ހަބަރު

އަތުލި ހަތިޔާރުތަކުގެތެރޭ ސިފައިންގެ ދެ ބަޑި ހިމެނޭ: އެމްއެންޑީއެފް

Nov 1, 2015
  • އިތުރު ހަތިޔާރެއް މަދުތޯ ބަލަން އޮޑިޓެއް ކުރަނީ
  • ހަތިޔާރު ގުދަން ބެލެހެއްޓުން ވަރުގަދަކޮށްފި
  • މިލިޓްރީ ފުލުހުން އެކަމުގެ ތަހުގީގު ވަނީ ފަށާފައި

ބ. ހިބަޅިދޫ ބޭރުން ކަނޑު އަޑީގެ 42 މީޓަރު އަޑީގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް ގިނަ އަދަދެއްގެ ހަތިޔާރުތަކުގެ ތެރޭގައި ސިފައިންގެ އާމަރީއަށް ނިސްބަތްވާ ދެ ބަޑިއެއް ހިމެނޭ ކަމަށް އެމްއެންޑީއެފާއި ފުލުހުން ކަށަވަރުކޮށްދީފި އެވެ.

މިރޭ ފުލުހުން ބޭއްވި ދެ ވަނަ ނިއުސް ކޮންފަރެންސްގައި އިންކްއަރީ ކޮމިޝަންގައި ވެސް ހިމެނިވަޑައިގަންނަވާ ކެޕްޓަން އިހުސާން އަލީ ވިދާޅުވީ މި ހާތިޔާރުތަކާއި ގުޅިގެން ސިފައިންގޭގައި ބޭނުން ކުރާ ހަތިޔާރާ ގުޅުމެއް ހުރިތޯ މިހާތަނަށް ލިސްޓްތައް ބެލި އިރު ހިބަޅިދޫން ފެނުނު ހަތިޔާރުތަކުގެ ތެރޭ ހިމެނޭ އޭކޭ 103، އޭކޭ ޓީ 56 އަދި އެމްޓީ 5 މިއީ ސިފައިންގެ އާމަރީއަށް ނިސްބަތްވާ ދެ ހަތިޔާރު ކަމަށް ކަށަވަރުވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ މި ދެ ހަތިޔާރަކީ ސފައިންގެ އާމަރީއަށް ނިސްބަތްވާ ހަތިޔާރު ކަމަށް ގަބޫލު ކުރެވުނު ހިސާބުން ފެށިގެން މިހާރު ސިފައިންގޭގައި ހަތިޔާރުތައް ބެލެހެއްޓުމުގެ ނިޒާމު ހަރަދުނާކޮށް ސިސްޓަމްތައް ރިވައިޒްކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށެވެ.

"ސިފައިންގޭ ހަތިޔާރު ގުދަނުގައި ހުރި ހުރިހާ ހަތިޔާރެއް ފުލީ އެކައުންޓަބެލް ކޮށް ހުންނާނެ އިންތިޒާމެއް މިހާރު ހުންނާނީ ހަމަޖެހިފައި. އަދި މި ލިބުނު މައުލޫމާތުގެ އަލީގައި ޗީފް އޮފް ޑިފެންސްފޯސްގެ ސީދާ ބެލުމުގެ ދަށުން މިލިޓަރީ ޕޮލިހުންނާއި އަދި ފުލުހުންނާ ގުޅިގެން ވަރަށް ފުރިހަމަ ތަހުގީގެއް ސިފައިންގެއިން ހަތިޔާރުތައް ބޭރުވި ގޮތާއި ބޭރު ކުރި މހުންނާއި ސިސްޓަމްގައި ހުރި މައްސަލަތައް އެންމެ ފުނަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރުން މިހާރަށް އަޅަމުންދާ ވާހަކަ ދަންނަވަން،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ސިފައިންގެ ހަތިޔާރު ގުދަނާ ގުޅިގެން މިފަދަ ކަމެއް ދިމާ ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށާއި އޮޕަރޭޝަންގައި ފެނުނު އެކްސްޕްލޯސިވް ތަކުގެ އެއް ކޮމްޕައްޑަކީ އާރްޑީއެސް ކަމަށްވާއިރު އިންކްއަރީ ކޮމިޝަނުން ހާމަ ކުރި މައުލޫމާތަކުގައި ސައުދީ ފޮރެންސިކް ޓީމްގެ ރިޕޯޓުގައި "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލީ އާރްޑީއެސް ބޭނުންކޮށްގެން ކަމަށް ދައްކާތީ އެ ގުޅުންތައް ވެސް ބަލަމުން ދާ ކަމަށެވެ.

މިރޭ އެސިސްޓެން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވި ތަހުގީގުގެ ތެރެއިން ހިބަޅިދޫ ފާސް ކުރި އިރު ޓީޝާޓެއް ފެނިފައިވާ ކަމަށާއި އެ ޓީޝާޓަކީ މިހާރު ހައްޔަރުކޮށްފައި ހުރި މީހަކާ ގުޅުން ހުރި ޓީޝާޓެއް ކަމަށް ބެލެވިފައިވާތީ އެކަން ޔަގީން ކުރަމުން އަންނަ ކަމަށެވެ.

"އަޅގަނޑުމެނަށް ބެލިފައި ވަނީ އެއީ އެމްއެންޑީއެފްގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން މީހެއްގެ ޓީޝާޓެއް ކަމަށް" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިރޭ ހިސާން ވިދާޅުވީ ވިދާޅުވީ މި ދެ ހަތިޔާރު އާމަރީން ބޭރު ކުރީ ކޮން ބައެއްކަން އަދި ހާމަ ކުރެވެން ނެތް ކަމަށާއި ތަހުގީގުގައި މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާ ކުރާނެ ކަމަށެވެ. އަދި މިހާރު ސިސްޓަމް އިންގޮތުން ނާއި އަދި އަސްކަރިއްޔާގެ މައުލޫމާތަކީ އޮޑިޓްތައް ކުރަމުންދާ ވަރަަކަށް މީީޑިއާ ހިއްސާ ކުރާ މައުލޫމާތެއް ނޫން ކަމަށެވެ. ނަމަވެސް ފެނުުނު އާމަރީއަށް ނިސްބަތްވާ ހަތިޔާރާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މީހުންނަށް ފިޔަވަޅުއަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.