ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ހާހަކަށް އަރައިފި

Oct 21, 2020

ރާއްޖެ އަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ހާހަކަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ބޯޑަރު ހުޅުވާލުމަށްފަހު މިހާތަނަށް ކުރެވުނު މަސައްކަތް ކާމިޔާބު ކަމަށާ، ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ. ނަމަވެސް އެންމެ ހިތްހަމަ ޖެހޭނީ ތަންކޮޅެއް ގިނައިން ޓޫރިސްޓުން އައިސްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިހާރު ރާއްޖެ އަށް 12 އެއާލައިނަކުން ދަތުރު ކުރަމުންދާ ކަމަށާ، ދުނިޔެއާއި ރާއްޖެ ގުޅިފައިވާ ކަމަށެވެ.

"ފަތުރުވެރިން އަންނަ އަދަދު ފުރަތަމަ އަންދާޒާ ކުރިން ޖުމްލަ އަދަދު 500،000 އަށްވުރެ އިތުރަށް އަރާނެ ކަމަށް. ކުރިން އުންމީދު ކުރީ އޮކްޓޫބަރު މަހު އަންނަ ފަތުރުވެރިންގެ އަދަދު 1000 އަކަށް އަރާނެ ކަމަށް. އެކަންތައް ހާސިލްވެއްޖެ. އޮކްޓޫބަރުމަހާއި ނޮވެމްބަރު މަހު އަދި ޑިސެމްބަރު މަހު އިރާދުކުރެއްވިއްޔާ 100،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިހާލަތުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ބަޔަކީ ޓޫރިޒަމް މަސައްކަތް ތެރިން ކަމަށާ، ޓޫރިޒަމް މަސައްކަތްތެރިން ވަޒީފާއަށް ނެރުމުގެ މަސައްކަތް ވެސް ކާމިޔާބު ވަމުންދާ ކަމަށެވެ.

"އެންމެ ފާހަގަ ކޮށްލެވެނީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ގޮތަށް ބައްޓަން ވެފައިވާ ގެސްޓްހައުސްތައް ހުޅުވިގެން ދިއުން،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވުމަށްފަހު، ކާމިޔާބު ތަކެއް ލިބުނު ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުން ތިބީ ނާއުންމީދުގައި ކަމަށެވެ.

"ޔޫއެންޑަބްލިއުޓީއޯގެ ކްރައިސް ކޮމެޓީގެ ބައްދަލުވުމުގައި ދާދި ފަހުން އަޅުގަނޑު ބައިވެރިވިން. މި ބައްދަލުވުމުގައި ރާއްޖޭގެ ވާހަކަ ކިޔައި ދިނުން. ގިނަ ގައުމުތަކުން އަދި ވެސް ތިބީ ނާއުންމީދުގަ. އެކަމަކު އުންމީދީ ވާހަކަ ތަކެއް ވެސް ދެއްކީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އައިސްފައިވަނީ 26،720 ޓޫރިސްޓުންނެވެ. މިހާތަނަށް ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާ އަދި ސަފާރީ އަދި ގެސްޓްހައުސްތަކުގައި ހުރި ޓޫރިސްޓު އެނދުގެ 55 ޕަސެންޓް މިހާރު އޮޕަރޭޓް ކުރަމުން ގެންދެ އެވެ.