ހަބަރު

ދަރަނި ރީސްޓްރަކްޗާ ކުރަން ހުށަހަޅާ ރިޕޯޓު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައި ވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާ ގޮތަށް އެކުލަވައިލި ރިޕޯޓު މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށްފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.

އެ ޑްރާފްޓް ރިޕޯޓު މެންބަރުންނާ ހިއްސާކުރުމަށްފަހު، މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

"މި ރިޕޯޓަކީ ދަރަންޏާގުޅޭ ރިޕޯޓަކަށް ވުރެ ކުރިއަށްއޮތް ތިން އަހަރު އަނބުރާ ދައްކަންޖެހޭ މިންވަރު ރަނގަޅަށް ދެނެގަނެ، އެ މިންވަރަށް އާމްދަނީއެއް ސަކާ ކުރުން،" އެ ރިޕޯޓަށް ބަހުސް ފެށުމުގެ ގޮތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށް ކަމަށެވެ.

މިގޮތުން، ހަތް ބާވަތުގެ ދަރަންޏެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ޖުމްލަ ގޮތެއްގައި ދަރަނި ނަގާފައިވަނީ ގާނޫނާ އެއް ގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޕޯޓުގައި ވަނީ ކުރިއަސް އޮތް އަހަރު ތަކުގައި ދައުލަތުން އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދުތަކާއި އެ އަހަރުތަކުގައި ދައުލަތަށް ލިބޭނެކަމަށް ލަފާ ކުރެވޭ އާމްދަނީގެ އަދަދުތައް ވެސް ވަރުން އަޅުވައިފަ އެވެ.

އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.

ސަރުކާރަށް ހުށަހަޅާ މުހިއްމު ބައެއް ކަންކަން

  • ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އަވަހަށް ފެށުން.
  • އެ މަސައްކަތަށް ހާއްސަ ކޮމިީޓީއެއް އެކުލަވާލައި، އެ ކޮމިޓީން ބޭރުގެ މާހިރުންގެ ލަފާ ހޯދުން.
  • ކޮމިޓީގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމުން.
  • ކޮމިޓީގެ މަސައްކަތް ކޮންމެ ހަފްތާއަކު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުން.
  • އަންނަ އަހަރު ދައްކަންޖެހޭ އެތެރޭގެ ދަރަނި ރޯލްއޯވާކޮށް، ދަރަނި ދެއްކުން ފަސްކުރުން.
  • ދަރަނި ރީސްޓްރަކްޗާ ކުރަން ގާނޫނަށް ބޭނުންވާ އިސްލާހުތައް ގެނައުން.
  • ދައުލަތުން ގެރެންޓީ ދޫކޮށްގެން ނަގާފައިވާ ލޯނުތަކުން ހިންގޭ މަޝްރޫއުތަކުގެ ތަފްސީލްތައް ގަވައިދުން ހޯދުން.
  • ސަރުކާރުގެ ކުންފުނިންތަކުގެ ހަރަދު ކުޑަކޮށް ހިންގުން ހަރުދަނާ ކުރުން.
  • ސަބްސިޑީ ދިނުމުގެ އުސޫލުތައް މުރާޖައާކޮށް، ޕްލޭނެއް އެކުލަވާލުން.

ނަޝީދު އިތުރަށް ވިދާޅުވީ މި ރިޕޯޓު އެކުލަވާލެވިފައިވަނީ ކަމާގުޅޭ އެކި މުއައްސާސަތަކުން ލިބުނު މައުލޫމާތުގެ މައްޗަށް ކަމަށާއި، ނަމަވެސް، ރިޕޯޓުގައި ހުރި އަދަދުތަކުގައި ފަރަގެއް އުޅޭނަމަ އެކަން ފާހަގަކޮށްދިނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

މިއަދުގެ ބައްދަލުވުމެއްގައި އެ ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީން އެ ރިޕޯޓު ފާސްވުމާއެކު، އެ ރިޕޯޓު އަލުން މަޖިލީހުގެ ތަޅުމަށް އައިސް ވޯޓަށް އެހޭނެ އެވެ.