ޓީއެމްއޭ

ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓްވެއްޖެ

Oct 22, 2020

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޯޓެއް މ. މެދުފުށި ރިސޯޓް ކައިރިން އެކްސިޑެންޓް ވެއްޖެ އެވެ.

އެ ބޯޓުގެ ދަތުރުމަތީ 14 ފަސެންޖަރުންނާއި، ކްރޫން ތިބި ނަމަވެސް މިއަދުގެ އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ. އެކްސިޑެންޓް ވެފައި ވަނީ ޑީއެޗްސީ-6 މަރުކާގެ މަތިންދާ ބޯޓެކެވެ.

ސިވިލް އޭވިއޭޝަނުން ބުނީ އެ އެކްސިޑެންޓްވީ މެދުފުށި ވޯޓާ އޭރޯޑްރޯމްގެ ވޯޓާ ރަންވޭއަށް ޖެއްސުމަށްފަހު ފަޅުގައި އަޅާފައި އޮތް އުޅަނދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑު ޖެހިގެން ކަމަށެވެ.

ބޯޓު އެކްސިޑެންޓްވީ ހެނދުނު 11:18 އިގަ އެވެ. ސިވިލްއޭވިއޭޝަނުން އެކަން ބަލައި ތަހުގީގެއް ކުރާއިރު އެ ބޯޓުގެ ވާތް ފަރާތު ފިޔަގަނޑަށް ގެއްލުންތަކެއް ލިބިފައިވެ އެވެ.

ޓީއެމްއޭގެ ބޯޓެއް އެންމެ ފަހުން އެެކްސިޑެންޓް ވެފައި ވަނީ ފެބުރުއަރީ 24، 2020 ގަ އެވެ. އެ ދުވަހު ހެނދުނު 11:20 ގައި ޓީއެމްއޭގެ ބޯޓް ޅ. އަތޮޅު ކުރެއްދޫ ކައިރިން އެކްސިޑެންޓުވެ ބައެއް މީހުނަށް އަނިޔާވި އެވެ.

ރާއްޖޭގައި އެންމެ ފަހުން ވައިގެ އެކްސިޑެންޓެއް ހިނގީ މިދިއަ އޯގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ދުވަހު އައްޑޫ ފްލައިން ސްކޫލުގެ ޓްރެއިނިން ފްލައިޓެއް އިންޖީން ފެއިލް ވެގެން ޝަންގްރިލާ ރިސޯޓު ކައިރިއަށް ވެއްޓިފައި ވެއެވެ.