އޭސީސީ

އޭސީސީގެ ތަހުގީގުތަކުގެ ފެންވަރާމެދު އަނެއްކާވެސް ސުވާލު

Oct 20, 2020
2

ވެންޓިލޭޓަރުތައް ހޯދުމުގައި ނުފޫޒު ބޭނުން ކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލުމުން އޭސީސީން ކުރި ތަހުގީގު ފެންވަރާމެދު އަނެއްކާވެސް ސުވާލު އުފައްދައިފި އެވެ.

އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޕީޖީއަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދޭށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާ ކުރުމަށް ފަހު، މައްސަލާގައި ދައުވާ ނުކުރަން ނިންމައި، އިއްޔެ އެ މައްސަލަ ފޮނުވާލާފައިވާ ކަމަށެވެ.

އެ މައްސަލަ ދައުވާ ކުރަން ފޮނުވި ދުވަހު ވެސް އޭސީސީން ކުރި ތަހުގީގުގެ ފެންވަރާ މެދު ފަހަކަށް އައިސް އެ ކޮމިޝަނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ފޮނުވި މައްސަލައަށް އިޝާރާތް ކުރައްވަމުން، އިންތި ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ނުކޮށް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލީ ވެސް އެސީސީއިން ކުރި ތަހުގީގުގެ ފެންވަރު ދަށްވެގެން ކަމަށެވެ.

އަދި މިއަދު ވިދާޅުވީ، އެ ދުވަހުގެ ހެނދުނު 11:00 ގައި މަޖިލީހަށް ހާޒިރުވާން އޭސީސީއަށް އަންގާފައިވަނިކޮށް އޭގެ ކުރިން ކުއްލިއަކަށް އެ މައްސަލަ ދައުވާކުރަން ފޮނުވުމުން ތަހުގީގު ފެންވަރާމެދު ސުވާލު އުފެދުނު ކަމަށެވެ.

"އެ ދުވަހު ހެނދުނު 11:00 އަށް މަޖިލީހަށް ހާޒިރުވުމަށް އޭސީސީއަށް އެންގުމުން، އައި މަގުމަތީގައި ޕީޖީއަށް މި މައްސަލަ ވައްޓާލާފައި އަންނަން ވެގެން ކުރި ތަހުގީގުގެ ފެންވަރު،" ދައުވާ ނުކުރަން ޕީޖީން ނިންމި ނިންމުމަށް އިޝާރާތް ކުރައްވަމުން އިންތި ވިދާޅުވި އެވެ.

ނަމަވެސް، ދައުވާ ނުކުރަން ނިންމައި ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވާ ކަންކަން ފުލުހުންނާ ގުޅިގެން އަލުން ތަހުގީގު ކުރާނެ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.