ރެއާލް މެޑްރިޑް

އަހަންނަށް މިކަން ކުރެވޭނެ: ޒިދާން

ރެއާލް މެޑްރިޑަށް މިހާރު ކުރިމަތި ވެފައިވާ ހަލަތު ބަދަލު ކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އަމިއްލަ ދަނޑުގައި، ކުޅުނު ދެ މެޗުން ޖެހިޖެހިގެން ބަލިވުމުން ޒިދާނަށް ވަނީ ފާޑު ކިޔުންތައް އަމާޒު ވެފަ އެވެ. ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ރޭ ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކް އަތުން ރެއާލް ބަލިވީ 3-2 ންނެވެ. ލަލީގާއަށް ޕްރަމޯޓިވި ކާޑިޒް އަތުން ބަލިވީ 1-0 ންނެވެ.

ރެއާލް އަށް ދެން އޮތް މެޗަކީ އަންނަ ހޮނިހިރު ދުވަހު ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗެވެ. ރޭގެ މެޗުން ބަލިވެ ހޫނު ފެނަށް ވެއްޓުނު ޒިދާނަށް ވަނީ ފާޑު ކިއުން އަމާޒުވެފަ އެވެ. މެޗަށް ފަހު މީޑިއާ ވާހަކަ ދައްކަމުން ޒިދާން ބުނީ މީހުން ކިޔާ އެއްޗިއްސާ މެދު އޭނާ ނުވިސްނާ ކަމަށާއި އޭނާ މަސައްކަތް ކުރަނީ ޓީމު ހާލަތު ބަދަލު ކުރަން ކަމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި މި ހާލަތު ބަދަލު ކުރުމުގެ ގާބިލުކަން އަހަރެންގެ ކިބައިގައި އެބަހުރި އެއީ އަހަރެން މިކުރާ މަސައްކަތަކީ،" ޒިދާން ބުންޏެވެ. "ކުޅުންތެރިން ވެސް މަސައްކަތް އެ ކުރަނީ އެކަމަށް، އަހަރެމެން މިކަމުގެ ހައްލު ހޯދާނަން، މިހާރު އަހަރެމެން ތައްޔާރުވާން ޖެހިފައި އޮތީ ހޮނިހިރު ދުވަހު ކުޅޭ [އެލްކްލެސިކޯ] މެޗަށް."

އޭނާ ބުނީ، ރޭގެ މެޗުން ބަލި ވެގެން ދިއުމުން އުނދަގޫ އިހްސާސްތަކެއް ކުރެވުނު ކަމަށެވެ. ފުރަތަމަ ހާފުގައި ޓީމުގެ އެއްވެސް ކަމެއް ރަނގަޅަށް ނުދާކަން ކަމަށް ޒިދާން އެއްބަސް ވިއެވެ.

"ދެ ވަނަ ހާފުގައި ކުޅުންތެރިން މަސައްކަތް ކުރި ގޮތާމެދު ހިތްހަމަ ޖެހޭ،" ޒިދާން ބުންޏެވެ. "ކުޅުންތެރިންނަށް މިކަން މިގޮތަށް ވުން ހައްގެއް ނޫން، މެޗަކީ ރަނގަޅު މެޗެއް އެހެން ނަމަވެސް ރެއަކީ އަހަރެމެންގެ ރެއެއް ނޫން. އަހަރެމެން މަސައްކަތް ކުރަނީ މިކަމަށް ހައްލު ލިބޭތޯ، ރޭގެ މެޗުގައި އެ ހައްލެއް ނުހޯދުނު. ދެންވެސް އަހަރެމެން މަސައްކަތް ކުރާނަން."