ހަބަރު

ނައިބު ރައީސް ކުށެއް ނުކުރައްވާ، މައްސަލަޔާ ކުރިމަތި ލައްވާނެ: ވަކީލް

  • ބޭރުގައި ހުންނަވަނިކޮށް ސަރުކާރުން މީހުން ފޮނުވައި ބިރު ދެއްކި
  • ނައިބު ރައީސާމެދު ދޫނިދޫގައި އަމަލު ކުރަނީ އިހާނެތިކޮށް
  • ކެރިގެން ތަހުގީގާ ކުރިމަތިލާން މިހުރީ ތައްޔާރަށް

ހައްޔަރުކޮށް ސުވާލުކުރަންޖެހޭ ވަރުގެ ކުށެއް ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް މިހާރުގެ ހާލަތާއި ކުރިމަތި ލައްވައި ތަހުގީގަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ކަމަށް އެމަނިކުފާނުގެ ލޯޔަރު ހުސެން ޝަމީމް މިރޭ ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސްގެ ގާނޫނީ ވަކީލް ކުރީގެ ޕީޖީ ހުސައިން ޝަމީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ހައްޔަރުކުރަންޖެހޭ ވަރުގެ ކުށެއް ކުރައްވާފައިވާ ކަމަށް ނައިބު ރައީސް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއެކު ހާލަތާ ކުރިމަތި ލައްވަން ތައްޔާރަށް ކަމަށާއި އެމަނިކުފާނުގެ ފަރާތްޕުޅުން ތަހުގީގަށް ދެއްވަންޖެހޭ ފުރިިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެމަނިކުފާނާއި ގުޅުންހުރި ބޭފުޅުންނާއި އެމަނިކުފާނު ދިރިއުޅުެއްވާ ތަންތަން ވެސް ފުލުހުން އެ ދަނީ ތަހުގީގު ކުރަމުން. އެމަނިކުފާނުގެ ގެއާއި ދަބަހަށް ދަންދެން ފާސްކުރައްވަންވީ. އެކަމަކަށް އެއްވެސް ހުރަހެއް ނައިބު ރައީސް ނައަޅުއްވާނެ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލައި ރައީސް އަވަހާރަކޮށްލަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް ނައިބު ރައީސް ހައްޔަރުކޮށްފައިވަނީ ހަމައެކަނި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށްބެލުމަށްފަހު ކަމަށެވެ. އަދި އެމަނިކުފާނު ކުށެއް ކުރެއްވިކަމުގެ އިތުރު އެއްވެސް ހެއްކެއް ނުވާތީ، ހައްޔަރުގެ މުއްދަތު އިތުރުކޮށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެސް އޭނާ ވިދާޅުވި އެވެ.

"އިންޓެލިޖެންސް ރިޕޯޓެއް ފިޔަވާ އިތުރު އެއްވެސް ގަރީނާއެއް ހެއްކެއް ހުރި ކަމަށް ފުލުހުން ބުނެފައެއް ވެސް ނެތް. ގާނޫނު އަސާސީގައި އޮންނަ ގޮތުން މީހަކު ހައްޔަރު ކުރަންޏާ ނުވަތަ ހައްޔަރުގައި ދަމަހައްޓަންޏާ ފަސް ކަމެއް ފުރިހަމަ ވާން ޖެހޭ،" ޝަމީމް މިދާޅުވި އެވެ.

"ނައިބު ރައީސަކީ ފިއްލަވަން އުޅުއްވާ ބޭފުޅެއް ނޫން. އެނޫން ނަމަ ރާއްޖެ ވަޑައިނުގަންނަވާނެ. ދެވަނަ ކަމަކީ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި.އެމަނިކުފާނު ބޭއްރަށް ވަޑައިގެންނެވި އިރުވެސް ވިދާޅުވި ވަޑައިގަންނަވާނެ ކަމަށް. ތިންވަނަ ކަމަކީ ހެކިންނަށް ނުފޫޒު ފޯރުވުން. ހަތަރުވަނަ ކަމަކީ ހެކި ނައްތާލުން. މި ދެކަންތަކަށް ބަލާއިރު ނައްތާލަން ޖެހޭ ހެއްކެއް އަދި ނޭނގެ. ފަސްވަނަ ކަމަކީ މުޖުތަމައަށް ނުރައްކާވާ މީހެއް ކަމަށް ވުން. އެމަިކުފާނަކީ ކުށުގެ ރިކޯޑެއް އޮތް ނުރައްކާތެރި ބޭފުޅެއް ނޫން،"

ތަހުގީގާއި ގުޅޭ އެއްވެސް ސުވާލެއް މިހާތަނަށް ކުރައްވާފައި ނުވާއިރު، ގައުމުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އަދީބަށް ދެއްވަންޖެހޭ ރައްކާތެރިކަމާއި އިއްޒަތް ދޫނިދޫއަށް ގެންދިޔުމަށްފަހު ފުލުހުން ދީފައި ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނައިބު ރައީސަކީ މިހާރުވެސް މަގާމުގައި ހުންނެވި ބޭފުޅާ ކަމަށް ވުމުން އެމަނިކުފާނު ބަންދުގައި ބަހައްޓަވަން ޖެހޭނީ ފެންވަރު ރަނގަޅުތަނެއްގައި ކަމަށެވެ. ނަމަވެސް އަދީބު ބަހައްޓަވާފައި ހުންނެވީ އާންމު މީހުން ބައިތިއްބާ ތަނެއްގައި ކަމަށް ވުމުން ހަމަހަމަކަން ގެއްލިފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އާންމުގޮތެއްގައި އިސް ބޭބޭފުޅުން ހައްޔަރުކުރައްވައިގެން ގޮސް ބައިތިއްބަނީ ތަންކޮޅެއް ރަނގަޅު ތަނެއްގައި. އެތަންތަނުގައި ފާހާނަވެސް ހުރޭ އޭސީވެސް ހުރޭ. އެހެން ނަމަވެސް ނައިބު ރައީސާ މެދު އަމަލުކުރައްވަނީ ވަރަށް އިހާނާތްތެރިކޮށް. އެހެންވީމަ ހަމަހަމަކަމެއް ނެތްކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައި،" ޝަމީމް ވިދާޅުވި އެވެ.

ނައިބު ރައީސް އަދީބުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ މާދަމާ 11:50 އަށެވެ.