- ހިބަޅިދޫގައި ބޮޑު ހިއްސާ އޮންނަނީ މޮހޯގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކެއްގެ
- މޮހޯ ވަނީ ރާއްޖެއިން ގޮސްފައި، ހޯދުމުގެ މަސައްކަތް ފަށައިފި
- މޮހޯގެ ބޮޑު ހިއްސާ އޮންނަ އެސްއޯއެފް އާއި އެމްއެމްޕީއާރުސީއާ އެކު ބޮޑެތި ވިޔަފާރިތައް ކުރޭ
ހިބަޅިދޫ އިން ފެނުނު ހަތިޔާރުތަކުގެ މައްސަލައިގައި ތުހުމަތު ކުރާ، މަޝްހޫރު މިޔުޒިކް ބޭންޑް ސްކޯޒް އޮފް ފްލެއާގެ ގިޓަރިސްޓް މުހައްމަދު އައްލާމް ލަތީފު (މޮހޯ) އަކީ ނައިބު ރައީސް އަދީބާ ވަރަށް ގާތް ގުޅުން އޮންނަ މީހެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. ފުލުހުން މިހާރު ވަނީ އޭނާ ހޯދަން ވެސް ފަށައިފަ އެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، ހިބަޅިދޫގައި ރިސޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ކުންފުނި، ބިޒްނާސް މޯލްޑިވްސްގެ އެންމެ ބޮޑު އެއް ހިއްސާއެއް އޮންނަނީ ހަތިޔާރުތަކާ ގުޅުން އޮތް ކަމަށް ފުލުހުންނަށް މިހާތަނަށް ތުހުމަތު ކުރެވޭ މޮހޯގެ ހިއްސާ އޮންނަ އެކި ކުންފުނިތަކުގެ ކަމަށެވެ. އަދި އެ ރަށް ހަވާލުކޮށްފައިވާ ބިޒްނާޒް މޯލްޑިވްސް ކިޔާ ކުންފުނީގައި މޮހޯގެ 30 ޕަސެންޓާއި އޭނާގެ އަންހެނުން، މ. އޮމޭގާ ނަސްރާ މުހައްމަދާއި މޮހޯގެ ދައްތައެއްގެ ހިއްސާ އޮންނަ ގްލާޑިއަން ކިޔާ ކުންފުންޏަކަށް 30 ޕަސެންޓް ހިއްސާ ވާ ކުންފުންޏެއް ކަމަށް ނަވާޒު ވިދާޅުވި އެވެ.
އެހެން ކަމުން ހިބަޅިދޫގައި މޮހޯގެ 60 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. ދެން އެ ކުންފުނީގައި އެންމެ ބޮޑު ހިއްސާއެއްވާ ލެޓްސްގޯ ރިޔާޒު ގެ އޮންނަނީ 39 ޕަސެންޓް ހިއްސާ އެވެ. އޭނާ މިއަދު އަވަސް އަށް ވިދާޅުވީ އެ ކުންފުނީގެ ޕާޓްނަރެއްގެ ގޮތުގައި އޭނާ އިނަސް އޭނާ އަކީ ހަމައެކަނި ސްލީޕިން ޕާޓްނަރެއް ކަމަށެވެ. އަދި ކުންފުނީގެ އެއްވެސް ކަމެއް ބަލައި އެއްވެސް ގޮތަކުން ނުހަދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ބިޒްނާޒް އާއި ގްލާޑިއަން މި ހުރިހާ ކުންފުންޏެއް ވެސް ހިންގުމުގެ ކަންކަން އަމަލީ ގޮތުން ކުރަނީ މޮހޯ،"ނަވާޒު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މޮހޯގެ 90 ޕަސެންޓް ހިއްސާ އޮންނަ ސްކޯޒް އޮފް ފްލެއާ ޕްރައިވެޓް ލިމިޓެޑް (އެސްއޯއެފް) އަކީ ޓްއަރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ އެމްއެމްޕީއާރުސީއާ އެކު ވިޔަފާރީގެ ތަފާތު ބޮޑެތި މުއާމަލާތްތަކެއް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ބެލެނިވެރިއަކީ ޓްއަރިޒަމް މިނިސްޓްރީ ކަމަށްވާ އިރު، އެ ކުންފުންޏާ އެކު އެހާ ބޮޑު މުއާމަލާތްތަކެއް ކުރާއިރު އެކަން ނައިބު ރައީސް އަދީބަށް ނޭނގި ނުދާނެ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ. އަދި އެކަން ތަހުގީގަށް މިހާތަނަށް އެނގިފައި ހުރި ކަމަށް ވިދާޅުވި އެވެ.
"މިހާރު ހައްޔަރުގައި ހުންނެވި ނައިބު ރައީސްއާ މިހާރު އަޅުގަނޑުމެން ހޯދާ މުހައްމަދު އައްލާމް ލަތީފު، މޮހޯއާ ބޮޑެތި ގުޅުންތަކެއް އެބަ އޮވޭ. އަދި މި ރަށްވެސް މި އޮންނަނީ މޮހޯގެ ބޮޑު ހިއްސާއެއް އޮންނަ ގޮތަށް އޮންނަ ކުންފުނިތަކެއް ހިމެނޭ ބިޒްނާޒް މޯލްޑިވްސްއަށް ދީފައި. ހަތިޔާރުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުވާ މީހަކީ މޮހޯކަމަށް ތަހުގީގަށް އެނގޭ އިރު ޓޫރިޒަމް މިނިސްޓްރީ އިން ބަލައި އެމްއެމްޕީއާރުސީ އިން މޮހޯގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުންޏަކާ އެހާ ބޮޑެތި ގިނަ މުއާމަލާތްތައް ކުރާއިރު ނައިބު ރައީސްއަށް މިކަން ނޭނގި ނުދާނެ. އެހެން ވީމާ މިއީ ވަރަށް ބޮޑަށް ގުޅިގެން މިކަން ވެސް މި އޮތީ ހިނގާފައި،" ނަވާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ އޮފީސްތައް ވެސް ހިންގަނީ މޮހޯގެ ގެ ކަމަށްވާ، މ.ސެޒްނާ ގަ އެވެ. މީގެ ކުރިން ސިފައިންނާއި ފުލުހުން ވަދެ އެ ގެ ވަނީ ފާސްކޮށްފަ އެވެ. އަދި މޮހޯ މިހާރު ރާއްޖޭގައި ވެސް ނެތް ކަމަށާއި އޭނާ ވަރަށް އަވަހަށް ހައްޔަރުކޮށް ރާއްޖެ ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
މޮހޯއަކީ ދިވެހި ޒުވާނުންގެ މެދުގައި މަޝްހޫރުވި ސްކޯޒް އޮފް ފްލެއާ ބޭންޑްގެ އެއް ބާނީ އަދި ލީޑް ގިޓަރިސްޓެވެ. އަދީބުގެ ގިނަ ވިޔަފާރިތަކެއް އޭނާގެ ނަމުގައި ހިންގާ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ. އަދި ހިބަޅިދޫގައި ހިއްސާ އޮންނަ ގިނަ ކުންފުނިތަކެއްގެ އޮފީސް ހުންނަ މޮހޯގެ ގެ ސެސްނާއަށް އަދީބު ވަޑަައިގަންނަވާ ކަމަށް ވެސް ވެ އެވެ. މޮހޯގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކުން ރިސޯޓްތަކަށް ތެޔޮ ވިއްކުމާއި މާލޭގައި ރެސްޓޯރަންޓް ހިންގުމުގެ ވިޔަފާރި ވެސް ކުރާ ކަމަށްވެ އެވެ.
ހިބަޅިދޫ އިން ވަނީ ސިފައިންގެ އާމަރީއަށް ނިސްބަތްވާ ދެ ބަޑިއަކާއި ބޮން އަދި އެފަދަ ތަކެތި އުފައްދަން ބޭނުން ކުރާ، އާރުޑީއެސްގެ މާއްދާތައް ފެނިފަ އެވެ. އަދި ސްނައިޕާ އަކާއި އޭގެ ވަޒަން ވެސް ފެނުނެވެ.
ނަވާޒު ވިދާޅުވީ ތަހުގީގުގަށް ހައްޔަރުކޮށްފައި ހުރި މީހެއްގެ ޓީޝާޓް ކަމަށް ބެލެވޭ ޓީޝާޓެއް ހިބަޅިދޫ އިން ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލަވެސް ބަލަމުން އަންނަ ކަމަށް ނަވާޒު ވިދާޅުވި އެވެ. މީގެ އިތުރުން ސައުދީގެ ޓީމުންނާއި ސްރީލަންކާގެ ޓީމުން ބުނާ އާރުޑީއެކްސްގެ މާއްދާތައް އެ ރަށުން ފެނުނު ތަކެތީގެ ތެރޭގައި ހުރުމުން މިއީ ރައީސްގެ ލޯންޗްގައި ގޮއްވާލާފައިވާ އެއްޗާ ގުޅުން ހުރި ހަތިޔާރުތަކެއް ކަމަށް ބެލެވިދާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ.