ހިބަޅިދޫ

ހިބަޅިދޫ މައްސަލައިގެ ބައެއް ވާހަކަތައް ކެޕްޓަން އިހުސާން ސާފުކޮށް ދެއްވައިފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދިޔަ ބ. ހިބަޅިދޫން ހަތިޔާރު ތަކެއް ފެނުނު މައްސަލައިގެ ބައެއް ވާހަކަތައް އާމަރީ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައި ކުރިން ހުންނެވި ކެޕްޓަން އަލީ އިހުސާން ސާފުކޮށް ދެއްވައިފި އެވެ.

ބ. ހިބަޅިދޫ ކައިރީ ކަނޑުގެ އަޑިން ހަތިޔާރުތަކެއް ހޯދީ 2015 ވަނަ އަހަރު އެވެ. "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއާ ހިބަޅިދޫން ފެނުނު ހަތިޔާރާ ގުޅުމެއް ބާއްވާ ކަމަށް ތުހުމަތު ކުރެވޭތީ ގިނަ ބައެއްގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު ދައުވާ އުފުލިއެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގޭގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި އެފްއޭއެމްގެ ނޯމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އަދި މ. ލޭންޑް އޮފް ގާޑަން، އަހުމަދު އިޝްފާހު އަލީ އެވެ. މި މީހުން ތިބީ ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ފިލަ އެވެ. އެއިން އެއްވެސް މީހަކު ޝަރީއަތަށް ހާޒިރެއް ނުކުރެވެއެވެ.

ކެޕްޓަން އިހުސާން މިރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ހިބަޅޫއަށް ލޯންޗެއްގައި ހަތިޔާރު ގެންގޮސް އެތާނގައި ތިބި މީހުންނަށް ހަވާލުކުރީ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އާއި މ. ލޭންޑް އޮފް ގާޑަން، އަހުމަދު އިޝްފާހު އަލީ ކަމަށެވެ. އަދި އެ މީހުން ހޯދަން ކުރިން ނެރެފައިވާ އިންޓަޕޯލްގެ ނޯޓިސް މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ.

އަދި ބިދޭސީއެއްގެ ފޮޓޯއެއް ހިމަނާ ކުރި ޓްވީޓެއްގައި އިހުސާން ވިދާޅުވީ އޭނާއަކީ އައްލާމް އާއި އިޝްފާހު ނިސްބަތްވާ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ހުރި މީހެއް ކަަމަށާ އޭނާއަކީ ހިބަޅިދޫގައި ހަތިޔާރުތައް ގެންގުޅުނު މީހާ ކަމަށެވެ.

ރިސޯޓެއް ތަރައްގީކުރަން ހިބަޅިދޫ ދޫކޮށްފައި އޮތީ ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. ހަތަރު ހިއްސާދާރުންގެ މައްޗަށް އެކުލެވޭ އެ ކުންފުނީގައި އައްލާމްގެ އިތުރުން ތިބި ހިއްސާދާރުންނަކީ މ. ބޯއްޑޫ، މުހައްމަދު ރިޔާޒާއި ގދ. ތިނަދޫ ބެންހާގޭ ޝަހީދާ އަބްދުﷲ އެވެ.

އިހުސާން ވިދާޅުވީ އެ ވާހަކަ ވިދާޅުވާން ޖެހިވަޑައިގެންނެވީ ތަކުރާރުކޮށް ސިޔާސީ އެކި ބޭފުޅުން އެކަން ހިނގާދިޔަ ގޮތް އޮޅުވާލާ ސިފައިންގެ ބޮލުގައި ބޮޑެތި ބަދުނާމުތައް އަޅުވަމުންދާތީ ކަމަށެވެ. އަދި ހިބަޅިދޫއިން ހަތިޔާރު ފެނުނު މައްސަލާގައި މިހާތަނަށްވެސް ރައްޔިތުންނަށް ކަންކަން ސާފުކޮށްދީފައިނުވާތީ ކަމަށެވެ.

އިހުސާންގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ވަނީ އައްލާމް އާއި އިޝްފާހަށް ހަތިޔާރު ލިބުނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

"ތި ސުވާލަށް ޖަވާބު ނުލިބޭނެ ނޫންތޯ އެ ދެ މީހުންނަށް [އައްލާމް އާއި އިޝްފާހު] ތި ބޭފުޅުން [މި ސަރުކާރު] މާފުދީ އިންޓަޕޯލްގެ ރެޑްނޯޓިސް ކެންސަލް ކޮށް ޔޫކޭގައި އެސައިލަމް ހޯދާދިނީމަ،" ރޮޒައިނާގެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވިއެވެ.