ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އާއި ލަވަކިޔުންތެރިޔާ އަދި ހޯސްޓް އަދިތުޔާ ނާރަޔަން ކައިވެނިކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ފެތުރުނީ މިދިޔަ އަހަރު ދެއްކި އިންޑިއަން އައިޑޮލްގެ 11 ވަނަ ސިޒަން ދައްކަމުން ދިޔަ ދުވަސްވަރު އެވެ. ނެހާ އަކީ އެ ޝޯގެ ޖަޖެކެވެ. ޝޯ ހޯސްޓްކުރީ އަދިތުޔާ އެވެ.
ކޮންމެއަކަސް އިންޑިއަން އައިޑަލްގެ އެ ސީޒަން ނިމުމުން މިއީ ޝޯ ޕްރޮމޯޓްކުރަން ހަދައިގެން ދެއްކި ވާހަކަތަކެއް ކަން ވަނީ ފަޅާ އަރާފަ އެވެ. އަދި ފާއިތުވީ 10 އަހަރުއްސުރެ އަދިތުޔާ އާއި އޭނާގެ ފުރަތަމަ ފިލްމު "ޝާޕިތު"ގެ ބަތަލާ ޝްވޭތާ އަގަރްވާލްގެ މެދުގައި ލޯބީގެ ގުޅުން އޮތްކަން ވެސް ވަނީ ހާމަވެފަ އެވެ.
މިހާރު އަނެއްކާވެސް ނެހާގެ ކައިވެނީގެ ވާހަކަތަކެއް ވަރަށް ހޫނުކޮށް ދެކެމުން އެބަދެ އެވެ. ޕަންޖާބު ލަވަކިޔުންތެރިޔެއް ކަމަށްވާ ރޯހަންޕްރީތު ސިންގް އާއި ނެހާ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަ އެވެ. މި ދެ ތަރިން އެކުގައި ކިޔާފައިވާ ލަވައެއްގެ ވީޑިއޯ ރިލިޒްކުރުމާ ދިމާކޮށް މި ވާހަކަތައް ފެތުރޭތީ ގިނަ ބަޔެއްގެ ހިތުގައި މިފަހަރުވެސް ޝައްކުތައް އުފެދޭ ގޮތް ވަނީ ވެފަ އެވެ. ނެހާ މިފަހަރުވެސް ޕްރޮމޯޝަން ސްޓަންޓެއް ޖެއްސީ ކަމަށް ހީވެގެންނެވެ.
ނެހާގެ އެކުވެރިޔާ އަދިތުޔާ ނާރަޔަން ވެސް ބުނަނީ ނެހާ ކައިވެނިކުރަން އުޅޭ ކަމާ މެދު އޭނާއަށް ވެސް ޝައްކު ކަމަށެވެ. އަދި ކައިވެނީގެ ދައުވަތު ކާޑު އަދިތުޔާ އަށް ލިބިފައިވާ ކަމަށް އިންޑިޔާގެ ބައެއް އޮންލައިން ނޫސްތަކުން ރިޕޯޓުކޮށްފައި ވީނަމަވެސް އެއީ ދޮގެއް ކަމަށާއި އޭނާއަށް ދައުވަތު ނުލިބޭ ކަމަށް ވެސް އަދިތުޔާ ބުންޏެވެ.
އަދިވެސް އަދިތުޔާގެ ހިތުގައި ވަރަށް ބޮޑު ސުވާލެއް އެބައޮތް ކަމަށް އޭނާ ބުންޏެވެ. ނެހާ އާއި ރޯހަންޕްރީތު ބައްދަލުވީ މީގެ މަހެއްހާ ދުވަސްކުރިންކަމަށް ވެފައި އެހާ އަވަހަށް ދެ މީހުންނަށް ކައިވެންޏަކާ ހަމައަށް ދެވުނީ ކިހިނެއްތޯ އެވެ؟ ނެހާ އަކީ ޓީންއޭޖް ކުއްޖެއް ނޫންކަމަށާއި އަވަސް އަރުވާލައިގެން އެފަދަ ނިންމުމެއް ނިންމަފާނެ ކަމަށް އަދިތުޔާ އަށް ހަމަ ޝައްކުވަނީ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަސްލުވެސް އޭނަ (ނެހާ) ކައިވެނި ކުރަނީތަ؟ އަހަންނަކަށް އެއްވެސް ދައުވަތު ކާޑެއް ނުލިބޭ. ވަރަށް އަޖައިބުވެއްޖެ. ރޯހަންޕްރީތު އާ ނެހާ އާ ފުރަތަމަ ފަހަރަށް ބައްދަލުވީ ވެސް އެ ލަވައިގެ ޝޫޓިންގަށް މީގެ ދެ ތިން ހަފުތާއެއް ކުރިން. އެހާ އަވަހަށް މީހަކާ ކައިވެނި ކުރަން ނިންމަފާނެތަ ހަމަ؟،" އަދިތުޔާ ބުންޏެވެ.
ނަމަވެސް މީގެ ހަފުތާއެއް ކުރިން އެހެން ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި އަދިތުޔާ ބުނީ ކައިވެނީގެ ދައުވަތު ކާޑު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އަމިއްލަ ކައިވެނީގެ ކަންތައްތަކުގައި ބިޒީކޮށް އުޅޭތީ ނުދެވޭނެ ކަމަށެވެ. ނަމަވެސްފަހުން މިވަނީ ދައުވަތު ކާޑު ނުލިބޭ ކަމަށް ބުނެ ވާހަކަ ބަދަލުކޮށްފަ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އޮކްޓޯބަރު 23 ވަނަ ދުވަހު ނެހާ އާއި ރޯހަންޕްރީތު ކައިވެނި ކުރުމަށް މިހާރު މި ކައިވެނި ރަޖިސްޓްރީވެސް ކޮށްފި އެވެ. އަދި ކައިވެނީގެ އެކި ރަސްމިއްޔާތުތައް މިހާރު ފެށިގެން ކުރިޔަށް އެބަ ދެއެވެ.
އަނެއް ބަޔަކަށް އަދިވެސް ހަމަ އަދިތުޔާ ގޮތަށް ޝައްކުވަނީ އެވެ. މިފަހަރު އަނެއްކާވެސް ހަމަ ޕަބްލިސިޓީ ސްޓަންޓެއް ބާއޭ ހީވެފަ އެވެ.