ތަފާސް ހިސާބު

"ކުރިޔަށް ހަ ކުޅި ކުޅެވޭނީ ހިސާބަށް ބަލައިގެން"

Oct 20, 2020

ދިމާވާ އަދި ކުރާ ހުރިހާ ކަމަކާއި ހާލަތެއްގައި ކުރިޔަށް "ހަ ކުޅި" ކުޅެވޭނީ ތަފާސްހިސާބަށް ބަލައިގެން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ކަންކަމުގައި "ހަކުޅި" ކުރިޔަށް ކުޅުއްވާ ކަމަށް ވަރަށް ގިނައިން މިސާލު ޖައްސަވާ ރައީސް ނަޝީދު މިހެން ވިދާލުވީ ދުނިޔޭގެ ތަފާސް ހިސާބު ދުވަހާ ގުޅިގެން މިއަދު ޒޫމް މެދުވެރިކޮށް ބޭއްވި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު މިއަދު ވިދާޅުވީ އަބަދުވެސް "ތަފާސް ހިސާބަކީ ސިޔާސީ މީހުންނަށް ވަރަށް މުހިންމު އެއްޗެއް" ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ކަމެއްގައި ނުކުމެދާނެ ނަތީޖާ އަންދާޒާ ކުރުމަށް ފަހުގައި ނޫނީ އެ ކަމެއް ކުރުން ރަނގަޅު ނުވެދާނެ ކަމަށާއި އެގޮތަށް މަސައްކަތް ކުރާއިރު ކުރިޔަށް "ހަ ކުޅި" ކުޅެވޭނީ ތަފާސް ހިސާބަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ކުރާ ކޮންމެ ކަމަކީ އެނގިގެން، މިނިގެން ދެންވާނެ ގޮތް ވެސް ވިސްނިގެން ކުރެވޭ ކަމަކަށް ވުން. ހަކުޅި ކުޅިއަށް ކުޅެވޭނީ އެ ކުޅި ހިނގާ ހުރިހާ މަގެއް އެނގިގެން،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ތަފާސް ހިސާބާއި ބެހޭ ބިލެއް މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ ކަމަށާއި އާއްމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން ހިމެނޭ ތަފާސް ހިސާބު އެކުލަވާލުމުގެ ގަވާއިދަށް ގާނޫނީ ބާރު ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު ތަފާސް ހިސާބުގެ ގައުމީ ނިޒާމެއް އެކުލަވާލައި އާއްމުކޮށް ބޭނުން ކުރުމަށް މިނިވަން މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށެވެ.

ރާއްޖޭގައި ތަފާސް ހިސާބު އެއްކުރާތާ އެތައް ހާސް އަހަރެއް ވެފައިވާ ކަމަށާއި 1800 އިގެ އަހަރުތަކުން ފަށައިގެން ވިޔަފަރީގެ ހިސާބު ބަލަހައްޓަމުން އައިކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު އެހެން ވިދާޅުވި ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި އާބާދީއާ ދިރިއުޅޭ ތަންތަނުގެ ބޯހިމަނާފައެއް ނުވެ އެވެ.