ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުއާއެކު އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާ ނުކުރަން ނިންމައި ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވާ ކަންކަން އަލުން ތަހުގީގު ކުރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް ޖުމްލަ 11 މީހުންނަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޕީޖީއަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދިނުމަށެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާ ކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރަން ނިންމައި، އިއްޔެ އެ މައްސަލަ ފޮނުވާލާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ދައުވާ ނުކުރަން ނިންމި ސަބަބުތައް މިއަދު މެންދުރު ނޫސްވެރިންގެ ބައްދަލުވުމެއް މެދުވެރިކޮށް ސާފުކޮށްދިނުމަށް ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ ގުޅިގެން އޭސީސީގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ މި މައްސަލަ އަލުން އަނބުރާ ފޮނުވާފައި ވަނީ ދައުވާކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ކަމަށެވެ.
އެހެން ކަމުން މި މައްސަލާގައި ޕީޖީން ފާހަގަ ކޮށްފައިވާ ކަންކަން އަލުން ދިރާސާ ކުރުމަށް ފުލުހުންނާއި ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާނެ ކަމަށާއި އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ.
މި މައްސަލާގައި އަމީންގެ އިތުރުން ދައުވާ ކޮށްދޭން އޭސީސީ އެދުނީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެމްބަރު ފާތުމަތު ލިމްޔާގެ މައްޗަށެވެ. އަދި 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ހަވާލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް ކަމަށް ނިންމާ އޭނާގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް އެދުނު އިރު މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމާއި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުﷲ ހަފީޒާއި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސެއިން ނިޔާޒާއި ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ޝަރީފަށްވެސް ވަނީ ދައުވާ ކުރުމަށް ވެސް އެދުނެވެ.
ވެންޓިލޭޓަރު މައްސަލަ އަނބުރާ ފޮނުވާލާފައިމި ވަނީ، އޭސީސީން ކުރާ ތަހުގީގުތަކުގެ ފެންވަރާމެދު ސުވާލު އުފައްދާފައި ވަނިކޮށެވެ.