ލައިފްސްޓައިލް

ކުޑަކުދިންގެ ފޮޓޯ ފޭސްބުކަށްލައިގެން ނުވާނެ: ޖަރުމަނު

ބާލިން (ބީބީސީ) - ފޭސްބުކްގައި އާންމުކޮށް ފެންނާނެހެން ކުޑަކުދިންގެ ފޮޓޯތައް ނުލުމަށް އެދި ޖރުމަނު ފުލުހުން ބެލެނިވެރިންނަށް އިންޒާރުކޮށްފި އެވެ.

ޖަރުމަނު ފުލުހުން މިގޮތަށް އިންޒާރުކޮށްފައި ވަނީ އެ އިދާރާގެ ފޭސްބުކް ޕޭޖް ގައެވެ. ޖަރުމަނު ފުލުހުން ބުނީ ކުޑަކުދިންނާބެހޭ މީހުން ކުދިންގެ ފޮޓޯ އެކި ގޮތްގޮތަށް ބޭނުން ކޮށްފާނެ ކަމަށެވެ. އަދި ކުދިން ބޮޑުވެގެން އަންނައިރު، އާންމުވެފައިވާ އެކުދިންގެ ތުއްތު އިރުގެ ފޮޓޯ އަކާއި މެދު ލަދުގަންނަން ޖެހިދާނެ ކަމަށާއި މިއީވެސް ބެލެނިވެރިން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ކުދިންގެ ފޮޓޯ އަޕްލޯޑް ކުރާނަމަ ޕްރައިވެސީ ސެޓިންގްސް އާއި މެދު ސަމާލުވުމަށް ފުލުހުންގެ ޕޯސްޓުގައި އިލްތިމާސް ކޮށްފައިވެއެވެ.

ޖަރުމަނު ފުލުހުންގެ މި އިންޒާރު ދެ ލައްކަ އަށްވުރެ ގިނަ މީހުން ޝެއާ ކޮށްފައި ވެއެވެ. އަދި 12 މިލިއަން މީހުން މި ޕޯސްޓް ބަލާފައިވެއެވެ. އަދި މި ވާހަކައަށް ތާއީދުކޮށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ހިޔާލު ފާޅުކޮށްފައި ވެއެވެ.

"މި ކަންކަމާމެދު ފުންކޮށް ވިސްނާލާ. އިންޓަނެޓް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ." ޖަރުމަނު ފުލުހުންގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.