ހަބަރު

ގަލްފްކްރާފުޓް ހާމިދުގެ ގެ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފި

ގަލްފް ކްރާފްޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދިރިއުޅުއްވާ މ. ޝުރާ މަންޒިލަށް ފުލުހުން ވަދެ އެގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ފުލުހުން މިރޭ ގެންގޮސްފި އެވެ.

ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދުގެ ގެ، އަދި ކުރިން އަދީބު ވެސް ދިރިއުޅުއްވި ގެ ކޯޓް އަމުރެއްގެ ދަށުން މިރޭ ފާސްކޮށް ބައެއް ތަކެތި ގެންދިޔައިރު މިދިއަ ބުދަ ދުވަހުގެ ރޭ މެންދަމު ވެސް ފުުހުން ވަނީ އެގެއަށް ވަންނަން މަސައްކަތްކޮށްފައެވެ.

މިރޭ ޝުރާ މަންޒިލް ފާސްކުރި އިރު ހާމިދު ވެސް އަދި ނައިބު ރައީސް އަދީބު ވެސް ހުންނެވީ ޗައިނާގަ އެވެ.

ފަރީދީމަގުގައި ހުންނަ ޝުރާ މަންޒިލްއަށް މިރޭ ވަދެފައި ވަނީ ގިނަ އަދެއްގެ މީހުންގެ ހިމެނޭ ގޮތަށް ފުލުހުންގެ ފޮރެންސިކް ޓީމެކެވެ. ގަޑިއެއްހާއިރު އެގޭގައި ފުލުހުން ހަރަކާތްތެރިވި އިރު، ކޮތަޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ތަކެތި ފުލުހުން ގެންދިޔައެވެ. އޭގެ ތެރޭގައި ކޮމްޕިއުޓާ ހާޑްތަކެއްވެސް ހިމެނެއެވެ.

ފުލުހުން ބުނެފައި ވަނީ އެގެއް ވަދެ ފުލުހުން މިރޭ ގެންދިޔައީ ފުލުހުން ބަލަމުން އަންނަ މައްސަލައަކަށް ބޭނުންވާ ތަކެތި ކަމަށެވެ. ނަމަވެސް އެ ތަހުގީގާއި ގެންދިޔަ ތަކެއްޗާ ބެހޭ ގޮތުން ވެސް ފުލުހުން އެއްވެސް ތަފުސީލެއް މިހާތަނަށް ދީފައެއް ނުވެއެވެ.

ނަމަވެސް ޝުރާ މަންޒިލް ފާސްކުރުމަށް ފުލުހުން ހޯދައިފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ އެ ގެ ބަލައި ފާސްކުރަން ބޭނުން ވަނީ، ޓެރަރިޒަމާ ގުޅޭ، ހެކި ނައްތާލުމަށް މަސައްކަތް ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ހޯދަން މަސައްކަތް ކުރަނީ، ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވާ ސީސީޓީވީ ފްޓޭޖާއި އިތުރު ހެކިތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިފިފައިވާތީ އެ ތަކެއްޗެވެ.

ތަހުގީގު ކުރަނީ ކޮން މައްސަލައެއްކަން ސާފުވެފައި ނުވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ ވަޑައިގެން މިދިއަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި މާލެ ވަޑައިގެންނެވި ވަގުތު ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ މައްޗަށް ބޭރުގެ ހަތަރުގެ ގައުމެއްގެ ފޮރެންސިކް އަދި އިންވެސްޓިގޭޓިވް އެކްސްޕާޓުން ހޯދި ހޯދުންތަކުގެ މައްޗަށް ކޮމިޝަން އޮފް އިންއަރީއަކުން ގެންދަނީ ތަހުގީގެއް ކުރަމުންނެވެ. މި ތަހުގީގު ހިންގާއިރު އެ އީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށް ދިން ހަަމަލާއެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އަދި އެ ހަަމަލާގެ ތުުހުމަތުތައް ބައެއް ފަރާތްތަކުން ނައިބު ރައީސް އަހުމަދު އަދީބަށް ކުރެއެވެ. މިރޭ އަދީބުގެ ބޮޑު ބޭބެގެ ގެ ބަލައި ފާސްކުރި އިރު އަދީބާ ގާތް ގުޅުމެއް އޮންނަ އަދި ހިންގެވުން އަދީބާ ހަވާލުވެފައި އޮންނަ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގާ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ ދިރިއުޅުއްވާ ހ. ހިޔާކޯޅި ވެސް މިދިއަ ބުދަ ދުވަހުގެ ރޭ ބަލައި ފާސްކޮށް ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ. އަދި އޭނާގެ ބެލުުގެ ދަށުން ހިންގާ އެމްއެމްޕީއާރްސީއަށް ވެސް މިރޭ ވަނީ ސިފައިންނާ ފުލުހުން ވަދެ ބަލައި ފާސްކޮށްފަ އެވެ.