ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައިވާއިރު، ރާއްޖޭން ނަގާފައިވާ ގިނަ ލޯނުތައް އަނބުރާ ދެއްކުން 2024 އަހަރާ ހަމައަށް ފަސްވާންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށްފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.
އެ ޑްރާފްޓް ރިޕޯޓު މެންބަރުންނާ ހިއްސާކުރުމަށްފަހު، މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ރިޕޯޓާ ގުޅިގެން ކުރިއަށް ދިއަ ބަހުސްގެ ތެރެއިން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ދައުލަތަށް ލިބެންހުރި އާމްދަނީއަށް ބަލާއިރު، 2024 އާ ހަމައަސް ގިނަ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރަންޖެހޭ ކަމަށެވެ.
"ކޭޝް ފްލޯއަށް ބަލާއިރުގައި، 2024 އާ ހަމައަށް ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑެއް އެބަ ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.
އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށެވެ.
މަޖިލީހުގެ ރިޕޯޓުގައި ވަނީ ކުރިއަސް އޮތް އަހަރު ތަކުގައި ދައުލަތުން އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދުތަކާއި އެ އަހަރުތަކުގައި ދައުލަތަށް ލިބޭނެކަމަށް ލަފާ ކުރެވޭ އާމްދަނީގެ އަދަދުތައް ވެސް ވަރުން އަޅުވައިފަ އެވެ.
އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ލޯނުތައް ރީސްޓްރަކްޗާ ކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ލޯނުތަކުގެ ފޭސް ވެލިއުގެ އިތުރުން އިންޓަރެސްޓް ރޭޓަށް ބަދަލު އަންނާނެކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި، ނޫނީ ރެކަމެންޑޭޝަންގައިވާ ގޮތުން 2024 އާ ހަމައަށް އެބަ ފަސްކުރާންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމެއްގައި އެ ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީން އެ ރިޕޯޓު ފާސްވުމާއެކު، އެ ރިޕޯޓު އަލުން މަޖިލީހުގެ ތަޅުމަށް އައިސް ވޯޓަށް އެހޭނެ އެވެ.