ވައްކަން ކުރިޔަސް ލޫޓުވިޔަސް އޭރަކު އޮންނަ ސަރުކާރަކަށް ނިސްބަތް ވާނަމަ އެމީހަކު ރަނގަޅުވާ ކަމަށާއި އޭގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވާ ކުރެއްވި ޓުވީޓެއްގަ އެވެ.
މި ޓުވީޓުގައި ޖަމީލް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޮޑުތަނުން ހިޔާނާތްތެރި ވެފައިވާ ކަމަށާއި ރާއްޖޭގައި އެމީހަކަށް ފެނުނު ގޮތަކަށް އުޅެންވީ ކަމަށެވެ. ވައްކަންކުރިޔަސް، ލޫޓުވިޔަސް، ސަރުކާރަށް ނިސްބަތްވާނަމަ ރަނގަޅުވާ ކަމަށާއި ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.
ޖަމީލް އަދި ވިދާޅުވީ ސަރުކާރުން ބޭނުން ވުމުން ބޭނުން މީހަކަށް، ކިތަންމެ ހަނިކޮށް ވިޔަސް ދައުވާ ކުރެވޭ ކަމަށާއި މިހާރު ރާއްޖޭގައި ގާއިމްވެފައި މިއޮތީ "މުޑުދާރު ވެރިކަމެއް" ކަމަށެވެ.
މީގެ ކުރިންވެސް ޖަމީލް ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމް ތަޣައްޔަރުވެފައިވާ ކަމަށް ވިދާޅުވެ ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މި ސަރުކާރުގެ ދޮޅު އަހަރުގައި ދިވެހި ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާއި ހިޔާނާތް ފެޝަނަކަށް ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭސީސީން ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހަކަށް ދައުވާ ކޮށްދިނުމަށް މިމަހުގެ 14 ވަނަ ދުވަހު ޕީޖީ އަށް ފޮނުވާފަ އެވެ. ނަމަވެސް ޕީޖީން ވަނީ ދައުވާ ކުރެވޭ ވަރަށް ހެއްކާ ގަރީނާ ނެތް ކަމަށްބުނެ ދައުވާ އަނބުރާ ފޮނުވާލާފަ އެވެ.