ފޮރިން މިނިސްޓްރީ

ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވާނީ މި މަހު 28 ގައި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް ޕޮމްޕެއޯ މި މަހުގެ 28 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ކުރިމަގުގައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ވަނީ މިދިޔަ އަހަރު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ޖުލައި، 24 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

ޕޮމްޕެއޯގެ ދަތުރުފުޅުގެ މައުލޫމާތު ފޮރިން މިނިސްޓްރީން މިރޭ ހާމަކުރުމުގެ ކުރިން އިންޑި އާއި ސްރީލަންކާގެ ބައެއް ނޫސްތައް ވަނީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަށް ފަހު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ހިމެނޭ ބައެއްގެ ގޮތުގައި ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހާމަކޮށްފައެވެ.