ހަބަރު

އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އިމްރާނަށް ދައުވަތު

Oct 21, 2020
1

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ލީޑަރު އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އެ ކޯލިޝަންގެ މައި ޕާޓީއާ ގުޅިވަޑައިގަންނަވަން ދައުވަތު ދެއްވައިފި އެވެ.

ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިއަށްގެން ދިއުމަށް މިއަހަރު ހަމަޖެހިފައިވާތީ، އެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރަން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފަ އެވެ.

ސުވާލު ކުރުމަށް ރާއީއަށް ދެއްވި ފުރުސަތުގައި އޭނާ ވިދާޅުވީ، ކުރައްވަން ބޭނުންފުޅުވި ސުވާލާ ގުޅޭ ގޮތުން، މިނިސްޓަރާ ބައްދަލުވެ، ވަރަށް ތަފްސީލުކޮށް ސާފުކޮށް ދެއްވާފައިވާ ކަމަށެވެ. އަދި އިމްރާން ކުރައްވަމުން ގެންދަވާ މަސައްކަތަށް ރާއީ ވަނީ ތައުރީފު ކުރައްވައިފަ އެވެ.

"... މިނިސްޓަރު ނިސްބަތްވާ އަމިއްލަ ޕާޓީއަށްވުރެ އަޅުގަނޑުމެންގެ ޕާޓީއަށް އިސްކަން ދީގެން މިނިސްޓަރުގެ ބައްޓަން ކޮށްފައިވާތީވެ. އަޅުގަނޑުގެ ދާއިރާގެ ނަމުގައި އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިނިސްޓަރު އެމްޑީޕީއަށް ސޮއި ކުރައްވާނެ ދުވަހެއް. އެންމެ ފުރަތަމަ އަޅުގަނޑު މިނިސްޓަރަށް މަރުހަބާ ކިޔާނަން،" ރާއީ ދައުވަތު ދެއްވި އެވެ.

ރާއީގެ ދައުވަތާ ގުޅިގެން އިމްރާން ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުން މަސައްކަތް ކުރަނީ އެއް އަމާޒަކަށް، އެއް ނަތީޖާއެއް ހާސިލުކުރަން ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު ނިސްބަތްވާ ޕާޓީގެ މެނިފެސްޓޯއާ ސަރުކާރުގެ މެނިފެސްޓޯއަކީ އެކައްޗެއްގެ ގޮތުގައި ބަލައިގެން މަސައްކަތް ކުރަމުން މިދަނީ،" ނަތީޖާ ހާސިލުކުރާނީ އެންމެން އެކުގައިކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

"ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައި ދިނުމުގެ އުފާ، އަޅުގަނޑުމެން ހޯދާނީ އަޅުގަނޑުމެން އެންމެން އެކުގައި،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.