ހަބަރު

އަންނަ އަހަރު ވަކި ވަކި ދާއިރާތަކުގެ މަޝްރޫއުތަކަށް ބާރު ނާޅަން އެދިއްޖެ

ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާ ކުރަންޖެހިފައިވާއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއެކު ވަކި ވަކި ރަށްރަށުގައި މަޝްރޫއުތައް ހިންގަން ބާރު ނޭޅުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވައިފި އެވެ.

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލާފަ އެވެ. އެ ޑްރާފްޓް ރިޕޯޓު މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރުމަށް ފަހު، އިއްޔެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ރިޕޯޓާ ގުޅިގެން ކުރިއަށް ދިއަ ބަހުސްގައި ދިއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ ބޭރުން ލޯނު ނަގައިގެން "މާބޮޑު ކަމެއްގެ ގޮތުގައި ދައްކައިގެން" ހިންގަމުންދަނީ އުމްރާނީ ބޮޑެތި މަޝްރޫއުތައް ކަމަށެވެ.

އެ ރިޕޯޓުގައި ވެސް ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާ މިންވަރަށް އިޝާރާތް ކުރައްވަމުން އަބްދުﷲ ވަހީދު ވިދާޅުވީ ސަރުކާރުގެ އިގުތިސޯދީ ވަޒީރުންނަށް އިގުތިސޯދަށް ފައިދާ ކުރަނިވި މަޝްރޫއުތައް ހިންގުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

"...ގައުމަށް ބޭނުންވެގެން މިއުޅެނީ އިގުތިސޯދީ ހަރަކާތްތަކެއް ހިންގާނެ ގޮތެކޭ. ކުރީ ސަރުކާރުން ބޮޑެތި ލޯނުތައް ނަގާފައި ރައްޔިތުންނަށް ބޮޑެތި ކަންކަން ކޮށްދިން ކަމަށް ދެއްކިއިރުގައި، މި ލޯނު އަނބުރާ ދައްކަން އިގުތިސޯދީ ހަރަކާތްތައް އެވަރަށް ހިންގަން އުފެދިފައިނެތީ،" މި ސަރުކާރުގެ ވަޒީރުންނަށް ނިސްބަތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވަހީދުގެ ވާހަކަތަކާ ގުޅިގެން، ކޮމިޓީގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ވަކި ވަކި ރަށްރަށުގައި މަޝްރޫއުތައް ހިންގަން ސަރުކާރަށާއި، ވަޒީރުންނަށް ޕްރެޝަރު ކުރައްވަނީ މަޖިލީހުގެ މެންބަރުން ކަމަށެވެ.

"އިއްޒަތްތެރި މެންބަރުން ވަޒީރުން އަރިހުގައި ފޯނުން ގުޅުއްވާފައި ފުޓްސަލް ދަނޑެއްގެ މައްސަލަ. ފޯނުން ގުޅުއްވާފައި ސަހަރާގެ ވަށާފާރުގެ މައްސަލަ. ފޯނުން ގުޅުއްވާފައި މަގަތު ފާލަމުގައި އަދި އިތުރު އެއް ޖެޓީ ލުމުގެ މައްސަލަ،" މަޖިލީހުގެ މެންބަރުން ފަރިތަކޮށްދީފައިވަނީ އެ މެންބަރުންގެ ވަކި ވަކި ދާއިރާތަކަށް އެފަދަ މަޝްރޫއުތައް ހިންގުމަށްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ކޮންކްރީޓުން ހިންގާ އުމްރާނީ އެފަދަ މަޝްރޫއުތަކަކީ ހަގީގީ ތަރައްގީއެއް ނޫން ކަމަށެވެ.

"އޭގެން ތަރައްގީގެ ހަރަކާތެއް ނުކުމެދާނެ. އަޅުގަނޑުމެންގެ ވަރަށް ގިނަ މަސައްކަތްތައް އަމާޒުވެފައި މި ހުންނަނީ އުމްރާނީ ކަންކަމަށް. އިމާރާތެއް އެޅުމަށް،" ނަޝީދު ވިދާޅުވި އެވެ.

އެ ގޮތުން، އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު އެކުލަވާލާއިރު އެމަގަށް ހުރިހާ މެންބަރުންގެ ވިސްނުންވެސް ބެހެއްޓުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"ބާރުނާޅުއްވަންވީ، ސަރުކާރުން އަންނަ އަހަރު ރަށްރަށުގެ މަގު ހެދުމަށްވެސް. މި ތަނުގައި ދުވާފަރު މަގުހަދައިގެން ވެސް ބައެއް މެންބަރުން އެއީ ބަޖެޓުގައި ނެތް ކަމެއް ކުއްލިއަކަށް ކޮށްލެއްވީ ކަމަށް ވިދާޅުވެ، ބައެއް ބޭފުޅުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް އެދިވަޑައިގެންނެވީ އަންނަ އަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީގެ މިންވަރާއި އޭގެ ތެރެއިން ހަރަދު ކުރެވޭނެ މިންވަރާމެދު މެންބަރުން ވިސްނައި ވަޑައިގަތުމަށެވެ.

ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނަގާފައި ވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ދަރަނި 172 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.

މަޖިލީހުގެ ރިޕޯޓުގައި ކުރިއަށް އޮތް އަހަރު ތަކުގައި ދައުލަތުން އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދުތަކާއި އެ އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ އާމްދަނީގެ އަދަދުތައް ވެސް ވަރުން އަޅުވާފައި ވެއެވެ.

އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އަންނަ އަހަރުގެ ހިސާބުތަކެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.5 ބިލިއަން ރުފިޔާ ނަމަވެސް، އަނބުރާ ދައްކަންޖެހޭ ދަރަނީގެ ޖުމްލަ ހުރީ 20.1 ބިލިއަން ރުފިޔާގަ އެވެ. އެއީ ލިބޭ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފައި ވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޓީއެއް އެކުލަވާލަން ހުށަހެޅުމަށެވެ.

އިއްޔެގެ ބައްދަލުވުމެއްގައި އެ ރިޕޯޓު ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީން އެ ރިޕޯޓު ފާސްވުމާއެކު، އެ ރިޕޯޓު އަލުން މަޖިލީހުގެ ތަޅުމަށް ގެންގޮސް ވޯޓަށް އަހާނެ އެވެ.