ރާއްޖޭގެ ރިސޯޓުތަކުގައި އެ ރިސޯޓެއްގެ މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދެއްގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ ރިސޯޓުތަކުގައި މުޒާހަރާ ނުކުރެވޭ ސަރަހައްދުގެ ތެރެއިން، ކޮންމެ ރިސޯޓެެއްގައި މުވައްޒަފުން ދިރިއުޅެން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދު އުނިކުރުމަށެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވި އެ އިސްލާހު ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެއާއެކު އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން މުޒާހަރާ ނުކުރެވޭ ސަރަހައްދުތަކުގެ ތެރޭގައި ވިޔަފާރި އަދި ވައިގެ ބަނދަރުތަކާއި، ރިސޯޓުތަކުގައި އެ ރިސޯޓެއްގެ މުވައްޒަފުން ދިރިއުޅެން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ވަނީ ހިމަނައިފަ އެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ކޮމިޓީން އަންނަނީ މިދިއަ އަހަރުން ފެށިގެން ދިރާސާ ކުރަމުންނެވެ.
ނަމަވެސް، މިއަދު ވަނީ އެ ބިލަށް ކޮމިޓީގެ މެންބަރުން ގެނައި އިސްލާހުތަކާއެކު ފާސްކޮށްފަ އެވެ.