައި ހުޅުވި މި ކްލިނިކަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ނަފްސާނީ ގޮތުން ބަލިވެފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްގެން ހުޅުވި ކްލިނިކެކެވެ. މި ކްލިނުކުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ފަރުވާ ހޯދަމުންދާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް ދީ ބޭނުންވާ ފަރުވާގެ އެހީތެރިކަން ފޯރު ކޮށްދޭނެ އެވެ. -- "ގަގަން" އެ ލަފްޒަކީ އިހުގައި ދިވެހިން ކަންކަމުގައި ސަލާމާތީ ފިޔަވަޅު އަޅައިގެން ތިބުމަށް ބޭނުންކޮށް އުޅޭ ބަހެކެވެ.

ކްލިނިކް ކުޅުވައި ދެއްވާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި މިކަމުގެ ސަބަބުން ންފަސީނީ ގޮތުން އެތައް އަސަރުތަކެއް ކޮށްފައިވާ މީހުން ވެސް މި މުޖުތަމައުގައި އެބަތިބި ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ފަރުވާ ދެވޭނެ ހާއްސަ ކްލިނިކެއް މިހާތަނަށް ނެތުމަކީ މިފަދަ ކަންކަމުން ސަލާމަތް ވުމަށް ބޭނުންވާ މީހުން ބޮޑެތި ތަކުލީފުތައް އުފުލަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ކްލިނިކް ހުޅުވުމާއެކު ޒުވާނުންނަށް ފަރުވާ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށާއި، ޒުވާނުންނަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒުކަމަށެވެ.

ހެނދުނު އޮތް އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު އާއި އެންޑީއޭގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.