- ހައްޔަރު ކުރި މީހާއަށް ހަރަދު ކުރީ އަދީބު
- ހަވާލު ކުރީ ހަތިޔާރު ބޭނުންކޮށް ރައީސް އަވަހާރަކޮށްލަން
- ކޯޓުން ވަނީ އެމީހާގެ ބަންދަށް 15 ދުވަސް ދީފައި
ހަތިޔާރު ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ކޮންޓްރެކްޓެއް ހަދައި ގެނެސް މާލޭގައި މަސައްކަތްކުރި ސްރީލަންކާ މީހަކު ހައްޔަރުކޮށްފި އެެވެ.
ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ސްރީލަންކާގެ ފިރިހެނެއް ކަމަށާއި ފުލުހުންގެ އެމީހާ ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ
މިއަދު ފުލުހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިއަ އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ހަތިޔާރުގެ ބޭނުންކޮށްގެން ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެ މީހާ ރާއްޖެ ގެނެސްފައިވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާދީގެންކަން ކަމަށެވެ. އަދި އެމީހާއި ހަލުކޮށްފައިވަނީ ހަތިޔާރު ބޭނުން ކޮށްގެން ރައީސް ޔާމީން އަވަހާރަކޮށްލުމުގެ މަސައްކަތްކަން ވެސް ތަހުގީގަށް ވަނީ ކަށަވަރުވެފައިވާ ކަމަށެވެ.
އެއީ ކާކުކަން ފުލުހުން ނުބުނި ނަމަވެސް "އަވަސް" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ މީހާ ރާއްޖެ ގެނައުމަށް ބޭނުންވާ ހުރިހާ ހަރަދެއް ކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދަން 15 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދެއްވާފައެވެ.
ފުލުހުން މިކަން ޔަގީންކޮށް ދިން އިރު ރައީސް ޔާމީން އަވަހާރަކޮށްލައިން ލަންކާއިން ގެނައި ސްނައިޕާ ޝޫޓަރަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ކުރިން ވަނީ އަޑު ފެތުރިފަ އެވެ.
މި މީހާ ހައްޔަރުކޮށް މައްސަލަ ބަލަމުން އަންނަ އިރު ބ. ހިބަޅިދޫ ކައިރިން ކަނޑުއަޑިއަށް ފައްތާފައި ހުރި ހަތިޔާރުތަކުގެ ތެރޭގައި ސްނައިޕާ ރައިފަލްގެ ސްކޯމައުންޓާއި އޭގެ ވަޒަނާއި ބައެއް އާލާތްތައް ވެސް ހިމެނެ އެވެ.