ހަބަރު

ވެންޓިލޭޓަރު މައްސަލަ: ޕީޖީއާ އޭސީސީ ބޯޅަ ޖެހުމުގައި

ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވީ ނަމަވެސް، އެކަމުގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ އުފުލޭނެ މިންވަރަށް ހެކި ނެތް ކަމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން، ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ދެމެދު ހިޔާލު ތަފާތުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ނުސީދާކޮށް ފާޑު ކިޔައިފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ އެކަމުގެ ސަބަބު ސާފު ކުރުމަށް ޕީޖީ އޮފީހާއި، އޭސީސީގެ އިތުރުން ހިޔާނާތް ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ހާޒިރު ކޮށްފަ އެވެ.

ނަމަވެސް، މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ކޮމިޓީގެ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުވީ ވެންޓިލޭޓަރު މައްސަލަ އަށެވެ.

ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި ދައުވާ ކުރަން ފޮނުވި 11 މީހުންގެ މައްސަލަ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އަނބުރާ ވަނީ ގެންގޮސްފަ އެވެ.

އެ މައްސަލާގައި ދައުވާ ނުކުރެވުނީ އޭސީސީގެ ތަހުގީގުގެ ފެންވަރު ދަށްވުމުންކަމަށް ބުނެ އަމާޒުވެފައިވާ ފާޑުކިއުންތަކާ ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެ މައްސަލަ ފޮނުވީ އަވަސް އަރުވާލައިގެން ނޫން ކަމަށާއި، ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކޮމިޝަނުން ގަބޫލު ކުރައްވާ ކަމަށެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ޕީޖީ އޮފީހުގެ ޑިޔުޓީ ޕްރޮސެކިޔުޝަނާއެކު ތިން ބައްދަލުވުމެއް ބޭއްވުނު ކަމަށާއި، އެ މައްސަލަ ދައުވާކުރަން ފޮނުވާފައިވަނީ ޕީޖީގެ ވަކީލުން ފާހަގަކުރި ބައެއް ކަންތައްތައް އިސްލާހުކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ދައުވާ ކުރެވޭނެކަމަށް. ދެން އަޅުގަނޑުމެންނާ ޕީޖީ އޮފީހަކީ ދެ ކަމެއް ކުރާ ދެ ތަނެއް. ޕީޖީ އޮފީހުގެ ކަމަކީ ލިބޭ މައްސަލަތައް ވަޒަންކުރުން،" ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގެ ވާހަކަތަކަށް ރައްދު ދެއްވައި. ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރެވުނު ސަބަބުތައް ވަރަށް ތަފްސީލުކޮށް ސާފުކޮށްދެއްވި ކަމަށެވެ.

ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި އޭސީސީން އަވަސް އަރުވާލައިގެން ތަހުގީގު ކުރި ކަމަށް ގަބޫލު ނުކުރެއްވި ނަމަވެސް، އެ މައްސަލަ ދައުވާ ކުރަން އެދި ފޮނުވީ ޑިޔުޓީ ޕްރޮސެކިޔުޝަނަށް ހަމަޖެހިފައިވާ އޮންނަ މަރުހަލާ ފުރިހަމަ ނުވަނީސް ކަމަށެވެ.

"ޑިޔުޓީ ޕްރޮސެކިޔުޝަން މަރުހަލާ މި އޮންނަނީ ހާއްސަ ސިސްޓަމެއްގެ ތެރެއިން. އެ ސިސްޓަމް ހަމަޖެހިފައިވާ އޮންނަ ގޮތުން ޑިޔުޓީ ޕްރޮސެކިޔުޝަން ނިމުނުކަމަށް ކަނޑައަޅަންޖެހޭ. އެގޮތަށް އެ މަސައްކަތް ތަރުތީބު ވެފައި އޮންނަނީ. އެކަމަކު މި މައްސަލާގައި ސިސްޓަމުން ދައްކާ ޑިޔުޓީ ޕްރޮސެކިޔުޝަން ނުނިމޭކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމްގެ ވާހަތަކާ ގުޅިގެން ޝިއުނާ ވަނީ ރައްދު ދެއްވައިފަ އެވެ.

މިގޮތުން، ޝިއުނާ ވިދާޅުވީ ޑިޔުޓީ ޕްރޮސެކިޔުޝަނަކީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަރުހަލާއެއް ނޫން ކަމަށެވެ.

އަދި ވެންޓިލޭޓަރު މައްސަލާގައި ޕީޖީ ވަކީލުންގެ ފަރާތުން ހޯދަން އެދުނު މައުލޫމާތެއް ނުލިބި ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ހޭދަވި ކަމަށާއި، އެއީ އޭސީސީން މިފަދަ ހައްސާސީ މައްސަލައެއްގައި މަސައްކަތް ކުރަން ބޭނުންވި ސްޕީޑު ނޫންކަމަށް ޝިއުނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ނިންމީ ކުރިއަށް ދާން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ ޕްރޮސެކިޔުޓަރުންނެއް ނޫނޭ އަޅުގަނޑުމެން ދައުވާ ކުރާނެ މައްސަލަތައް ނިންމާނީ. އޭސީސީންނޭ ނިންމާނީ،" ޝިއުނާ ވިދާޅުވި އެވެ.

ނަމަވެސް، ދެ ބޭފުޅުންވެސް ވިދާޅުވީ މަޝްވަރާކޮށްގެން، ދެ މުއައްސަސާގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކޮށް، އަދިވެސް އެ މައްސަލާގައި ދައުވާކުރެވޭނެ ކަމަށެވެ.