މިނިވަން50ގެ ކުޅިވަރުތައް ބާއްވައިގެން ހަލާކުވި ގަލޮޅު ދަނޑުގެ ވިނަގަނޑު މުޅިން ނުނިމޭތީވެ ދިވެހި ޕްރެމިއާ ލީގުގެ މެޗުތައް އެފްއޭއެމް ޓާފް ދަނޑުގައި ފަށަން ނިންމައިފި އެވެ.
މިއީ ގަލޮޅު ބޯޅަ ދަނޑު ހެދީއްސުރެ މާލޭގައި އެ ދަނޑު ނޫންތަނެއްގައި ބޮޑު މުބާރާތެއްގެ މެޗުތައް ކުޅޭ ފުރަތަމަ ފަހަރެވެ. އާއްމުކޮށް ޓާފް ދަނޑުގައި ކުރިއަށް ގެންދަނީ ކުލަބުތަކުގެ ޕްރެކްޓިސް އާއި ތިން ވަނަ އަދި ދެ ވަނަ ޑިވިޝަނުގެ މުބާރާތެވެ.
އެފްއޭއެމުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޖުލައި 26ގެ ކުޅިވަރުތަކަށް ފަހު ލީގު އަލުން ފަށާ މުއްދަތު ދެ ފަހަރަކަށް ފަސްކޮށްގެން ވެސް ދަނޑު ނުނިމިފައިވާތީވެ ހިތާމަ ކުރާ ކަމަށާއި ލީގު އަލުން ފަށަންވާއިރަށް ގަލޮޅު ދަނޑުގެ ވިނަގަނޑު ތައްޔާރުކުރުމުގައި ޔޫތު މިނިސްޓްރީގެ ކުރަންޖެހޭ ކަންތައްތައް އެންމެ ރަނގަޅަށް ގޮސްފައިނުވާތީވެ ހިތާމަކުރާ ކަމަށެވެ.
އަދި ޓާފް ދަނޑުގައި މެޗުތައް ކުޅެން ނިންމީ އަންނަ ޑިސެމްބަރު މަހު އިންޑިޔާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ގައުމީ ޓީމު ދާންވާއިރަށް ލީގު ނުނިމިދާނެތީ އާއި ސީޒަން ދިގުލައިދާތީވެ ކުލަބުތަކަށް ލިބޭ މާލީ ގެއްލުން ކުޑަކުރުމަށްޓަކައި ކަމަށެވެ.
ވިނަގަނޑު ހަލާކުވެފައިވާތީވެ، ގަލޮޅު ދަނޑު ތައްޔާރުކުރުމަށް މިނިސްޓްރީ އަށް ވަގުތު ދިނުމުގެ ގޮތުން އެފްއޭއެމުން ވަނީ މިދިޔަ ދުވަސްތަކުގައި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް އައްޑޫސިޓީ އާއި ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފަ އެވެ. މިއީ 45 އަހަރަށް ފަހު ގައުމީ މުބާރާތް މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރުވެސްމެ އެވެ.
ހޮނިހިރު ދުވަހު ލީގު އަލުން ފަށައިދޭނީ ވެލެންސިއާ އާއި މަހިބަދޫ އެވެ.